
ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިކުމެ ގުޅިފައިވާ ޕާޓީ ތަކަށް މާދަމާ ވޯޓު ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށާއި ދިވެހި އެއްވެސް ރައްޔިތަކު ބާކީނުކޮށް އިންސާފު ގާއިމުކޮށްދެއްވާނެ ކަމުގައި ގުޅިފައިވާ ޕާޓީ ތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.
އިބްރާހީމް މުހައްމަދު ސޯލިހް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭން ނިންމާލުމުގެ ގޮތުން ދިވެހި ރައްޔިތުންނާ މުހާތަބުކޮށް މިއަދު ދެއްވި އެންމެ ފަހު މެސެޖުގަ އެވެ.
އިބޫގެ މެސެޖުގައި ވިދާޅުވީ މާދަމާ އަކީ ދިވެހި ރައްޔިތުން މުހިއްމު ނިންމުމެއް ނިންމަންޖެހޭ ދުވަހަކަށްވާތީ އެއީ ދިވެހިރާއްޖޭގެ މުސްތަގުބަލު ކަނޑައަޅަން ދިވެހި ރައްޔިތުންނަށް ފުރުސަތު ލިބިގެންދާ ދުވަސް ކަމަށެވެ. އަދި އެއީ ރައްޔިތުންގެ ހަގީގީ ބާރުވެރިކަން ރައްޔިތުންނަށް ލިބިގެންދާ ދުވަސް ކަމަށްވެސް ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ ދިވެހިރާއްޖޭގެ އާންމު ހާލަތު މިއިން ޒާމާނަކު ނުދާމިންވަރަށް ދަށަށް ގޮސް ތަކެތީގެ އަގާއި ދިރިއުޅުމުގެ ހަރަދު އިންތިހާއަށް ދަނީ ބޮޑުވަމުން ކަމަށާއި ދަރަނީގެ ދަންތުރައެއްގެ ތެރެއަށް ދިވެހި ގައުމު ވެއްޓިފައިވާ ކަމަށެވެ. ރާއްޖޭގެ ގިނަ ރައްޔިތުން މިއަދުވެސް ތިބީ އެންމެ އަސާސީ ހިދުމަތްތަކުން މަހްރޫމްވެފައި ކަމަށާއި އެއްވެސް ރައްޔިތަކަށް މިއަދު ވަޒީފާގެ މާހައުލުގައި މިނިވަންކަމެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ. ސަރުކާރުގެ ވަޒީފާއަކީ ވަކިމީހަކު އަންގާހާ ގޮތަކަށް އުޅެން މަޖުބޫރުކުރުވާ ސަބަބަކަށް ހަދާފައިވާ ކަމަށާއި މިނިވަންކަމާއެކު ހައްގު ބަސް ބުނުމާ، ބޭއިންސާފަށް އެއްބަސްނުވުމަކީ ކުށަކަށް ހަދައިފި ކަމަށްވެސް ވިދާޅުވި އެވެ.
"ނުހައްގުން އެތައް ބަޔަކު ޖަލަށް ލައިފި. އެތައް އާއިލާއެއް ބިކަކޮށްފި. ގާނޫނުއަސާސީގެ ހަމަތައް މުގުރައި، ރާއްޖޭގެ އަމާންވެށި ކިލަނބުކޮށްފި. ތިރީހަށްވުރެ ގިނަ މީހުން ހައްގަކާނުލާ މަރައިފި. އެތައް ބަޔަކު ގެއްލުވާލައިފި. އެތައް ބަޔަކަށް އަނިޔާދީފި. މަގުތަކުގެ އަމާންކަން ނަގާލައިފި. މިކަންކަމުގެ ޖަވާބު ހޯދަން ކުރެވޭ ތަހުގީގުތަކަށް ނުފޫޒު ފޯރުވައި، ތަހުގީގުތައް ހުއްޓުވައިފި. ސަލާމަތީ ހިދުމަތްތައް ރައްޔިތުންގެ ކުރިމަތީގައި ފަޟީހަތްކޮށް، ސަލާމަތީ ހިދުމަތްތަކުގެ ބޭފުޅުން ނިކަމެތިކޮށްފި. އަދުލު އިންސާފުގެ ހުރިހާ ހަމައެއް ނެތިކޮށްފި.
