
ޖަޕާންގެ އޮސާކާއަށް މިއަދު އައި ބާރުގަދަ ބިންހެލުމުގައި ދެ މީހުން މަރުވެ، އޮސާކާގެ ބޮޑެތި ފެކްޓްރީތަކުގެ މަސައްކަތް ހުއްޓިއްޖެ އެވެ.
ޖަޕާން ގަޑިން މިއަދު ހެނދުނު 8:00 ހާއިރު މި ބިންހެލުން އައީ އާންމުން މަސައްކަތަށް ނިކުމެ މަގުތައް އެންމެ ބާރުބޮޑުވި ވަގުތުގަ އެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވިސް އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ޖަޕާނަށް ބިންހެލުން އައީ ރެކްޓާ މިންގަނޑުން 5.3ގެ ބާރުމިނުގަ އެވެ.
މި ބިންހެލުމާ ގުޅިގެން ކުޑަ އަންހެން ކުއްޖަކާއި އުމުރުން ދުވަސްވީ މީހަކު މަރުވެފައިވާއިރު އެ މީހުން މަރުވީ އިމާރާތެއްގެ ފާރު ގައިމައްޗަށް ވެއްޓިގެން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މި ބިންހެލުމާ ގުޅިގެން 170،000 ގޭބިސީއަކުން ކަރަންޓްގެ ހިދުމަތް މެދުކެނޑިގެންދިޔައިރު މިހާރު ވަނީ އޮސާކާގައި ރޭލުގެ ހިދުމަތް ވެސް މެދުކަނޑާލާފަ އެވެ. އެކަމަކު ގޭބިސީތަކަށް މިހާރު ވަނީ ކަރަންޓް ދީފަ އެވެ.
އޮސާކާ އަށް އައި ބިންހެލުމާ ގުޅިގެން އޮސާކާގައި ހިންގަމުން ގެންދާ ޕެނޮސޮނިކްގެ ފެކްޓްރީތަކާއި ޓޮޔޯޓާގެ ފެކްޓްރީ ތަކުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.
އޮސާކާއަށް ބިން ހެލުމާ ގުޅިގެން އެ ސަރަހައްދުގައި އުޅޭ ދިވެހިންގެ ހާލު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި މިހާދިސާގައި މިހާތަނަށް އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައި ނުވާ ކަަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ޖަޕާންގެ އިތުރުން ގުއަޓަމާލާ އަށް ވެސް މިއަދު ހެނދުނު ވަނީ ރެކްޓާ މިންގަނޑުން 5.6ގެ ބިންހެލުމެއް އައިސްފަ އެވެ. ނަމަވެސް މިހާދިސާގައި އެއްވެސް މީހަކު މަރުވެފައިވާ ކަމަށް މީޑިއާ އިން އަދި ރިޕޯޓްކޮށްފައެއް ނުވެ އެވެ.
ކިޔުންތެރިންގެ ހިޔާލު