
ދުނިޔޭގެ ހުރިހާ ގައުމުތަކެއްގެ ފުލުހުން ބައިވެރިވާ ބައިނަލްއަގްވާމީ ޖަމާއަތް، އިންޓަރނޭޝަނަލް ޕޮލިސް އޮގަނައިޒޭޝަން - އިންޓަރޕޯލްގެ ވެރިޔާ މެންގ ހޮންގވެއި ގެއްލުނު މައްސަލައިގެ ތަހްގީގު ފަރަންސޭސި ފުލުހުން ފަށައިފިއެވެ.
މެންގ އެންމެފަހުން ފެނިފައިވަނީ، އޭނާގެ އުފަން ގައުމު ކަމަށްވާ ޗައިނާއަށް ޒިޔާރަތް ކުރެއްވުމަށްޓަކައި ފުރާވަޑައިގަތުމަށް ފަރަންސޭސިވިލާތުގެ ލިޔޯންގައި ހުންނަ އިންޓަރޕޯލްގެ މައި މަރުކަޒުން ނުކުމެވަޑައި ގަންނަވަނިކޮށެވެ. އެއީ މިދިޔަ ހަފްތާގައެވެ.
އިންޓަރޕޯލްގެ ވެރިޔާ މެންގ ހޮންގވެއި ގެއްލުނުކަން އެނގުނީ، އޭނާ ފުރާވަޑައިގެންނެވިފަހުން ޚަބަރެއް ނުވުމާއި، ފޯނަށްވެސް ނުގުޅޭތީ މެންގެ އަނބިކަނބަލުން އެކަން ރިޕޯޓްކުރުމުންނެވެ. މެންގެ އަނބިކަނބަލުން ދިރިއުޅުއްވަނީ ލިޔޯންގައެވެ.
މެންގ ހޯދުމުގެ މަސައްކަތް ނުވަތަ އޭނާ ގެއްލުނު މައްސަލައިގެ ތަހްގީގު ފަރަންސޭސި ފުލުހުން ފަށާފައިވާއިރު، އެ ތަހްގީގާ ގުޅުންހުރި މަސްދަރަކުން ބުނެފައިވަނީ، މެންގ ގެއްލުނީ ފަރަންސޭސިވިލާތަށް ނޫންކަން އެނގޭ ކަމަށެވެ.
ސެޕްޓެމްބަރު މަހުގެ 29 ވަނަދުވަހު މެންގ ހިންގވެއި ފަރަންސޭސިވިލާތުން ފުރާވަޑައިގެންނެވިކަން ކަށަވަރުވާކަމަށް މީޑިއާއިން ރިޕޯޓްކޮށްފައިވެސް ވެއެވެ.
އިންޓަރޕޯލްގައި ދުނިޔޭގެ 193 މެމްބަރު ގައުމު ހިމެނޭއިރު، އިންޓަރޕޯލްގެ މައިގަނޑު މަސައްކަތުގެ ތެރޭގައި، މެމްބަރު ގައުމުތަކުގެ ފުލުހުންގެ ފައުޖުތަކުގެ މެދުގައި މައުލޫމާތު ހިއްސާކުރުމާއި، ވީނުވީއެއް ނޭނގި ގެއްލޭމީހުން ހޯދުމާއި، މެމްބަރު ގައުމަކަށް ނުވަތަ ބައިނަލްއަގްވާމީ ކޯޓްތަކަށް ބޭނުންވާ މީހުން ހޯދައި ހައްޔަރުކުރުންވެސް ހިމެނެއެވެ.
އިންޓަރޕޯލްއިން ބުނެފައިވަނީ، އެ ޖަމާއަތުގެ ވެރިޔާ ވީނުވީއެއް ނޭނގި ގެއްލުނު މައްސަލައަކީ ފަރަންސޭސިވިލާތާއި، ޗައިނާ ސަރުކާރާ ގުޅުންހުރި މައްސަލައެއް ކަމަށެވެ.
ތަހްގީގާ ގުޅުންހުރި މަސްދަރަކުން ބުނެފައިވަނީ، މިހާތަނަށް ބެލި ބެލުންތަކުން އިންޓަރޕޯލްގެ ވެރިޔާ ޗައިނާއަށް ވަޑައިގެންނެވިތަނުން ޗައިނާ ސަރުކާރުން އޭނާ ހައްޔަރުކުރީ ކަމަށް ބެލެވިފައިވާ ކަމަށެވެ. ސަބަބަކީ، އޭނާގެ ފަރާތުން ޗައިނާ ސަރުކާރަށް ހިތްހަމަނުޖެހުންތަކެއް ކުރިމަތިވެފައިވުމުންނެވެ. ނަމަވެސް އެއީ ކޮންކަމެއް ކަމެއް ސާފެއް ނުވެއެވެ.
އިންޓަރޕޯލްގެ ސްޓާފް މެމްބަރުން ކުރައްވާ މަސައްކަތުގެ ބާވަތުން ޚާއްސަ ޕާސްޕޯޓެއްގައި ދުނިޔޭގައި ދަތުރުކުރެވުނު ނަމަވެސް، އެ ޕާސްޕޯޓަކީ އެ މެމްބަރެއްގެ އަމިއްލަ ގައުމުގައި ވަކި ޚާއްސަ ހިމާޔަތަކާއި ރައްކާތެރިކަމެއް ލިބޭ އެއްޗެއް ނޫންކަމަށް ވެއެވެ.
މެންގަށް އިންޓަރޕޯލްގެ ރައީސްކަން ލިބިވަޑައިގެންފައިވަނީ 2016 ވަނަ އަހަރުއެވެ. އޭނާގެ މަގާމުގެ ދައުރު ހަމަވާނީ 2020 ވަނަ އަހަރުއެވެ.
މެންގަކީ އިންޓަރޕޯލްގެ ވެރިޔާގެ އިތުރުން، އިންޓަރޕޯލްގެ ޗައިނާގެ އެންމެ އިސްވެރިޔާވެސް މެއެވެ.
އޭނާއަކީ ޖިނާއީ އަދުލާއި ފުލުހުންގެ މަސައްކަތުގައި ސާޅީސް އަހަރުދުވަހު މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރެކެވެ. އޭގެ އިތުރުން، ގާނޫނީ މައްސަލަތަކާއި، މަސްތުވާތަކެތީގެ މައްސަލަތަކާއި، ޓެރަރިޒަމްގެ މައްސަލަތަކުގައިވެސް އޭނާ މަސައްކަތް ކުރައްވާފައިވާ ކަމަށް އިންޓަރޕޯލްގެ ވެބްސައިޓުގައި ބުނެފައި ވެއެވެ.
ޗައިނާގައި ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީން މިއަހަރުގެ އޭޕްރީލްމަހު ބޭއްވި އެ ޕާޓީގެ އަހަރީ ކޮންފަރެންސާ ހަމައަށް މެންގ ހޮންގވެއި ކޮމިއުނިސްޓް ޕާޓީގެ ވެބްސައިޓްގައި ލިސްޓްކޮށްފައިވަނީ ސަރުކާރުގެ މިނިސްޓްރީ އޮފް ޕަބްލިކް ސެކިއުރިޓީގެ ވައިސް މިނިސްޓަރުގެ ގޮތުގައެވެ.
ނަމަވެސް، ޕާޓީގެ ކޮންފަރެންސަށްފަހު އޭނާއަށް މަގާމުވަނީ ގެއްލިވަޑައިގެންފައެވެ.
ކިޔުންތެރިންގެ ހިޔާލު