
އިނގިރޭސި ސަރުކާރުގެ ޚާރިޖީ ވަޒީރުކަމުން ބޮރިސް ޖޯންސަން އިސްތިއުފާ ދެއްވައިފިއެވެ.
ބޮރިސް ޖޯންސަން ޚާރިޖީ ވަޒީރުކަމުން އިސްތިއުފާ ދެއްވިއިރު، އޭގެ ގަޑިއިރުތަކެއް ކުރިން ސަރުކާރުގެ ބްރެގްޒިޓް ނުވަތަ އިނގިރޭސިވިލާތް، އީޔޫއިން ވަކިވުމާ ގުޅޭ ކަންކަމާބެހޭ ވަޒީރުވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ޚާރިޖީ ވަޒީރު ބޮރިސް ޖޯންސަން މަގާމުން އިސްތިއުފާ ދެއްވީ، ސީދާ ކީއްވެގެންކަމެއް، ސަރުކާރުންވެސް އަދި ބޮރިސް ޖޯންސަންވެސް ހާމަކުރައްވާފައެއް ނުވެއެވެ.
"މިއަދު މެންދުރުފަހު ބޮޑުވަޒީރުވަނީ ޚާރިޖީ ވަޒީރުކަމުން އިސްތިއުފާ ދެއްވުމަށް ބޮރިސް ޖޯންސަން ހުށަހެޅުއްވި ހުށަހެޅުއްވުން ގަބޫލުފުޅު ކުރައްވާފައި. އޭނާގެ ބަދަލުގައި މަގާމަށް އައްޔަން ކުރައްވާނެ ބޭފުޅަކު ވަރަށް އަވަހަށް އިޢްލާން ކުރައްވާނެ. ބޮރިސް މަގާމުގައި ހުންނަވައިގެން ކޮށްދެއްވި މަސައްކަތްޕުޅުތަކަށް ބޮޑުވަޒީރު ޝުކުރު އަދާކުރައްވާ" އިނގިރޭސި ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
ރިޕޯޓްތައް ބުނާގޮތުގައި، ބޮރިސް ޖޯންސަން ވަނީ، އިނގިރޭސިވިލާތް އީޔޫއިން ވަކިވުމަށްފަހުގައިވެސް، އީޔޫއާއެކު އިނގިރޭސިވިލާތުން ބޭއްވުމަށް ބޮޑުވަޒީރު ތެރީސާ މޭ އެކަށައަޅުއްވާފައިވާ އިގްތިސާދީ ވަރުގަދަ ގުޅުންތަކުގެ ޕްލޭން ކުށްވެރި ކުރައްވާފައެވެ. ބޮރިސް ޖޯންސަންއަކީ އިނގިރޭސިވިލާތް އީޔޫއިން ވަކިވުމަށް އެންމެ ވަރުގަދައަށް ކެމްޕެއިން ކުރެއްވި އެއް ބޭފުޅެވެ.
ބޮޑުވަޒީރު ތެރީސާ މޭ ހުށަހެޅުއްވި ޕްލޭން މިދިޔަ ހުކުރުދުވަހު ކެބިނެޓުން ފާސްކުރިފަހުން ޚާރިޖީ ވަޒީރު މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
ޚަބަރު ލިބޭގޮތުގައި، ސަރުކާރުގެ ބްރެގްޒިޓް ވަޒީރުވެސް މަގާމުން ކުއްލިގޮތަކަށް މިއަދު އިސްތިއުފާ ދެއްވީ، އީޔޫއިން ވަކިވުމަށް ބޮޑުވަޒީރު ގެންގުޅުއްވާ ޕްލޭނާމެދު ހިތްޕުޅުހަމަޖެހިވަޑައި ނުގެންނެވެ.
ކިޔުންތެރިންގެ ހިޔާލު