
ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ ހަތަރުވަނަ ދުވަހަކީ ބްރޯޑްކާސްޓް ކުރުމުގެ ދުވަހެވެ. މާދަމައަކީ އެދުވަހެވެ. ދުވަހުގެ މުނާސަބާގައި އަޅުގަޑުމެންގެ ޓީވީން ބްރޯޑްކާސްޓް ކުރުމަށް ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު ވަނީ ވީޑިއޯ ޚިތާބެއް ފޮނުއްވައިފައެވެ. ވަރަށްވެސް ޗާލު ފުރިހަމަ ޚިތާބެކެވެ.
މިދުވަސް ބޯމަތިވުމުން އަޅުގަޑުމެންގެ މަތިން ހަނދާން ކުރެއްވިކަމަށްޓަކައި ބްރޯޑްކާސްޓިން ކޮމިޝަނާއި އެކޮމިޝަނުގެ ރައީސަށް ޝުކުރިއްޔާއެވެ. އެކަމަކު ތިޔަ ޚިތާބު ބްރޯޑްކާސްޓް ކުރާކަށް ގަސްތެއް ނުކުރަމެވެ. ސަބަބުތައް ބައިވަރެވެ.
ޝަހީބުގެ ޚިތާބުގައި މައިގަޑު އެއްޗަކަށް ހުރީ ކޮމިޝަނުގެ ޔައުމިއްޔާއެވެ. އެތަނަށް ހުށައެޅުނު މައްސަލަތަކާއި ޝަކުވާތަކުގެ އަދަދާއި ބާވަތެވެ. މާފުކުރައްވާށެވެ. ކޮމިޝަނުގެ ތަފާސްހިސާބުތައް ބްރޯޑްކާސްޓްކުރުމުގެ ޝައުގެއް ނެތީއެވެ. ބްރޯޑްކާސްޓަރުންގެ ބެލެނިވެރި މުވައްސަސާގެ ފަރާތުން އަޅުގަޑުމެން އެދެނީ ތަފާސްހިސާބުތަކާއި ދުވަހުގެ ތަހުނިޔާއަށްވުރެ ބޮޑެތި ކަންކަމެވެ. އެކަންކަމަށް ކޮމިޝަނުން ވެފައިވާ އިހުމާލުގެ ބޮޑުކަމުން ކުދިކުދި ކަންކަމުގެ ޝައުގު ގެއްލުނީއެވެ.
ބްރޯޑްކާސްޓިން ކޮމިޝަނަކީ އަޅުގަޑުމެންގެ ކަންކަން އެންމެ ގާތުން ބަލައި ކަންކަން ފަހިކޮށްދިނުމަށް އުފައްދާފައިވާ އަޅުގަޑުމެންގެ ބެލެނިވެރި މުވައްސަސާއެވެ. އެކަމަކު އެ ބެލެނިވެރިޔާ އަޅުގަޑުމެންނަށް ފެންނަނީ ދޭތެރެޔަކުން އަޅުގަޑުމެން ހާޒިރުކޮށް އިންޒާރުދީ ބަޔާންތައް ނަގައި ބޮޑެތި އަދަދުތަކުން ޖުރިމާނާ ކުރަންވީމައެވެ. ދެން މިކަހަލަ ދުވަހެއް އައިމާ ތަހުނިޔާގެ ފަށުވި އިބާރާތްތަކުން ޚިތާބު ފޮނުވަންވީމައެވެ. އަޅުގަޑުމެން އުޅެނީ ކޮންހާލެއްގައިތޯ އަޅުގަޑުމެންނަށް ބޭނުންވަނީ ކޮންކަމެއްތޯ ދުވަހަކުވެސް ބައްލަވާފައެއް ނުވެއެވެ. ކުޑަމިނުން ސްޓޭޝަނަކަށް ޒިޔާރަތް ކުރައްވާފައެެއްވެސް ނުވެއެވެ.
