
މުޅި ދުނިޔޭގައި ވައިގެ ދަތުރުތަކުގައި އުދުހޭ އެއަރލައިންތަކުގެ ތެރެއިން ވޭތުވެދިޔަ ސެޕްޓެމްބަރުމަހު އެންމެ ވަގުތަށް ކަމޭހިތާ ނުވަތަ ފަރުވާ ބަހައްޓާ އެއަރލައިނަކަށް ސްރީލަންކަން އެއަރލައިންސް ހޮވިއްޖެއެވެ.
ވަގުތަށް އެންމެ ފަރުވާ ބަހައްޓާ ދުނިޔޭގެ އެއަރލައިނަކަށް ސެޕްޓެމްބަރުމަހަށް ސްރީލަންކަން އެއަރލައިންސް ހޮވުނީ، މަތިންދާ ބޯޓުތަކުގެ ދަތުރުތަކުގެ ޑޭޓާ ބަލަހައްޓާ ކުންފުނި ފްލައިޓްސްޓެޓްސްގެ ހިސާބުތަކުންނެވެ.
ސެޕްޓެމްބަރުމަހުގެ ޑޭޓާ އެނަލައިޒްކުރިއިރު ވަގުތަށް އެންމެ ފަރުވާ ބަހައްޓާ އެއަރލައިންތަކުގެ ތެރެއިން "ގްލޯބަލް އެއަރލައިންސް" އަދި "މޭޖަރ އެއަރލައިންސް" ކެޓެގޮރީންވެސް އެންމެ ކުރި ހޯދާފައިވަނީ ސްރީލަންކަން އެއަރލައިންސެވެ.
މިދިޔަމަހުގެ ދުނިޔޭގެ ފްލައިޓް ޑޭޓާއަށް ބަލާއިރު، ސްރީލަންކަން އެއަރލައިންސްގެ މަތިންދާ ބޯޓްތައް، ކަނޑައަޅާފައިވާ ވަގުތަށް ދަތުރުކުރުމުގެ ނިސްބަތަކީ 91.37 އެކެވެ.
ސްރީލަންކަން އެއަރލައިންސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސެޕްޓެމްބަރުމަހުގެ އެންމެ ރަނގަޅު އެއަރލައިން ބެލުމަށްޓަކައި ފްލައިޓްސްޓެޓްސްއިން ޔޫރަޕާއި، އުތުރު އެމެރިކާއާއި، އޭޝިޔާއާއި، މެދުއިރުމައްޗާއި، ދެކުނު އެމެރިކާގެ 41 އެއަރލައިނެއްގެ ދަތުރުތަކުގެ ތަފާސްހިސާބުތައް ބަލައި ވަޒަންކޮށްފައިވާ ކަމަށެވެ. މި އެއަރލައިންތަކުގެ ތެރޭގައި ދުނިޔޭގެ އެންމެ ބޮޑެތި އަދި ޝަރަފްވެރި އެއަރލައިންތައްވެސް ހިމެނޭ ކަމަށް ބުނެފައި ވެއެވެ.
ސްރީލަންކަން އެއަރލައިންސްއިން ބުނެފައިވަނީ، އެ އެއަރލައިންގެ ބޯޓުތަކުގެ ދަތުރުތައް ވަގުތަށް ކުރެވިގެންދަނީ އެއަރލައިންގެ އެތެރޭގެ މަސައްކަތުގެ އޮނިގަނޑު ހަމަޖެހިފައި އޮންނަ ހަރުދަނާ ގޮތުގެ ސަބަބުން ކަމަށެވެ.
އެގޮތުން، އެއަރލައިންގެ އޮޕަރޭޝަންތަކުގައި ހިމެނޭ ޑިޕާޓްމަންޓްތަކުގެ މަސައްކަތްތަކާއި، ހުރިހާ ސްޓާފުންގެ މަސައްކަތްތައް ވަރަށް ރަނގަޅަށް ވިލަރެސް ކުރެވިގެންދާކަން ފާހަގަ ކޮށްފައި ވެއެވެ. އަދި މިއީ، ތާވަލާ އެއްގޮތަށް ދަތުރުކުރުމަށް ދެވޭ ސަމާލުކަމުގެ ނަތީޖާ ކަމަށްވެސް ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު