
އިންޑޮނޭޝިއާ އަށް 7.5 ގެ މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބާރުގަދަ ބިންހެލުމަކާއި އެކު ސުނާމީ އަރާ ބައެއް މީހުން މަރުވެ އެތައް ބަޔަކު ގެއްލި އިމާރަތްތަކާއި އާންމުންގެ ގެދޮރަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
މި ބާރުގަދަ ބިންހެލުމާއި އެކު ސުނާމީ އަރާފައިވަނީ ސްލަވެސީ އައިލެންޑްގެ ޕަލޫ ކިޔާ ސަރަހައްދަށެވެ. މިއީ އިންޑޮނޭޝިއާގެ އައްސޭރި ފަށުގައިވާ ސިޓީއެކެވެ.
މި ސުނާމީގައި 2 މީޓަރު ( 6.6 ފޫޓު) ގެ އުސްމިނުގައި ރަށުތެރެއަށް ރާޅުއަރާފައިވާއިރު، ހަލާކުވި އިމާރާތްތަކުގެ ތެރޭގައި އާންމުންގެ ގެދޮރުގެ އިތުރުން މިސްކިތެއްވެސް ހިމެނެއެވެ.
އޮފިޝަލުންނާ ހަވާލާދީ ބީބީސީގައި ބުނެފައިވަނީ މިހާތަނަށް ފަސްމީހުން މަރުވެފައިވާ ކަމަށާއި އެހެންނަމަވެސް މި ފަސް މީހުން މަރުވީ ސީދާ ސުނާމީގެ ސަބަބުން ކަން އަދި ކަށަވަރު ނުވާ ކަމަށެވެ.
ސުނާމީ އަރާ ރަށުތެރޭގައި ފެންބޮޑުވުމުގެ ސަބަބުން ވަނީ ގިނަ އަދަދެއްގެ މުވާސަލާތީ ސާމާނުވެސް ހަލާކުވެފައެވެ. އަދި ކަރަންޓް ކެނޑިފައިވުމާއި އެކު ގެއްލިފައިވާ މީހުން ހޯދުމަށް ކުރަމުންދާ މަސައްކަތަށް ބުރޫއަރާފައިވާ ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.
ޝޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުގައި ރާޅުއަރައިގެން އައި ވަގުތު ޕަލޫގެ މަގުތަކުގައި ތިބި މީހުން ގެންދިޔައީ ކުއްލި ސިހުމާއި އެކު ބިރުން ހަޅޭއްލަވަމުންނެވެ.
މި ސުނާމީ އެރުމުގެ ކުރިން ބިންހެލުމާއިއެކު ސުނާމީގެ އިންޒާރުވެސް އެގައުމުގެ މޫސުމާއި ބެހޭ އިދާރާއި އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިންވެސް ދިނެވެ.
އެހެންނަމަވެސް ސުނާމީ އެރީ އެ އިންޒާރު އަނބުރާ ގެންދިޔަތާ ގަޑިއެއް ހާއިރު ފަހުން ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އިންޑޮނޭޝިއާގެ މޫސުމާބެހޭ އިދާރާގެ އޮފިޝަލުން ވިދާޅުވީ ޕަލޫގެ އިތުރުން ޑޮންގާލާ ކިޔާ ސަރަހައްދަށްވެސް ސުނާމީ އަރާފައިވާ ކަމަށެވެ.
މިދިޔަ މަހުވެސް އިންޑޮނޭޝިއާ އަށް އެކިވަރުގެ ބިންހެލުންތައް އައިސް އެތައް ސަތޭކަ މީހުން މަރުވިއެވެ. އެގޮތުން އެންމެ ގިނަ މީހުން މަރުވީ 5 އޮގަސްޓް ގައި އައި ބިންހެލުމުގައި ލޮމްބޮކް އިންނެވެ. އެ ބިންހެލުމާއި ގުޅިގެން 460 އަށްވުރެ ގިނަ މީހުން މަރުވިއެވެ.
ރާޅުއަރައިގެން އައި ބާރު މިނުގައި ބައެއް ގެތައް ވަނީ ވެއްޓިފައެވެ. އެފަދަ ގެތަކުގައިވާ މީހުންނާ މަގުމަތީގައި ތިބި މީހުންގެ ތެރެއިން ގެއްލިފައިވަނީ ކިހާ އަދަދެއްގެ ބައެއް ކަމެއް އަދި ސާފެއް ނުވެއެވެ.
ސުނާމީ އެރުމުގެ ކުރިން އައި ބިންހެލުން އުފެދުނީ ކަނޑުގެ 10 މީޓަރު އަޑިންނެވެ. ބިންހެލުން އައީ އިންޑޮނޭޝިއާ ގަޑިން އިރޮއޮއްސި 6 ޖެހުމާއި ކައިރިވެފައިވަނިކޮންނެވެ.
ސުނާމީގެ ފަހުންވެސް އިތުރު ބިންހެލުމެއް އައި ކަމަށް ރިކޯޑް ކުރެވިފައިވާކަމަށް އޮފިޝަލުން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު