ލަންޑަނުގައި ޗުއްޓީއެއް ހޭދަ ކުރުމަށްފަހު އަނެއްކާވެސް އެނބުރި "ބްރަހްމަސްތްރާ" ގެ ސެޓަށް ބަލްގޭރިއާއަށް އާލިއާ ބަޓް އަތުވެއްޖެއެވެ.
ދަރްމާ ޕްރޮޑަކްޝަން އާއި އާލިއާވެސް ވަނީ ފިލްމުގެ ސެޓްގައި އާލިއާ ނަގާފައިވާ ފޮޓޯ އަކާއެކު އަލުން ޝޫޓިން ފެށިކަން ޝޯޝަލް މީޑިއާގައި ހާމަކޮށްފައެވެ. ބަލްގޭރިއާގައި ފިލްމުގެ ޝޫޓިން ކުރިޔަށްދާއިރު މި ފިލްމުގައި އާލިއާ ފެނިގެންދާނީ ރަންބީރު ކަޕޫރު އާއި އަމީތާބު ބައްޗަން އާއި އެކުގައެވެ. މިއީ އާލިއާ އަމީތާބް އާއި އެކު ފިލްމެއްގައި މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.
އާޔަން މުކަރްޖީ ޑައިރެކްޓް ކުރާ ބްރަހްމަސްތްރާ އަކީ ފެންޓަސީ ޑްރާމާ އެކެވެ. ކަރަން ޖޯހަރް ޕްރޮޑިއުސް ކުރާ މި ފިލްމަކީ އާލިއާ އާއި ރަންބީރުވެސް އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފިލްމެވެ.
މި ފިލްމުގެ ޝޫޓިންގައި އާލިއާއި ރަންބީރު އެކުގައި ނަގާފައިވާ ފޮޓޯތަކާއި، މި ފިލްމުގައި މަސައްކަތް ކުރަން ފެށިފަހުން ދެމީހުން އެކުގައި ފެންނަލެއް ގިނަ ކަމުން މި ދެމީހުން ރައްޓެހިވެގެން އުޅޭ ކަމަށް ބުނެ އަޑުތައް ފެތުރިފައިވެއެވެ. އެހެންނަމަވެސް އާލިއާ އާއި ރަންބީރުވެސް މިކަން ދޮގުކޮށްފައެއް ނުވެއެވެ.
މި ފިލްމަކީ ޒުވާން ޑައިރެކްޓަރު އާޔަން މުކަރްޖީގެ ތިންވަނަ ފިލްމެވެ. އޭނާ ބުނީ "ބްރަހްމަސްތްރާ" އަކީ 'މޮޑާން އިންޑިއަން ފިލްމެއް' ކަމަށެވެ. އަދި މި ފިލްމުގައި ކޮސްޓިއުމް ބޭނުން ކޮށްފައިވާނީ ބެލުންތެރިންނަށް އެންމެ ކަމުދާ ގޮތަކަށް ކަމަށް ނުވުމަކީވެސް އެކަށީގެން ވާ ކަމެއް ކަމަށެވެ.
މި ފިލްމުގެ ބައެއް މަންޒަރުތައް އިސްރާއީލުގައިވެސް ނަގާފައިވެއެވެ. މިއީ 2016 ވަނަ އަހަރު އެނައުސް ކުރި ފިލްމެކެވެ. ފިލްމުގެ އެހެން ކާސްޓުންގެ ތެރޭގައި ނަގަރްޖާ، ޑިމްޕަލް ކަޕާޑިއާ އަދި މޮނީ ރޯއީވެސް ހިމެނެއެވެ. މި ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ 15 އޯގަސްޓް 2019 ގައެވެ.
ކިޔުންތެރިންގެ ހިޔާލު