
ވޯރލްޑް ކަޕްގައި ސާބިއާއާއި، ސްވިޓްޒަރލޭންޑް ބައްދަލުކުރި މެޗްގެ ރެފްރީގެ މައްސަލަ ހޭގްގައި ހުންނަ ހަނގުރާމައިގެ ޖަރީމާތައް ބަލާ ބައިނަލްއަގްވާމީ ކޯޓަށް ހުށަހަޅައި އޭނާގެ މައްޗަށް ޝަރީއަތް ހިންގުމަށް ސާބިއާގެ ކޯޗު ގޮވާލައިފިއެވެ.
ރަޝިޔާގެ ކަލިނިންގްރެޑްގައި އިއްޔެރޭ ކުޅުނު ފޯރިގަދަ މެޗްގައި ސާބިއާގެ މައްޗަށް ސްވިޓްޒަރލޭންޑް ކުރިހޯދީ، ސާބިއާ އެއްލަނޑު ޖަހާފައިވަނިކޮށް ފަހަތުން އަރާ ދެލަނޑު ޖަހައިގެންނެވެ.
މެޗްގެ ފުރަތަމަ ހާފް ފެށުނުތާ ފަސްވަނަ މިނެޓްގެ ތެރޭގައި ސާބިއާއަށް ލަނޑު ޖަހައިދިނީ އެލެކްސެންޑަރ މިޓްރޮވިޗެވެ. ސްވިޓްޒަރލޭންޑަށް ގޯލްތައް ޖަހާދީފައިވަނީ މެޗްގެ ދެވަނަ ހާފްގައި ގްރަނިޓް ޒަކާއާއި، ޒަރްދަން ޝަކީރީއެވެ.
އިއްޔެރޭގެ މެޗުން މޮޅުވިނަމަ، ސާބިއާ ފުރަތަމަ ފަހަރަށް ވޯރލްޑް ކަޕްގެ ނޮކްއައުޓް ބުރަށް ކޮލިފައިވާނެއެވެ. އެހެންނަމަވެސް، ސްވިޓްޒަރލޭންޑް އަތުން ބަލިވުމުން ސާބިއާއަށް މިހާރު ޖެހިފައިވަނީ ބްރެޒިލްއާ ކުރިމަތިލައިގެން އެފުރުސަތު ހޯދާށެވެ. އެއީ ސާބިއާއަށް ފަސޭހަވާނެކަމެއް ނޫނެވެ.
މެޗުން ބަލިވުމުން ސާބިއާވަނީ މެޗްގެ ރެފްރީ، ޖަރުމަނުވިލާތުގެ ފެލިކްސް ބްރިޗްދެކެ ވަރަށް ރުޅިއައިސްފައެވެ. ސާބިއާއިން ބުނަނީ، މެޗްގެ 66 ވަނަ މިނެޓްގައި ޖަރުމަނުގެ ރެފްރީ ސާބިއާއަށް ގަސްތުގައި ޕެނަލްޓީ ނުދިނީ ކަމަށެވެ. ސްވިޓްޒަރލޭންޑްގެ ޑިފެންޑަރ ސްޓެފަން، ސާބިއާގެ މިޓްރޮވިޗް ޕެނަލްޓީ އޭރިއާ ތެރެއިން ދަތިއަޅުވައި ވައްޓާލުމަކީ ޕެނަލްޓީއެއް ދޭންޖެހޭ ކަމެއް ކަމަށް ސާބިއާއިން ބުނެއެވެ.
"އެއީ އަހަރެމެން އަތުން ފޭރިގަތުމެއް. އަހަރެން އެ ރެފްރީއަށް ރީނދޫކާޑެއް އަދި ރަތްކާޑެއްވެސްނޫން ދައްކާނީ. އަހަރެން އޭނާ ސީދާ ފޮނުވާނީ ހޭގަށް. އޭރުން އެމީހުން އޭނާގެ މައްޗަށް ޝަރީއަތް ހިންގާނެ. އެއީ އަހަރެމެންގެ މައްޗަށް އެމީހުން ކަންތައްކުރިފަދައިން" ރެފްރީގެ ނިންމުމާ ގުޅޭގޮތުން ރަޝިޔާގައި ތިބި ސާބިއާގެ ނޫސްވެރިން ސުވާލުކުރުމުން، ސާބިއާގެ ކޯޗް މްލަޑެން ކްރަސްޓޭޖިޗް ބުނެފައި ވެއެވެ.

ހޭގްގައި ހުންނަ ހަނގުރާމައިގެ ޖަރީމާތަކުގެ މައްސަލަތަކުގެ ޝަރީއަތް ހިންގާ ކޯޓަކީ، ޔޫގޮސްލާވިއާ ހަނގުރާމައިގެ ދުވަސްވަރު، ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ މީހުންނާ ދެކޮޅަށް ޝަރީއަތް ހިންގުމަށް އދއިން ގާއިމްކޮށްފައިވާ ކޯޓެކެވެ. އެކޯޓުގައި ޝަރީއަތް ހިންގައި ގިނައިން ކުށްވެރިވެފައިވަނީ ސާބް ދަރިކޮޅުގެ މީހުންނެވެ.
ސްވިޓްޒަރލޭންޑް މެޗުން ބަލިވުމުން، ސާބިއާގެ ކޯޗުވަނީ މެޗްގެ ފޮޓޯއެއް އިންސްޓަގްރާމްކޮށް، ވަރުގަދަ ކޮމެންޓެއްވެސް ލިޔެފައެވެ. އޭގައި ބުނެފައިވަނީ، އިންސާފު ލިބުމުގައި އަބަދުވެސް ކުށްވެރިވަނީ ސާބުންކަމަށާއި، ހޭގްގައިވެސް އެގޮތަށް ދިމާވުމަށްފަހު މިފަހަރު ފުޓްބޯޅައިގައި، ވީއޭއާރްގައިވެސް ކަންތައްވީ އެހެން ކަމަށެވެ. މިއީ ހިތާމަކުރާ ކަމެއް ކަމަށްވެސް ބުނެފައި ވެއެވެ.