އަޅުގަޑުމެން މަސައްކަތް ކުރަމުން މިދަނީ ވަރަށް ހާލުގައެވެ. މިހާލުގައި ތިއްބައި ބްރޯޑްކާސްޓިން ކޮމިޝަނުން ކުރައްވާ ކަމަކީ އަޅުގަޑުމެންގެ އަޑު ކަނޑުވާލައި އިނދަޖައްސައިލުމުގެ މަސައްކަތެވެ. މައުލޫމާތު ފެތުރުމުގެ ހައްގާއި ޑިމޮކްރަސީގެ އުސޫލުތަކަށް ރިިއާޔަތްކުރުމުގެ ކުޑަ ވިސްނުމެއްވެސް ނެތި ވަކި ފަރުދަކަށް މަންފާ ހޯދައިދިނުމުގެ މަސައްކަތެވެ. ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އަޅުގަޑުމެން ނާށިގަޑާއިގެން ސަލާންޖަހަން މަގުމައްޗަށް ނެރެފައެވެ. ކޮންމެފަހަރަކު ބޮޑެތި އަދަދުތަކުން ޖުރިމާނާ ކުރީމާ އެފައިސާ ހޯދަނީ މަގުމައްޗަށް ނިކުމެ ސަލާން ޖަހައިގެންނެވެ.
ބްރޯޑްކާސްޓިންގައި ދެމިތިބުމަށްޓަކައި ނާށިގަޑު ހިފައިގެން މަގުމަތީގައި ސަލާންޖަހަން މަޖުބޫރުކުރެވިފައިވާއިރު ތިޔަ ކޮމިޝަނުގެ މެންބަރަކު ދުވަހަކުވެސް އެއިން ނާށިގަޑަކަށް އަމިއްލަ ގޮތުންވިޔަސް ފައިސާފޮއްޗެއް ވައްޓައިނުލައެވެ. އެއީ ތިޔަ ކޮމިޝަނުގައި އަޅުގަޑުމެން އަމިއްލަޔަށް ތަމްރީނުކޮށް ބްރޯޑްކާސްޓިން އާއި ނޫސްވެރިކަމުގެ އަލިފުބާ އުނގަންނައިދިން ތިން ކުއްޖަކު ތިބުމާވެސް އެކުގައެވެ. ތިޔަ ކޮމިޝަނުން ކުރި ކަމަކީ އެކަހަލަ ޒުވާން ކުދީންގެ ކުރިމަގު ވެސް ބަނަ ކުރުމެވެ. އެކުދީންނާ ދޭތެރޭ އާއްމުންގެ ނަފުރަތު އުފެއްދުމެވެ. މިއީ އަޅުގަޑުމެން ވަރަށް ހިތާމަކުރާ ކަމެކެވެ.
ތިޔަ ކޮމިޝަނަށް އަޅުގަޑުމެން އެދެނީ ބާއްޖަވެރިކަމެވެ. އެކަމަކު އެއީ އާ މެންބަރުންނާއެކުގައެވެ. ތިޔަ ކޮމިޝަން އުފެއްދުމުގެ ހަގީގީ މަގުސަދު މޭރުންވާ މެންބަރުން ތިޔަ ކޮމިޝަނަށް އައްޔަން ވުމުންނެވެ. އެއީ މިހާރު ކޮންމެހެންވެސް ކުރާން ޖެހިފައިވާ ކަމެކެވެ.
ބްރޯޑްކާސްޓް ކުރުމުގެ ދުވަހުގެ މުނާސަބަތުގައި ހުރިހާ ބްރޯޑްކާސްޓަރުންނަށް ތަހުނިޔާ އަރިސްކުރަމެވެ. ހިތްވަރުދެމެވެ. އެކަމަކު މިތަހުނިޔާގައި ބްރޯޑްކާސްޓިން ކޮމިޝަނާއި އެކޮމިޝަނުގައި މިހާރު ތިއްބެވި މެންބަރުން ޝާމިލްކުރަން ބޭނުމެއް ނޫނެވެ. އެފަދަ ތަހުނިޔާއެއް އެބޭފުޅުންނަށް ހައްގުކަމަށް އަޅުގަޑު ގަބޫލެއް ނުކުރަމެވެ. އަދި އެބޭފުޅުންގެ ފަރާތުން ގޮތްދެއްކުމުގެ ތަހުނިޔާއެއް ދިވެހިރާއްޖޭގެ ހަގީގީ ބްރޯޑްކާސްޓަރުންނަށް ބޭނުންވާ ކަމަކަށްވެސް ގަބޫލެއް ނުކުރަމެވެ.
ކިޔުންތެރިންގެ ހިޔާލު