
ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތުމަށް ގުޅިފައިވާ ޕާޓީ ތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް ގޮވާލެއްވި، ގޮވާލެއްވުމުގެ އަޑު އިވިވަޑައިގެންފައިވާ ކަމަށާއި އޭނާގެ އެހީތެރިކަމަށް އިބޫ އެދިވަޑައިގެންނެވި ސަބަބުވެސް ސާފުވެވަޑައިގަންނަވާ ކަމަށް ރިޔާޒު ރަޝީދު ވިދާޅުވެއްޖެ އެވެ.
މެންބަރު ރިޔާޒު ރަޝީދު ގުޅިފައިވާ ޕާޓީތަކާ ގުޅިވަޑައިގަތުމަށް އިބޫ އެދިވަޑައިގެންނެވީ އެމަނިކުފާނު މިހާރު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތ. އަތޮޅު ވިލުފުށި ދާއިރާގައި ހިމެނޭ މަޑިފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
"އަޅުގަނޑު މިއަދު މިދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރު ރިޔާޒު ރަޝީދަށް މިގޮވާލަނީ އަޅުގަނޑުމެން މިކުރާ ގައުމީ ހިދުމަތުގައި ބައިވެރިވެވަޑައިގަންނަވާށޭ. އަޅުގަނޑުމެން ކުރަން ނުކުމެ މިތިބީއަކީ ސިޔާސީ މަސައްކަތެއް ނޫން. އެއަށްވުރެ ބޮޑަށް ގައުމީ މަސައްކަތެއް ރައްޔިތުންގެ މަސައްކަތެއް،" އިބޫ، ރިޔާޒަށް ދައުވަތު ދެއްވަމުން ވިދާޅުވެފައިވެ އެވެ.
އިބޫގެ މިވާހަކަފުޅާ ގުޅިގެން ވީނިއުސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރިޔާޒު ރަޝީދު ވިދާޅުވީ ސިޔާސީ ކޮންމެ ބޭފުޅަކު ވިލުފުށި ދާއިރާގެ ރަށަކަށް ޒިޔާރަތެއް ކޮށްފިނަމަ އޭނާގެ ވާހަކަދައްކަވާނެ ކަމަށާއި އެގޮތަށް އެވާހަކަ ދައްކަވާ ސަބަބެއްވެސް އޮންނާނެ ކަމަށެވެ. އިބޫވެސް އޭނާގެ ވާހަކަދެެއްކެވީ އެ އުސޫލުން ކަން ފާހަގަކުރައްވަމުން ރިޔާޒު ވިދާޅުވީ އޭނާއެކޭ ވިލުފުށި ދާއިރާގެ އެހެން ރައްޔިތެކޭ އެއްވެސް ތަފާތެއް ނެތް ކަމަށާއި ނަމަވެސް އިބޫ އޭނާގެ އެހީތެރިކަމަށް އެދިވަޑައިގެންނެވި ސަބަބު ސާފުވެވަޑައިގަންނަވާ ކަަމަށެވެ.
"އިބޫއާ އަޅުގަނޑު މަޖިލީހުގައި އެކުގައި މަސައްކަތް ކުރާތާ 15 ވަރަކަށް އަހަރު މިވަނީ. އެހެންވީމާ އިބޫ އަށްވެސް ރިޔާޒަކީ ކާކުކަމާ ކޮން ކަހަލަ މީހެއް ކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. އިބޫ މިއަދު އަޅުގަނޑުގެ ރަޖިސްޓްރީ އޮތް ރަށުގައި އަޅުގަނޑަށް ގޮވާލައްވާނީ ސަބަބެއް އޮތީމަތާ،" ރައްޔިތުންގެ މަޖިލީހުގައި ނުފޫޒުގަދަ މެންބަރެއްގެ ގޮތުގައި ފާހަގަކުރެވޭ ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒުގެ ވާހަކަފުޅުގައި އިބޫގެ ގޮވާލެއްވުމަށް ސާފު ޖަވާބެއް ނުދެއްވުމުން، ރިޔާސީ އިންތިހާބުގައި އިބޫއަށް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަންނަވާނެ ކަމަށް އިބޫއަށް ލަފާކުރެއްވޭތީ ރިޔާޒުގެ އެހީތެރިކަމަށް އެދިވަޑައިގެންނެވީތޯއޭ ބުނެ ވީނިއުސް އިން ދެވަަނަ ސުވާލެއް ކުރެއްވުމުން ރިޔާޒު ވިދާޅުވީ އިބޫ އޭނާގެ އެހީތެރިކަމަށް އެދިވަޑައިގަންނަވަންޖެހޭ "އެ ނޫން ދެން އިތުރު ސަބަބެއް އޮންނާނެ ކަމަށް" ގަބޫލުނުކުރައްވާ ކަމަށެވެ. ރިޔާސީ އިންތިހާބުގެ ނަތީޖާ ލިބުމުން ކަންކަން ސާފުވާނެ ކަމަށާއި ވަގުތު ޖެހުމުން ނިންމަންޖެހޭ ކަންކަން ނިންމަވާނެ ކަމަށްވެސް ވިދާޅުވި އެވެ.
އިބޫ އަކީ ކޮން ކަހަލަ ބޭފުޅެއްތޯ ދެންނެވުމުން ރިޔާޒު ވަނީ އިބޫ އަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ ވާހަކަފުޅު ދައްކަވާފަ އެވެ. އެގޮތުން ރިޔާޒު ވިދާޅުވީ އިބޫ އަކީ އެންމެންނާ ވެސް ގުޅޭ މަޑުމައިތިރި އަހުލާގު ރަނގަޅު ބޭފުޅެއް ކަމަށާއި މަޖިލީހުގައި އިބޫއާ ދެކޮޅު އެއްވެސް މެންބަރަކު ނުހުންނަވާނެ ކަމަށެވެ.
"އަޅުގަނޑަށް ގަބޫލުކުރެވެނީ އެމްޑީޕީގެ ރިޔާސީ ޓިކެޓު ވެސް އިބޫއަށް ލިބިވަޑައިގެންނެވީ މިދެންނެވި ސަބަބުތައް ހުރުމުންހެން. އިބޫ އަކީ އެންމެންނާ ވެސް ގުޅޭ ކާމިޔާބު ބޭފުޅެއް. އެކަމަކު ރިޔާސީ އިންތިހާބުގައި ވާނެ ގޮތެއް ނޭނގޭ،" ރިޔާޒު ވިދާޅުވި އެވެ.
އިބޫ އާއި ރިޔާޒަކީ ދިވެހިން މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީ އެކުލާވި ހާއްސަ މަޖިލީހުގައި އެކުގައި މަސައްކަތް ކުރެއްވި ދެ ބޭފުޅުންނެވެ. ރިޔާޒު ފާހަގަކުރެވިފައިވަނީ ހާއްސަ މަޖިލީހުގައި ގާނޫނުއަސާސީ އިސްލާހުކުރެވުނުއިރު މުހިއްމު ގިނަ އިސްލާހުތަކެއް ހުށަހެޅުއްވި ބޭފުޅެއްގެ ގޮތުގަ އެވެ. ހާއްސަ މަޖިލީހަށް ފަހު މި ދެ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގައިވެސް މަސައްކަތް ކުރައްވާތާ އަންނަ އަހަރަށް 10 އަހަރު ފުރިގެންދާނެ އެވެ.
ކިޔުންތެރިންގެ ހިޔާލު