އަޅުގަނޑުމެން މި ޙާލަތުން އަރައިގަންނަންޖެހޭ." އިބޫ ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާޓީތަކާއި، އެޕާޓީތަކުގެ ލީޑަރުން ގުޅިގެން، ގުޅިފައިވާ ބޮޑު ކޯލިޝަނަކާ އެކު މިނިކުންނަނީ އަނިޔާ ލިބެމުންދާ އެތަކެއް ބަޔަކަށް އިންސާފު ހޯދައިދިނުމަށް ކަމަށެވެ. ދިވެހިރާއްޖޭގައި އާންމުވެފައިވާ ކޮރަޕްޝަނާއި ފަސާދައިން މި ގައުމު ސަލާމަތްކޮށް ރައްޔިތުންގެ ކިބައިން ނިގުޅައިގެންފައިވާ ހައްގުތައް ރައްޔިތުންނަށް އަނބުރާ ހޯދައިދޭނެ ކަމަށްވެސް ވިދާޅުވި އެވެ. ބާރުތައް އެއްކުރެވި، ގަޑުބަޑުކޮށްފައިވާ ދައުލަތް ހިންގުމުގެ ނިޒާމު ގާނޫނުއަސާސީގެ އިމުގެ ތެރެއަށް އަލުން ގެނެސް ރާއްޖޭގެ ބައިތުލްމާލުން ބިލިޔަނުން ގެއްލިފައިވާ ފައިސާ ދިވެހި ރައްޔިތުންނަށް އަނބުރާ ހޯދައިދީ މި ރާއްޖޭގައި އިންސާފު ގާއިމުކުރާނެ ކަމަށްވެސް ވަނީ ވައުދުވެވަޑައިގެންފަ އެވެ.
"މާތް ﷲ ގެ ވާގިފުޅާއެކު ދެން މިރާއްޖޭގައި އޮންނާނީ، ރައްޔިތުންގެ އަޑު ގާތުން އަހާނޭ ސަރުކާރެއް. ހަމަޔާއި އިންސާފުން ކަންކުރާނޭ ސަރުކާރެއް. ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށްޓަކައި، ރައްޔިތުން އުފައްދާ ރައްޔިތުންގެ ސަރުކާރެއް،" އިންތިހާބަށްފަހު ކުރައްވާ އުއްމީދު ވިދާޅުވެދެއްވި އެވެ.
އިބޫ ވިދާޅުވީ އެމަނިކުފާނު އިސްވެ ހުންނަވައިގެން އުފައްދަން މިއުޅޭ ސަރުކާރަކީ ރާއްޖޭގެ މިނިވަންކަމާ ސިޔާދަތު ހިމާޔަތްކޮށް، އިސްލާމް ދީނުގެ އަސާސްތައް ދަމަހަށްޓާނެ ސަރުކާރެއް ކަމަށެވެ. އެމަނިކުފާނުގެ ސަރުކާރެއްގައި ރާއްޖޭގައި އެހެން ދީނަކަށް ޖާގަ ނުދެއްވާނެ ކަަމަށާއި ސިޔާސީ މަގުސަދުތައް ހާސިލުކުރުމަށް ދީނުގެ ހުކުމްތަކަށް ފުރައްސާރަކުރުން ހުއްޓުވުމަށްފަހު ބަހާ އަމަލުން އިސްލާމް ދީނަށް ނަސްރު ދޭނެ ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އުފައްދާނީ ހަމަ އެއްވެސް އާއިލާއެއް ބާކީ ނުވާނެހެން. ރާއްޖޭގެ ހުރިހައި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދޭނޭ ސަރުކާރެއް. ދިވެހިރާއްޖޭގެ ކޮންމެ ހިސާބަކުން އުނދަގުލެއްނެތި ރަގަޅު ފެންވަރުގެ ސިއްހީ ހިދުމަތް ހޯދައިދޭނެ ވެރިކަމެއް. އަމިއްލަ ރަށުގައި އާއިލާގެ ހިޔާވަހިކަމުގައި ތިބެގެން ކޮންމެ ކުއްޖަކަށްވެސް ހިލޭ ޕްރީސުކޫލުން ފެށިގެން ޔުނިވާސިޓީ ތައުލީމު ނިމެންދެން ކިޔެވުމުގެ ފުރުސަތު ހޯދައިދޭނެ ނިޒާމެއް. ސިޔާސީ ފިކުރަށް ނުވަތަ ޖިންސަށް ނުވަތަ ކުޅެދުންތެރިކަމަށް ނުވަތަ ނިސްބަތްވާ ރަށަށް ނުވަތަ އަތޮޅަށް ތަފާތުކުރުމެއްނެތި ދައުލަތުން ފޯރުކޮށްދޭ ހިދުމަތްތައް އެންމެހައި ރައްޔިތުންނަށް ހަމަހަމަކަމާއެކު ފޯރުކޮށްދޭނެ އޯގާތެރި ސަރުކާރެއް. ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި، ބަނދަރު ހެދި، ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކޮށްދޭނީ އެއީ ރައްޔިތުންގެ އަސާސީ ހައްގެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރާތީ. އަދި އެއީ ސަރުކާރުގެ ވާޖިބެއް ކަމަށްވެސް އަޅުގަނޑުމެން ދެކޭތީ." އެމަނިކުފާނުގެ ސަރުކާރަކުން އަމަލުކުރައްވާނެ ގޮތް ވިދާޅުވެދެއްވި އެވެ.
އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ ދިވެހި ޒުވާނުންނަކީ ގާބިލު ބައެއް ކަމަށާއި ޒުވާނުންނަކީ މި ރާއްޖޭގެ އެންމެ އަގުބޮޑު ރައުސުލްމާލު ކަމަށެވެ. އެމަނިކުފާނުގެ ސަރުކާރެއްގައި ޒުވާނުން އެމީހުންގެ އަމިއްލަ ނަފްސާއި އަމިއްލަ ގައުމާ މެދު ދެކޭ ހުވަފެން ހަގީގަތަކަށް ހެދުމަށް މެދުވެރިވެފައި ހުރި ގޮންޖެހުންތައް ނައްތާލަ ދެއްވާ، މަތީ ތައުލީމާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ. ޓެކްނޮލޮޖީ އާއި އަދިވެސް އެހެނިހެން ދާއިރާތަކުން ޒުވާނުންގެ އުފެއްދުންތެރި ހިޔާލުތައް ބޭނުންކޮށްގެން ގައުމުގެ އިގްތިސާދު ބިނާކޮށް، ގައުމީ ތަރައްގީގައި ފުރިހަމައަށް ބައިވެރިވެ، ސިޔާސަތު ކަނޑައެޅުމުގައި ޒުވާނުންގެ ބައިވެރިވުން އޮންނަކަން ކަށަވަރުކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ދިވެހި އަންހެނުންނާ ގުޅޭގޮތުން އިބޫ ވިދާޅުވީ މި ރާއްޖޭގެ އާބާދީގެ ދެބައިކުޅައެއްބަޔަށްވުރެ ބޮޑުބައި ތަމްސީލުކުރަނީ އަންހެނުން ކަމަށެވެ. އިޖުތިމާއީ އަދާލަތު ގާއިމުކޮށް އުފާވެރި މުޖުތަމައެއް ބިނާކުރުމަށްޓަކައި ކުރާންޖެހިފައި އޮތް އެންމެ މުހިއްމު އެއްކަމަކީ އަންހެނުންނާއި އަންހެން ކުދިންނާމެދު ހިންގޭ އެކިބާވަތުގެ އަނިޔާއާއި ބޭއިންސާފު ހުއްޓުވުން ކަމަށްވެސް ވިދާޅުވި އެވެ. އަންހެން ކަނބަލުންނަށް ދޭންޖެހޭ އިހުތިރާމާއި ހަމަހަމަކަމާއި ރައްކާތެރިކަން ދިނުމަށް ގާނޫނީ އޮނިގަނޑު ހަރުދަނާކޮށް، ތަންފީޒުކުރުމަށް ބަޖެޓު ކަނޑައެޅުމުގައި ހާއްސަ އަހަންމިއްޔަތު ކަމެއް ދެއްވާނެ ކަަމަށާއި ފަޚުރުވެރި އާއިލާއަކާއެކު ދިރިއުޅުމުގެ ފުރުސަތު ކޮންމެ ދިވެހި ރައްޔިތަކަށް ފަހިކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
އިބޫގެ މެސެޖުގައި އެމަނިކުފާނު ވަނީ ސަރުކާރު މުވައްޒަފުންނާއި ޔުނީފޯމު އެޅި މުއައްސަސާތަކުގެ މުސާރަތައް ބޮޑުކޮށްދެވުމަށް ވެސް ވައުދުވެވަޑައިގެންފަ އެވެ.
