
ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވި ހުސައިން ނަސީރުގެ ފޯމު އިލެކްޝަންސް ކޮމިޝަނުން މިއަދު ބާތިލްކޮށްފިއެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ ހުސައިން ނަސީރުގެ ފޯމު ބާތިލުކުރީ އަމިއްލަ ގޮތުން ރިޔާސީ އިންތިޚާބުގައި ވާދަކުރާނަމަ 1500 މީހުންގެ ސޮއި ހުށަހަޅަން ޖެހޭއިރު ނަސީރު ހުށަހެޅުއްވި ސޮއިތަކުގައި މައްސަލަތަކެއް ހުރުމުގެ އިތުރަށް އޭނާގެ ރަނިންމޭޓެއްގެ ގޮތުގައި ހުށަހެޅުއްވި ޝައިޚު ނަސްރުﷲ މުސްތަފާގެ ކުށުގެ ރިކޯޑުގައި ވެސް މައްސަލަތަކެއް ހުރުމުން ކަމަށެވެ. އަދި ދަފުތަރުގައި ރަޖިސްޓަރީ ވެފައިވާ ނަސީރުގެ ދާއިމީ އެޑްރެހުގައި ވެސް މައްސަލަތަކެއް އުޅޭ ކަމަށް އިލެކްޝަނުން ބުންޏެވެ.
ފޯމު ހުށަހެޅުމަށް ނަސީރަށް އިތުރު ފުރުސަތެއް އިލެކްޝަނުން ދީފައިނުވާއިރު، އިންތިޚާބުގައި ވާދަކުރަން އޭނަ ބޭނުންނަމަ އިލެކްޝަނުން ފާހަގަކުރި ކަންކަން އިސްލާހުކުރުމަށްފަހު މިއަދު ހަވީރު 4:00 ގެ ކުރިން ހުށަހަޅަން ޖެހެއެވެ.
ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހަވީރު 4:00 ޖަހާއިރު ހަމަވާނެއެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް މިހާތަނަށް އިލެކްޝަންްސް ކޮމިޝަނަށް ފޯމު ހުށަހަޅުއްވާފައިވަނީ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމާއި އަމިއްލަގޮތުން އިންތިޚާބުގައި ވާދަކުރެއްވުމަށް ދަފުތަރު ނަންބަރު 6562، ހުސައިން ނަސީރުގެ އިތުރުން ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
މީގެ ތެރެއިން އިލެކްޝަނުން މިހާތަނަށް ކެންޑިޑެސީ ބަލައިގެންފައިވަނީ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމްގެ އެކަންޏެވެ.
ހުސައިން ނަސީރުގެ ފޯމު ބާތިލްކޮށްފައިވާއިރު އިއްޔެ ފޯމު ހުށަހެޅުއްވި ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދުގެ ކެންޑިޑެސީއާއި މެދު އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފައިވީ ނަމަވެސް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އެލްޖީއޭގެ ކުރީގެ ނާއިބު ރައީސް ޝުޖާއު ހުސައިން އަދި ފޯމު ހުށަހަޅުއްވާފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު