ޕެރަޑައިސް އައިލެންޑް ރިސޯޓުން: އަހުމަދު ހަމީދު އާދަމް

ދިވެހި ރައްޔިތުން ބިރަށް ނޫނެކޭ ބުނެ "ބިރު" ފަހަނައަޅާދާންޖެހޭކަމަށާ މިއަހަރު މިވެރިކަން ނިމޭނެކަމަށް ކުރީގެ ނާއިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ 3 ވަނަ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތަށް އިނގިރޭސިވިލާތުގައި ހުންނަވައިގެން ޑރ ޖަމީލު ފޮނުއްވާފައިވާ ވީޑިއޯ މެސެޖެއްގައި ވިދާޅުވެފައިވަނީ
ކުރަންޖެހޭ މަސައްކަތް ވަރަށް ގިނަކަމަށާ ރައްޔިތުންނާއި، ޕާޓީތައް ގުޅިގެން ކުރަންޖެހޭ މަސައްކަތްވެސް ވަރަށް ގިނަކަމަށެވެ.
ރާއްޖެއަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގައުމުގެ ވެރިކަންކުރައްވަން ވަޑައިގަންނަވާ ވެރިން ރައްޔިތުން ދެކެ ބިރު ގަންނަ ގަތުންކަމަށް ޑރ ޖަމީލު ވިދާޅުވިއެވެ.
"ހައްގު ދިނުމަށް ގަންނަ ބިރު، އަދުލްއިންސާފަށް ގަންނަ ބިރު، މި ބިރުގެ ތެރެއިން މުޅި ގައުމު މިވަނީ ބިރު ގަންނަވާލާފައި، ޝަރުއީ ނިޒާމު ވަނީ ބިރު ގަންނަވާލާފައި، މިބިރުގެ ތެރޭގައި ސިފައިންނާއި، ފުލުހުން ވަނީ ބިރުގެންފައި، ގާނޫނު ނެގެހެއްޓުމަށް ފުރަގަސްދީފައި." ޑރ ޖަމީލް ވިދާޅުވިއެވެ.
ސިފައިންގެ މަސްއޫލިއްޔަތަކީ ހަމައެކަނި ރައީސް ހިމާޔަތްކުރުމެއް ނޫންކަން ފާހަގަކުރައްވާ ޑރ ޖަމީލް ވިދާޅުވީ ގާނޫން އަސާސީ ނެގެހެއްޓުމާއި ކޯޓުތަކުންކުރާ ހުކުމްތައް ދެމެހެއްޓުމާއި، މިނިވަން މުއައްސަސާތައް ހިމާޔަތްކުރުމާއި، އެއްވުމުގެ ހައްގު ކަށަވަރުކޮށްދިނުމަކީވެސް ސިފައިންގެ މަސްއޫލިއްޔަތެއްކަމަށެވެ.
މިހާތަނަށް ރާއްޖޭގައި ވެރިކަންކުރެއްވި ހުރިހާ ވެރިންނަށްވެސް ދިމާވި މައިގަނޑު މައްސަލައަކީ ރައްޔިތުންގެ ހައްގުތައް ދިނުމަށް ފަސްޖެހުންކަމަށާ އެކަމުގެ ނަތީޖާއަކަށް ވެގެންދިޔައީ ވެރިކަމާއި ދެކޮޅަށް ރައްޔިތުން ތެދުވުންކަމަށެވެ.
ޑރ ޖަމީލް ވިދާޅުވީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި، ބަލާލި ކޮންމެ ދިމާއަކުން މިއަދު ފެންނަމުންދަނީ ބިރުގެންފަތިބި މަންޒަރުކަމަށެވެ.
"އިލެކްޝަންސް ކޮމިޝަން ބިރު ގެންފައި، ފުލުހުން ބިރުގެންފައި، ސިފައިން ބިރުގެންފައި، ޝަރުއީ ނިޒާމު ބިރުގެންފައި." ޑރ ޖަމީލު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ރައްޔިތުން މިއަދު ބިރު ފަހަނައަޅާ ދާންޖެހޭކަމަށާ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައްޔިތުން ހިތްވަރުދައްކާ ކާމިޔާބު ހޯދާނެކަމަށެވެ.
ޝައްކެއްވެސް ނެތް ގޮތުގައި އަޅުގަނޑުމެންނަށް ކާމިޔާބު ލިބޭނެ. ދިވެހިންނަކީ ކުޅަދާނަ ބައެއް، ދިވެހިންނަކީ ހިތްވަރުގަދަ ބައެއް." ޑރ ޖަމީލު ވިދާޅުވިއެވެ.

މި ރާއްޖޭގައި ވެރިކަންކުރަން އެނގޭނީ އެންމެ ދެ މީހަކަށް ނޫންކަމަށާ ރައީސް ޔާމީނާއި، ޔާމީންގެ އަނބިކަނބަލުންނާއި، ވެރިކަންކުރާ ޕާޓީ ދެކެ ބިރުގަނެގެން އިންސާފުން ހުކުމްކުރަން ނުކުރޭ ގާޒީ މިއަދު ވިސްނާލަންޖެހޭކަމަށް ޖަމީލް ވިދާޅުވިއެވެ.
"ރައީސް ޔާމީން ދެކެ ބިރުގަންނާކަށް ނުޖެހޭ، ގާޒީންނާއި، އެހެން އެއްވެސް މީހެއް ދެކެ ބިރުގަންނަނާނެކަމެއް ނެތް. ބިރުވެތިވާން ހަމަ އެންމެ ފަރާތަކަށް." ޖަމީލް ވިދާޅުވިއެެވެ.
ޑރ ޖަމީލް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ ގައުމުގެ ހާލަތު ބަދަލުކުރަން ރައްޔިތުންނަށް ލިބޭ ރަނުގެ ފުރުސަތެއްކަމަށާ ވަގުތު ޖެހުން ދިވެހި ރައްޔިތުން ނިކުމެ މައްސަލަތަކުގެ ހައްލު ހޯދާނެކަމާއިމެދު ޝައްކު ނުކުރައްވާކަމަށެވެ.
މިވަރުގެ އަނިޔާވެރިކަމެއް ދުވަހަކުވެސް ދިވެހި ތާރީޚު ނުދެކޭކަން ފާހަގަކުރައްވާ ޖަމީލް ވިދާޅުވީ މިވަރަށް މިނިވަންކަން ނިގުޅައިގެންފައިވާ ދުވަސްވަރެއް ނާންނަކަމަށެވެ. އަދި މާތްﷲގެ އިރާދަފުޅުން މިއަހަރު މިވެރިކަން ނިމޭނެކަމަށެވެ.
ޖަލުގައި ބަންދުކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ކުރީގެ ނާއިބް ލީޑަރު އަބުދުﷲ ރިޔާޒު ޖަލަށްލާފައިވާތީ ހިތާމަކުރާކަމަށާ އެ އާއިލާއަށް ހިތްވަރުދީ އަބަދުވެސް އެކުގައި ތިބޭނެކަމަށް ޖަމީލް ވިދާޅުވިއެވެ. އަދި ޝައިޚް އިމްރާން އަބުދުﷲއާއި، ކާނަލް މުހައްމަދު ނާޒިމާއި، ރައީސް މައުމޫންގެ އިތުރަށް ނުހައްގު އަނިޔާގައި ޖަލުގައި ތިއްބެވި ހުރިހާ ބޭފުޅުންނާއިއެކު ހުންނެވިކަމަށް ޖަމީލް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު