
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވަންޓަސް އަށް މިހާރުވެސް ސޮއިކޮށްފައިވާ ކަމަށް އެ ކްލަބުގެ ކުރީގެ ސީއީއޯ ލޫސިއާނޯ މޮގީ ވިދާޅުވެއްޖެއެވެ.
އިޓަލީގެ ޓީވީ އަކަށް ދިން އިންޓަވިއުއެއްގައި މޮގީ ވިދާޅުވީ އޭނާ ދެކޭ ގޮތުގައި މިހާރުވެސް ރޮނާލްޑޯ ވަނީ ޔުވަންޓަސްގެ އެއްބަސްވުމުގައި ސޮއިކޮށްފައި ކަމަށާއި، އޭނާ އެއްބަސްވުމުގައި ސޮއިކުރީ މިއުނިކްގައި ހެދި މެޑިކަލް ޓެސްޓަށް ފަހުކަމަށް،، އަދި މެޑިކަލް އިން ރޮނާލްޑޯ ފާސްވެފައިވާ ކަމަށްވެސް މޮގީ ވަނީ ވިދާޅުވެފައެވެ.
ރޮނާލްޑޯގެ "ޓީނޭޖް" ދުވަސްވަރު ޔުވަންޓަސް އަށް ގެންނަން މަސައްކަތްކުރި މޮގީ ވިދާޅުވީ، ރޮނާލްޑޯ ޔުވަންޓަސް އަށް ބަދަލުވިކަމަށް ބެލެވެނީ ބައެއް މުހިންމު މީހުންނާ ދެއްކި ވާހަކަތަކަށް ފަހުކަމަށެވެ.
ރޮނާލްޑޮ ޔުވަންޓަސް އަށް ބަދަލުވިކަމަށް ރިޕޯޓްތައް ބުނަމުން އަންނައިރު، މިކަމާ ގުޅިގެން ރެއާލް އަދި ޔުވަންޓަސްގެ އިތުރުން ރޮނާލްޑޯވެސް އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.
އެހެންނަމަވެސް ކުރިޔަށް އޮތް ހަފްތާ ތެރޭގައި ޔުވަންޓަސްގެ ކުޅުންތެރިޔެއްގެ ގޮތުގައި ރޮނާލްޑޯ ތައާރަފްވެގެންދާނެ ކަމަށް ބެލެވެއެވެ.
ރޮނާލްޑޯ މި ވަގުތު ރެއާލުގެ ކޮންޓްރެކްޓުގައި ހުރީ އަހަރަކު 18.5 މިލިއަން ޕައުންޑް ލިބޭ ގޮތަށް 2021 ވަނަ އަހަރުގެ ނިޔަލަށެވެ. ދާދި ފަހުން ރެއާލުން ވަނީ ރޮނާލްޑޯ ވިއްކާލަން ކިޔާ އަގު 100 މިލިއަން ޕައުންޑަށް ކުޑަކޮށްފައި،، އެގޮތުން ރިޕޯތްތައް ބުނާގޮތުން ޔުވަންޓަސް އިން ރޮނާލްޑޯ ހޯދުމަށް ބިޑުކޮށްފައިވަނީ 100 މިލިއަން ޔޫރޯއެވެ.
ރޮނާލްޑޯއަކީ ރެއާލްގެ ތާރީހުގައި ވެސް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއަށް ވާއިރު އޭނާ ވަނީ އެޓީމަށް ގިނަ ކާމިޔާބުތަކެއް ހޯދައިދީފައެވެ.
ކިޔުންތެރިންގެ ހިޔާލު