
އިޓަލީ ލީގުގައި ކުޅެން ޔުވަންޓަސްގެ ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް އުނދަގޫވާނެ ކަމަށް ބްރެޒިލްގެ ލެޖެންޑް ކަފޫ ބުނެފިއެވެ.
މީގެ ކުރިން އިޓަލީ ލީގުގެ އޭސީ މިލާން އަދި ރޯމާ އަށް ވެސް ކުޅެފައިވާ ކަފޫ ބުނީ އެހެން ލީގު ތަކަށްވުރެ އިޓަލީ ލީގު އަބަދުވެސް އުނދަގޫވާނެ ކަމަށާއި، އެގޮތުން ރޮނާލްޑޯ އަށް ވެސް އިޓަލީ ލީގު ކުޑަކޮށް އުނދަގޫވާނެ ކަމަށެވެ.
ކަފޫ މިހެން ބުނެފައިވާއިރު، ރޮނާލްޑޯ ވަނީ ޔުވަންޓަސް އަށް މިހާތަނަށް ކުޅުނު 8 މެޗުގައި ތިން ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ފަސް އެސިސްޓްވެސް މިހާތަނަށް ފުރިހަމަކޮށްފައެވެ.
ރެއާލް މެޑްރިޑް ދޫކޮށްލުމަށްފަހު ޔުވަންޓަސްއާ މި ސީޒަނުގައި ގުޅުނު ރޮނާލްޑޯ ޔުވަންޓަސްގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނައިރު، ޔުވަންޓަސްގައި އޭނާ ދައްކަމުން އަންނަ ކުޅުންވެސް ތަފާތެވެ.
ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން އިން ކެރިޔަރުފެށި ރޮނާލްޑޯ ވަނީ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. ޔުނައިޓެޑުން ރޮނާލްޑޯ ބަދަލުވީ ރެއާލް އަށެވެ. އޭނާ އަކީ ރެއާލްގެ ތާރީހުގައިވެސް އެންމެ ގިނަލަނޑު ޖަހައިދިން ކުޅުންތެރިޔާއަށް ވާއިރު، އޭނާ ވަނީ އެޓީމަށް ގިނަ ކާމިޔާބުތަކެއް ހޯދައިދީފައެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައވާ ރޮނާލްޑޯ ވަނީ ޕޯޗުގަލް ގައުމީ ޓީމަށް ކުޅުނު 154 މެޗުގައި 85 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ 2016 ވަނަ އަހަރު ޔޫރޯވެސް އެޓީމާއެކު ހޯދާފައެވެ.
ކިޔުންތެރިންގެ ހިޔާލު