ވީއޭއާރަކީ، މިފަހަރުގެ ވޯރލްޑް ކަޕްގައި އަލަށް ބޭނުންކުރަންފެށި ވީޑިއޯ އެސިސްޓެންޓް ރެފްރީ ނިޒާމެވެ. މިއީ، މެޗްގެ ތެރޭގައި ހިނގާ ޚިޔާލުތަފާތުވުން އުފެދޭ މައްސަލަތައް ވީޑިއޯ ބަލައިގެން ވަގުތުން ހައްކުރުމަށް ފީފާއިން ބޭނުންކުރަންފެށި ނިޒާމެކެވެ.
ސްވިޓްޒަރލޭންޑް-ސާބިއާ މެޗް ފެށުމުގެ ކުރިންވެސް، އެމެޗަށް ބޯލްކަން ހަނގުރާމައިގެ ނުތަނަވަސްކަން ވެރިވެފައިވާކަމަށް ބުނެވެއެވެ. ސަބަބަކީ، ސާބިއާކޮޅަށް ދެލަނޑުޖެހި ސްވިޓްޒަރލޭންޑްގެ ޒަކާއާއި، ޝަކީރީއަކީ ކޮސޯވޯ ނަސްލުގެ ދެކުޅުންތެރިކަމުގައި ވާތީއެވެ. ކޮސޯވޯއަކީ ކުރިން ސާބިއާގެ ޕްރޮވިންސެކެވެ. އެހެންނަމަވެސް، 2008 ވަނަ އަހަރުން ފެށިގެން އެއީ މިނިވަން ދައުލަތެކެވެ. ކޮސޯވޯއަކީ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ގައުމެކެވެ. ކޮސޯވޯގެ މިނިވަންކަން ސާބިއާއިން އަދިވެސް ގަބޫލުކޮށްފައެއް ނުވެއެވެ.

ސާބިއާގެ ކޮޅަށް ލަނޑުތައް ޖެހުމަށްފަހު ޝަކީރީވެސް އަދި ޒަކާވެސް އެކަން ފާހަގަކުރުމަށް ދެއަތްތިލަ ބޭނުންކޮށްގެން ދެއްކި ނިޝާނުގެ މައްސަލަވެސް ސާބިއާއިން ނަގައިގެން އެބައުޅެއެވެ. ޝަކީރީއާއި ޒަކާ ދެއްކި ނިޝާނަކީ އަލްބޭނިއާ ދިދައިގައި ހުންނަ ނިޝާންކަމަށް ވެއެވެ. ކޮސޯވޯގެ އާބާދީގައި އަލްބޭނިއާ ދަރިކޮޅުގެ މީހުން ގިނައިރު، އެމީހުން ރަމްޒުކޮށްދޭ ނިޝާނަކީ އެއީކަމަށް ވެއެވެ.
ސާބިއާގެ ނޫސްތަކުން ބުނެފައިވަނީ، ސާބިއާ ކޮޅަށް ލަނޑުޖެހުމަށްފަހު ދެއަތްތިލަ ބޭނުންކޮށްގެން ޑަބަލް އީގަލް ނިޝާން ދައްކައި ޝަކީރީ ޖެއްސި ވައްތަރުތަކަކީ ސާބިއާ ރުޅިއަރުވަން ކުރި ކަންތައްތަކެއް ކަމަށެވެ. އެހެންނަމަވެސް، އެކަމާ ގުޅޭގޮތުން ނޫސްވެރިން ސުވާލު ކުރުމުން ޝަކީރީ ބުނެފައިވަނީ، އެއީ ލަނޑެއްޖެހުމުން ވީއުފަލުން އޭނާ ހާމަކުރި ޝުއޫރު ކަމަށެވެ. ސިޔާސީ ކަންކަމާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ ހުއްދަ ނެތްކަމަށްވެސް ޝަކީރީ ބުންޏެވެ.
ޚަބަރު ލިބޭގޮތުގައި، ސާބިއާ ކޮޅަށް ލަނޑުޖެހުމަށްފަހު ޝަކީރީއާއި، ޒަކާ އަތުން ނިޝާންތަކެއް ދައްކައި، އުފާފާޅުކުރި ގޮތުގެ މައްސަލަ، ސާބިއާގެ ފުޓްބޯޅަ އެސޯސިއޭޝަނުން މިހާރުވަނީ ފީފާއަށްވެސް ހުށަހަޅާފައެވެ. މީގެއިތުރުން، ޝަކީރީ އަރައިގެންހުރި ބޫޓްގައި ހުރި ނިޝާނެއްގެ މައްސަލަވެސް ސާބިއާއިން ފީފާއަށް ހުށަހަޅާފައިވާ ކަމަށް ވެއެވެ.
"އަހަރެމެން އެދުނިން އޭނާގެ ބޫޓު ބަދަލުކުރުމަށް. އެއީ ރުޅިއަރުވަން އޭނާ ކުރިކަމެއް. އަހަރެމެން ނުކުތީ ސްވިޓްޒަރލޭންޑާ ދެކޮޅަށް ކުޅެން، ކޮސޯވޯއާ ދެކޮޅަކަށްނޫން" ސާބިއާ ޓީމުގެ އޮފިޝަލަކު، ސާބިއާގެ ރަސްމީ ޓިވީއަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު