
އެޓްލެޓިކޯ މެޑްރިޑަށް ކުޅެމުން އައި ސްޕެއިންގެ ފޯވާޑް ޖަޕާން ލީގުގެ ސަގަން ޓޮސޫ އަށް ބަދަލުވެއްޖެއެވެ.
ސަގަން ޓޮސޫ އަށް ބަދަލުވިކަން އުމުރުން 34 އަހަރުގެ ޓޮރޭޒް ކަށަވަރުކޮށްދީފައިވާއިރު، އޭނާ އެ ކްލަބަށް ބަދަލުވީ ކިހާ މުއްދަތަކަށް ކަމެއް ސާފެއް ނުވެއެވެ.
ސަގަން ޓޮސޫ އަށް ބަދަލުވުމަށްފަހު ޓޮރޭޒް ބުނީ ގިނަ ކްލަބްތަކުން އޭނާ ހޯދަން މަސައްކަތް ކުރި ކަމަށާއި، އެހެންނަމަވެސް އެންމެ ފުރަތަމަ އޭނާ ހޯދަން މަސައްކަތް ކުރީ ސަގަން ޓޮސޫ ކަމަށެވެ.
ފްރާންސް އާއި ޖަރުމަން އަދި ސްޕެއިންގެ ކްލަބްތަކުން އޭނާ ހޯދަން މަސައްކަތްކުރި ކަމަށް ފާހަގަކުރަމުން ޓޮރޭޒް ބުނީ ޔޫރަޕްގެ ކްލަބަކަށް ބަދަލުވުމަށް އޭނާގެ ޝައުގުވެރިކަން ނެތް ކަމަށާއި، އޭގެ ބަދަލުގައި ބޭނުންވީ އާ ތަޖުރިބާއެއް ކުރަން ކަމަށެވެ.
ޓޮރޭޒް ބުނީ ސަގަން ޓޮސޫއިން ދެކޭ ގޮތުގައި އެ ކްލަބާއެކު އޭނާ އަށް ކާމިޔާބު ހޯދޭނެ ކަމަށާއި، އަދި ޖަޕާން ލީގުގައި ކުޅުންވެސް ތަފާތު ތަޖުރިބާއަކަށް ވެގެންދާނެ ކަމަށެވެ.
ސަގަން ޓޮސޫ މިވަގުތު އޮތީ ޖަޕާން ލިގުގެ 17 ވަނައިގައެވެ. އެޓީމު ލީގުގައި ކުޅުނު 15 މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ ތިން މެޗުންނެވެ.
ޓޮރޭޒްގެ އިތުރުން ދުނިޔޭގެ ނަން މަޝްހޫރު ބައެއް ކުޅުންތެރިން އަންނަނީ ޖަޕާން ލީގުގައި ކުޅެމުންނެވެ. އޭގެ ތެރޭގައި އަންދްރޭސް އިނިއެސްޓާ އަދި ލޫކަސް ޕަލްޑޯސްކީ ހިމެނެއެވެ.
ޓޮރޭޒް ޒުވާން ކުޅުންތެރިޔެއްގެ ގޮތުގައި ތަމްރީނުވީ އެޓްލެޓިކޯގެ އެކަޑަމީއިންނެވެ. އެޔަށް ފަހު އޭނާވަނީ އެ ޓީމަށް 2001 ވަނަ އަހަރުން ފެށިގެން 2007 ވަނަ އަހަރަށް ކުޅެފައެވެ. އޭރު އެ ޓީމަށް ކުޅުނު 214 މެޗުގައި އޭނާ 82 ލަނޑު ޖެހިއެވެ.
އެޔަށް ފަހު އިނގިރޭސިވިލާތުގެ ލިވަޕޫލް އަދި ޗެލްސީގައި ކާމިޔާބު ސީޒަންތަކެއް ހޭދަކުރުމަށް ފަހު ޓޮރޭޒް އަލުން އެނބުރި އެޓްލެޓިކޯއަށް ބަދަލުވީ 2015 ވަނަ އަހަރުވެއެވެ. ޓޮރޭޒް ވަނީ ސްޕެއިންގެ ގައުމީ ޓީމާއެކު ދެ ޔޫރޯގެ އިތުރުން ވޯލްޑް ކަޕެއް ކާމިޔާބު ކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު