
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އާއިޝަތު ނަހުލާ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓާއި ރަނިންމޭޓަށް ތާއީދު ހޯއްދެވުމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އދ.އަތޮޅަށް މާދަމާ ވަޑައިގަތުމަށް ނިންމަވައިފިއެވެ.
ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓާއި ރަނިންމޭޓަށް ތާއީދު ހޯއްދެވުމުގެ ގޮތުން މެޑަމް އައިޝާ މާދަމާ އދ.އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވާނެ ކަމަށެވެ. އެގޮތުން އެއަތޮޅުގެ ރަށްރަށަށް ޒިޔާރަތްކުރައްވައި، ރައްޔިތުންނާ ބައްދަލުކުރައްވައި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓާއި ރަނިންމޭޓަށް ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. މިދަތުރުފުޅަށް ޚާއްސަ ލޯންޗެއް ވެސް ތައްޔާރު ކުރެވިފައިވާ ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.
ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓާއި ރަނިންމޭޓަށް ތާއީދު ހޯއްދެވުމަށް މެޑަމް އައިޝާ ވަނީ ލ.އަތޮޅަށް ވެސް ދަތުރުކުރައްވާފައެވެ. އެދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތީ މިއަދު ހެނދުނެވެ.

ލ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެކަމަނާ ވަނީ ފޮނަދޫއާއި، ގަމާއި، ލ.އަތޮޅުގެ ގުޅިފައިވާ ރަށްތަކަށް ވަޑައިގެން ދޮރުންދޮރަށް ހިންގަވައި ރައްޔިތުންނާ ވަނީ ބައްދަލްކުރައްވާފައެވެ. އަދި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް އޮޅުންފިލުއްވައި ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި އެކަންކަމަށް ގެނެސްދޭނެ ހައްލުތައް ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. އެގޮތުން ރަށްރަށުގެ އަންހެން ބޭފުޅުންނާ ވެސް ބައްދަލުކުރައްވައި އަންހެނުންގެ ކުރިއެރުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ޖޭޕީގެ ކައުންސިލް މެމްބަރު އާއިޝަތު ނަހުލާ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެކަމަނާ ގެންދަވަނީ ޖުމްހޫރީ ޕާޓީއަށް ތާއީދު ހޯއްދަވައި ޕާޓީގެ މެމްބަރުން އިތުރުކުރެއްވުމުގެ މަސައްކަތް ވެސް ކުރައްވަމުންނެވެ. އެގޮތުން ލ.އަތޮޅުގެ ރަށްތަކުގެ އިސް ބައެއް ރައްޔިތުން ވަނީ އެކަމަނާގެ މިދަތުރުފުޅުގެ ތެރެއިން ޖުމްހޫރީ ޕާޓީއަށް ސޮއިކޮށް ފޯމު އެކަމަނާއާ ހަވާލުކޮށްފައެވެ. މިގޮތުން ޖޭޕީއާ ގުޅުނު މެމްބަރުންގެ ތެރޭގައި ޕީޕީއެމްގައި ވަރަށް އިސްކޮށް މަސައްކަތް ކުރަމުންއައި މީހުންވެސް ހިމެނެއެވެ.
ރަށްރަށުގައި ތިއްބެވި ޖޭޕީގެ އިސް ބޭފުޅުންނާ ވެސް ބައްދަލުކުރައްވައި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެމްޕޭނުގައި އިސްދައުރެއް އަދާކޮށްދިނުމަށް އައިޝާ ވަނީ އެދިވަޑައިގެންފައެވެ. އަދި ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހާއި ރަނިންމޭޓް ފައިސަލް ނަސީމަށް ވޯޓު ދިނުމަށް ރައްޔިތުންގެ ކިބައިން އެކަމަނާ ވަނީ އެދިވަޑައިގެންފައެވެ.
ކިޔުންތެރިންގެ ހިޔާލު