"ގައުމެއްގެ ގޮތުގައި ދިވެހި ދައުލަތް ހިނގަމުން މިދަނީ އެތައްބައެއްގެ އަގުހުރި މަސައްކަތުން. އަޅުގަނޑުމެންގެ ސަރުކާރުގައި ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކޮށްދޭނަން. މުދައްރިސުންނާއި، ނަރުހުންނާއި ޑޮކްޓަރުންނާއި، އިދާރީ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނާނަން. ކަސްޓަމްސް، އިމިގްރޭޝަން، ކަރެކްޝަނަލް ސާވިސް، އަދި ސަލާމަތީ ހިދުމަތްތަކުގެ ވަޒީފާގެ އޮނިގަނޑު ހަރުދަނާކުރެވި، މުސާރައާ މަގާމުގެ ކުރިއެރުން ދިނުމުގައި އިންސާފުން އަމަލުކުރެވިގެންދާނެކަން ކަށަވަރުކުރާނަން. އަޅުގަނޑުމެން ގާނޫނާ ހިލާފަށް އެއްވެސް މީހަކު ވަޒީފާއިން ވަތްކެއް ނުކުރާނަން. ޚިޔާރުކުރާ ކުލައަކީ ވަޒީފާގެ ކުރިއެރުން ދިނުމުގައި ބަލާނޭ މިންގަނޑެއް ނޫންކަން ކަށަވަރުކޮށްދޭނަން." އިބޫ ވިދާޅުވި އެވެ.
ލާމަރުކަޒީ އުސޫލުން ގައުމު ހިންގުމާ ގުޅޭގޮތުން އިބޫ ވިދާޅުވީ ދިވެހިރާއްޖެ ލާމަރުކަޒީ އުސޫލުން ހިންގުމަކީ ގާނޫނުއަސާސީ ލާޒިމުކުރާ ކަމެއް ކަަމަށާއި އެއީ ކުރެވޭނޭ ކަމެއް ނޫން ކަމަށް ބުނެ އެ އުސޫލަށް ގޮންޖެހުމަކީ އެމަނިކުފާނުގެ ސަރުކާރެއްގައި ކުރާނޭ ކަމެއް ނޫން ކަމަށެވެ. ގާނޫނުއަސާސީއާ ހިލާފަށް، ނިގުޅައިގެންފައިވާ ބާރުތައް ކައުންސިލްތަކަށް އަނބުރާ ހޯދައިދީ، ކައުންސިލްތަކަކީ އުފެއްދުންތެރި ފުދުންތެރި ތަންތަނަށް ހަދައިދީ އެއް ރަށުން އަނެއް ރަށަށް ފަސޭހަކަމާއެކު ދެވޭނޭ ދަތުރު ފަތުރުގެ ފަސޭހަ، އަދި އަވަސް ނިޒާމެއް އަނެއްކާވެސް ގާއިމުކޮށްދެއްވާނެ ކަަމަށްވެސް ވިދާޅުވި އެވެ. އަދި ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު އަތްފޯރާފަށަށް ގެނެސްދެއްވުމަށްވެސް ވަނީ ވައުދުވެވަޑައިގެންފަ އެވެ.
އިބޫ ވިދާޅުވީ ވަށާޖެހިފައިވާ އިންސާފުވެރި ޓެކްސްގެ ނިޒާމެއްގެ ތެރެއިން ދައުލަތުގެ އާމްދަނީ އެތައް ގުނައަކުން އިތުރުކޮށް، ނުހައްގު މުއްސަދިކަމަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރައްވާނެ ކަމަށެވެ. ސިޔާސީ ނުފޫޒުން މިނިވަންވެ ހުޅުވާލެވިފައިވާ ވާދަވެރި ވިޔަފާރީގެ މާހައުލެއް ގާއިމުކޮށްދެއްވުމަށް ވެސް އިބޫ ވަނީ ވައުދުވެވަޑައިގެންފަ އެވެ. އަދި އިގްތިސާދުގެ ނާރެސް ކަމަށްވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިތުރު ފުރުސަތުތައް ހުޅުވާލާ، ފަތުރުވެރިކަމުގެ ސިނާއަތް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާކޮށް ފަތުރުވެރިކަމުގެ މަންފާ މިހާރަށް ވުރެ ބޮޑަށް ރައްޔިތުންނަށް ލިބޭނެގޮތް އިންތިޒާމުކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ. ދިވެހި މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދީ މަސްވެރިކަމުގެ ސިނާއަތަށް އިންގިލާބީ ބަދަލުތަކެއް ގެންނަވާނެ ކަމަށްވެސް ވިދާޅުވި އެވެ.
"ދިވެހި ދައުލަތް ހިންގުމަށާއި އިގްތިސާދު ބިނާކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ތިމާވެއްޓާ ރައްޓެހި އަދި ތިމާވެށި ރައްކާތެރިކުރެވޭނެ ދެމެހެއްޓެނިވި ސިޔާސަތުތަކަށް. ތިމާވެއްޓާ ބެހޭ ގާނޫނުތައް ހަރުދަނާކޮށް ތިމާވެށި ހިމާޔަތްކުރުމަށްޓަކައި އުފައްދާފައިހުރި މުއައްސަސާތަކަށް މިނިވަންކަމާއެކު ގާނޫނު ތަންފީޒުކުރެވޭނެ މަގުފަހިކޮށްދޭނަން." ތިމާވެށީގެ ސިޔާސަތާ ގުޅޭގޮތުން އިބޫ ވިދާޅުވި އެވެ.
އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ މިއީ ދިވެހިރާއްޖޭގެ ކަންކަން ހަމަމަގަށް އެޅުވުމަށް ދިވެހި ރައްޔިތުންނަށް ލިބޭ ފަހު ފުރުސަތު ކަމަށާއި އަޅުގަނޑުމެން މި ފުރުސަތު ނަގާލައިފިނަމަ، އަޅުގަނޑުމެންގެ ހަޔާތުގައި މިފަދަ އެހެން ފުރުސަތެއް ލިބުމަކީ ނާދިރު ކަމެއް ކަމަށެެވެ.
"ހުރިހާ ބޭފުޅުން މާދަމާ ހެނދުނު ހެނދުނާ ނިކުމެވަޑައިގަންނަވާ. މެންދުރު ނަމާދުގެ ކުރިން ވަޑައިގެން ވޯޓުލައްވާ. އާއިލާއާ އަވައްޓެރިންނާ ރައްޓެހިންނާ އެކު ނިކުމެވަޑައިގެން 2 ނަންބަރުގައި ފާހަގަޖައްސަވައި ތިޔަ އެންމެ ބޭފުޅުން އަޅުގަނޑުމެންނަށް ވޯޓު ދެއްވާ. މާތް ﷲ ގެ ވާގިފުޅާއެކު އަޅުގަނޑުމެން މި އިންތިޚާބު ބޮޑުތަފާތަކުން ކާމިޔާބު ކުރާނަން." އިބޫގެ އެންމެފަހުގެ އިލްތިމާސްގައި ވިދާޅުވި އެވެ.
ސަލާމަތީ ހިދުމަތްތަކުގެ ބޭފުޅުންނަށް އިލްތިމާސް ކުރައްވަމުން އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ ސަލާމަތީ ހިދުމަތްތަކުގެ ބޭފުޅުން މާދަމާ އެއްވެސް ބާވަތެއްގެ ހަމަނުޖެހުމަކަށް ޖާގަ ނުދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ވޯޓުލުމުގެ ކަންކަން އަމާންކަމާއެކު ކުރިއަށް ގެންގޮސް ނިންމަވާ ދެއްވުމަށާއި ރައްޔިތުންގެ ބަސް އިއްވުމަށް ރައްޔިތުންނަށް ފުރުސަތު ދެއްވުމާއެކު ރައްޔިތުންގެ ނިންމުން ތަންފީޒު ކޮށްދެއްވުމަށްވެސް އިބޫ ވަނީ އެދިވަޑައިގެންފަ އެވެ.
އިބޫ ވިދާޅުވީ ފާއިތުވެދިޔަ ދުވަސްތަކުގައި އެމަނިކުފާނާއި ރަނިންމޭޓް ފައިސަލް ނަސީމު ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހާލު ވަރަށް ގާތުން ބައްލަވާފައިވާނެ ކަމަށެވެ. ބަދަލަކަށް ރައްޔިތުން ފެން ބޮވައިގެންފައިވާ މިންވަރު މިދަތުރުތަކުން ފެނިގެން ގޮސްފައިވާ ކަމަށާއި ހިތާރޫހުން ގުޅިފައިވާ ޕާޓީ ތަކަށް ރައްޔިތުން ކުރާ ތާއީދު އިހުސާސް ކުރެވިފައިވާތީ މާދަމާ ނެގޭ ވޯޓުގެ ނަތީޖާއާ މެދު އެއްވެސް ޝައްކެއްނެތް ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ދުއާއަކީ އަޅުގަނޑުމެން އެންމެން ގުޅިގެން މިކުރާ މައްސައްކަތުގައި މާތް ﷲ ބަރަކާތް ލައްވާ ހެޔޮ ތައުފީގު ދެއްވުން. އަޅުގަނޑު އެދެނީ ދިވެހި ރާއްޖެއަށާއި މިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަދަށް ވުރެ ފަހި، ފާގަތި އުފާވެރި މާދަމާއެއް. އިންސާފުވެރި، އަދުލުވެރި، ފުދުންތެރި ރާއްޖެއެއް،" އިބޫގެ މެސެޖު ނިންމަވާލައްވަމުން ވިދާޅުވި އެވެ.
ކިޔުންތެރިންގެ ހިޔާލު