
އީރާނުގެ ރައީސް ހަސަން ރޫހާނީއާ ބައްދަލު ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
މިއީ، އީރާނުގެ ވެރިންނާ ބައްދަލު ކުރައްވަން ބޭނުންފުޅުވާ ކަމަށް އެމެރިކާގެ ރައީސް ހާމަކުރެއްވި ދެވަނަ ފަހަރެވެ.
އެމެރިކާއަށް މިހާރު ވަޑައިގެން އުޅުއްވާ ކުވައިތުގެ އަމީރު ޝައިޚް ސަބާހް އަލްއަހްމަދު އަލްޖާބިރު އައްސަބާހްއާއެކު ރަސްމީ މަޝްވަރާތައް ބޭއްވުމުގެ ކުރިން، ދެބޭފުޅުން އެކުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވީ "ކޮންމެކަމެއްވެސް ވެދާނެ" ކަމަށެވެ.
"އެމީހުން މަޝްވަރާކުރަން ބޭނުންވިޔަސް ނުވަތަ ބޭނުން ނުވިޔަސް، އެކަން އޮތީ އެމީހުންގެ އަތްމަތީގައި. އަޅުގަނޑުގެ އަތްމައްޗަކުނޫން. އަޅުގަނޑު އަބަދުވެސް ހުންނާނީ ތައްޔާރަށް. ވާނެގޮތެއް ބަލަންތިބެމާ" އެމެރިކާގެ ރައީސް ވިދާޅުވިއެވެ.
މިއަހަރުގެ ޖުލައިމަހުގެ 30 ވަނަ ދުވަހުވެސް ޓްރަމްޕް ވިދާޅުވެފައިވަނީ، ކުރިން އެއްވެސް ޝަރުތެއް ކުރިމަތި ކުރުމަކާނުލައި އީރާނުގެ ރައީސް ހަސަން ރޫހާނީއާ ބައްދަލު ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.
އެދުވަހު ޓްރަމްޕް ވިދާޅުވެފައިވަނީ، އީރާނުން ބައްދަލުކުރަން ބޭނުންވާނަމަ އީރާނުން ބޭނުންވާ ވަގުތަކަށް އެކަމަށް ތައްޔާރު ކަމަށެވެ. އަދި އެކަމަކީ، އީރާނަށާއި، އީރާނުގެ ރައްޔިތުންނަށާއި، އެމެރިކާގެ އިތުރުން ދުނިޔެއަށްވެސް މަންފާކުރާނެ ކަމެއް ކަމަށް ޓްރަމްޕް ވިދާޅުވެފައި ވެއެވެ.
ޖުލައިމަހުގެ 30 ވަނަދުވަހު ޓްރަމްޕް މިހެން ވިދާޅުވުމަށްފަހު، އޮގަސްޓްމަހުވަނީ އީރާނާ ދެކޮޅަށް އަލުން ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. މިފިޔަވަޅުތަކަކީ، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލާގައި އީރާނާއި، ދުނިޔޭގެ ބޮޑެތި ބާރުތަކާ ދެމެދު 2015 ވަނަ އަހަރު ވެވުނު އެއްބަސްވުމުގެ ދަށުން ވަގުތީގޮތުން ސަސްޕެންޑް ކުރެވުނު ފިޔަވަޅުތަކެކެވެ.
އެމެރިކާއިން އަލުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުން، އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެފައިވަނީ، ދަތިކުރުމުގެ ފިޔަވަޅުތައް އެޅުނުކަމުގެ މައްޗަށް އެމެރިކާ ހިތާމަކުރަންޖެހޭވަރު އީރާނުން ކުރާނޭ ކަމަށެވެ.
އަދި އެމެރިކާއިން އީރާނުގެ ވެރިންނާ ބައްދަލު ކުރައްވަން ބޭނުންފުޅު ވެގެން އުޅުއްވިޔަސް، އެމެރިކާއަށް އެއްވެސް އިތުބާރެއް ނެތްކަމަށާއި، ދަތިކުރުމުގެ ފިޔަވަޅުއަޅައި މަޝްވަރާއަށް ގޮވުމުން ދެކޮޅުނުޖެހޭ ކަމަށްވެސް ރޫހާނީ ވިދާޅުވެފައި ވެއެވެ
އީރާނުގެ ރޫހީ ލީޑަރ އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެފައިވަނީ، މިހާރު އުފެދިފައިވާ މައްސަލަތައް ހައްލުކުރުމަށް އެމެރިކާއާއެކު މަޝްވަރާއަށް ދިއުމަކީ އީރާނަށް ހެދޭނެ ވަރަށްބޮޑު ގޯހަކަށްވާނޭ ކަމަށެވެ.
އީރާނުގެ ނިއުކްލިއަރ ޕްރޮގްޜާމްގެ މައްސަލާގައި އީރާނާއި، ދުނިޔޭގެ ބޮޑެތި ބާރުތަކާ ދެމެދު 2015 ވަނަ އަހަރު ވެވުނު އެއްބަސްވުމުން އެމެރިކާ ވަކިވި ހިސާބުން، އެމެރިކާއާއި އީރާނުގެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެގެން ގޮސްފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު