
2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއަށް ފަހު، ގެއްލުންތަކުން އަރައިގަތުމަށް އޭރު ސަރުކާރުން ދޫކުރި ލޯނުތައް މަޢާފްކޮށްދީފިއެވެ.
މިލޯނުތައް މަޢާފްކޮށްދީފައި ވާކަން ސަރުކާރުން މީގެ ކުރިން ހާމަކޮށްފައެއް ނުވެއެވެ. ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު އިބުރާހިމް މުހައްމަދު ޞާލިޙް މިއަދު ހަތަރު އަތޮޅަކަށް ފެއްޓެވި ކެމްޕޭން ދަތުރުފުޅުގައި މިއަދު ހަވީރު އއ މަތިވެރިއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ސުނާމީ އާއި ގުޅިގެން ދޫކުރި ލޯނުތައް ނުދެއްކި އިންޓަރެސްޓް ބޮޑުވެ އެފަރާތްތަކަށް ލޯނު އަނބުރާ ނުދެއްކޭ ހާލަތަށް ގޮސްފައިވާ ކަމަށާއި ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި އެލޯނުތައް މަޢާފުކޮށް ދެއްވާނެ ކަމަށެވެ.
އިބޫ މިހެން ވިދާޅުވި ފަހުން، ފިޝަރީޒް މިނިސްޓަރ ޑރ މުހައްމަދު ޝައިނީ ކުރެއްވި ޓުވީޓެއްގައި ވަނީ، އެލޯނުތައް ސަރުކާރުން މަޢާފުކޮށްދީފައި ވަނިކޮށް އިބޫ މަޢާފުކޮށްދެއްވަނީ ކޮންލޯނެއްތޯ ސުވާލު ކުރައްވާފައެވެ. އަދި އެމްޑީޕީ ސަރުކާރަށް ނުކުރެވުނު ކަމެއް ރައީސް ޔާމީނުގެ ސަރުކާރުން ކުރީމާ ކުރެޑިޓް ނަގަނީތޯވެސް ޝައިނީ ވަނީ ސުވާލު ކުރައްވާފައެެެވެ. އެހެން ނަަމަވެސް އެ ލޯނުތައް ސަރުކާރުން މަޢާފުކުރީ ކޮން އިރަކު ކަމެއް ޝައިނީ ހާމައެއް ނުކުރައްވައެވެ.
ވީނިއުސްއަށް އިތުބާރު ހުރިގޮތެއްގައި މައުލޫމާތު ލިބިފައިވާ ގޮތުގައި ސުނާމީ ލޯނުތައް ނަގައި އެލޯނުތައް ނުދެއްކި ދަރަނިވެރިވެފައިވާ އެއްވެސް ފަރާތަކަށް ލޯނުތައް މަޢާފުކޮށްދިންކަން އިބުރާހިމް މުހައްމަދު ޞާލިޙު އެލޯންތައް މަޢާފުކޮށްދެއްވާެނެ ކަމުގައި ވަޢުދުވެ ވަޑައިގެންނެވުމުގެ ކުރިން ސަރުކާރުން އަންގާފައެއް ނުވެއެވެ.
މީގެ އިތުރުން މިލޯނުގައި ގއ ވިލިގިލީގެ އެތައް ބަޔަކުވެސް ދަރަނިވެރި ވެފައި ވާއިރު އެލޯނުތައް މަޢާފުކޮށްދީފިނަމަ މީހުން ރައީސް ޔާމީނަށް ވޯޓު ދީފާނެތޯ ރައީސް ޔާމީނުގެ ކެމްޕޭން އޮފީހުގެ މުވައްޒަފަކު ގުޅިފައިވާ ޕާޓީތަކުގެ ބޭފުޅަކަށް ގުޅައިގެން އަހާ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ސަރުކާރާއި ގުޅުން އޮންނަ ބައެއް މަސްދަރުތަކުން ހާމަކުރާ ގޮތުގައި ސަރުކާރުން ސުނާމީގެ ލޯނުތައް މަޢާފު ކުރުމަށް ނިންމާފައި ވަނީ މިއަދުއެވެ.
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު އިބުރާހިމް މުހައްމަދު ސޯލިޙު ރައްޔިތުންނަށް ކޮށްދެއްވުމަށް ވަޢުދުވެވަޑައިގަންނަވާ ކަންތައްތައް މިސަރުކާރުން އިންތިޚާބުގެ ކުރިންވެސް ކުރަމުން ދާތީ އެމަނިކުފާނު އިންތިޚާބު ވުމުގެ ކުރިންވެސް ވައުދުތައް ފުއްދެން ފަށައިފިކަމުގައި ގުޅިފައިވާ ޕާޓީތަކުން ދަނީ ބުނަމުންނެވެ.
ބޯ ހިޔާވަހިކަމާއި ގޯތި ގެދޮރުގެ ދަތިކަން ހައްލުކޮށްދެއްވުމަށް ގޯތި ދޫކުރައްވާނެ ކަމުގައ އިބުރާހިމް މުހައްމަދު ޞާލިޙް ވައުދުވެ ވަޑައިގެންނެވުމާއި އެކު ސަރުކާރުން މިހާރު ވަނީ އިންތިޚާބުގެ ކުރިން ރަށްރަށުން ގޯތިވެސް ދޫކުރަން ފަށާފައެވެ.
ކިޔުންތެރިންގެ ހިޔާލު