
ނިއުޔޯކްގެ ބްރިޖެއްގެ ނަމުގައިވާ ޓައިޕޯއެއް ނުވަތަ އިމްލާ ކުށެއް 50 އަހަރަށްވުރެ ގިނަ ދުވަސްވީފަހުން ރަނގަޅުކޮށްފި އެވެ.
'ދަ ވެރަޒާނޯ ނެރޯސް' ބްރިޖަކީ ދުނިޔޭގެ ކަންކަން ހޯދާ ދިރާސާކުރަމުން އައި އިޓަލީ މީހެއް ކަމަށްވާ 'ޖަވާނީ ދި ވެރަޒާނޯ' ގެ ނަމުން ނަންދީފައިވާ ބްރިޖެކެވެ.
ބުނެވޭގޮތުގައި އޭނާ އަކީ ނިއުޔޯކް ސިޓީގެ ހާބަރަށް ކަނޑުދަތުރުކޮށްފައި އައިސް ފޭބި ޔޫރަޕްގެ އެންމެ ފުރަތަމަ މީހާ އެވެ. ވެރަޒާނޯ ނިއުޔޯކްގެ އެ ގޮނޑުދޮށް ހޯދީ 1524 ވަނަ އަހަރެވެ.
އެމެރިކާގެ ބްރުކްލިން އާއި ނިއުޔޯކް ސިޓީގެ ސްޓޭޓެން އައިލެންޑް ގުޅުވާލަދޭ މި ބްރިޖް އިމާރާތްކޮށް އާންމުންނަށް ހުޅުވާލާފައިވަނީ 1960ގެ ތެރޭގައެވެ. މި ބްރިޖަކީ އޭރު ގޮނޑުދޮށެއްގައި އިމާރާތް ކުރެވުނު އެފަދަ ދުނިޔޭގެ އެންމެ ބޮޑު ބްރިޖެވެ. 13 އޮގަސްޓް 1959 ގައި އިމާރާތް ކުރަން ފެށުނު މި ބްރިޖުގެ ދިގުމިނަކީ 4,176 މީޓަރެވެ.
693 ފޫޓު އުސް ޓަވަރުތަކަކާއި އެކު ބިނާކޮށްފައިވާއި މި ބްރިޖްގެ ކޮންމެ ޓަވަރެއްގައި 24،500 ޓަނުގެ ބަރުދަން ހުރެއެވެ. މިއީ އިންޖިނިއަރިންގެ ރޮނގުން ވިސްނާ ނަމަ އެދުވަސްވަރުގެ ވަރަށް މަތީ ފަންތީގެ މަސައްކަތެވެ.
މިބްރިޖަށް ނަންދީފައިވާ ގޮތަށް އިމާރާތް ކުރި ކުންފުނިން ވެރަޒާނޯގެ ނަން ޖެހިއިރު ވަނީ އެއް އަކުރު ވައްޓާލާފައެވެ. އެގޮތުން މަދުވާ އަކުރަކީ 'ޒެޑް' އެވެ. އެހެންނަމަވެސް މި ކަން ހިނގާދިޔަ ގޮތެއް ނުވަތަ ނަން ޖެހުމުގައި އިމްލާ ކުށް ޖެހުނީ ކިހިނެއް ކޮންބައެއްގެ ފުށުން ކަމެއްވެސް ސާފެއް ނުވެއެވެ.
މި ބްރިޖްގެ އިތުރުންވެސް "ސްޕެލިން އެރާ" ހުރި ނިއުޔޯކްގެ ބައެއް ތަންތަނުގެ ނަން ބޯޑުތައް ރަނގަޅު ކުރުމަށް ބުނާ ބިލެއްގައި މިދިޔަ ހޯމަ ދުވަހު ނިއުޔޯކްގެ ގަވަރުނަރު އެންޑްރޫ ކުއޯމޯ ވަނީ ސޮއި ކުރައްވާފައެވެ.


ގަވަރުނަރު އެންޑްރޫ ކުއޯމޯ ވިދާޅުވީ ވެރަޒާނޯ ބްރިޖުގެ ނަމުގައިވާ ކުށަކީ ވަރަށް ގިނަ ދުވަސްވެފައިވާ ކުށެއް ނަމަވެސް މިހާރު އެކަން އިސްލާހު ކުރަން ނިންމީ އިޓަލީގެ އެ އެކްސްޕްލޯރާ ވެރަޒާނޯއަށް ދޭންވާ އިހްތިރާމް ދިނުމުގެ ގޮތުން ކަމަށެވެ.
އަދި އޭނާގެ ލެގަސީއަށް އިހްތިރާމްކުރުމާއި އެކު ނިއުޔޯކްގެ އާސާރީ ބިނާތަކަށް ދޭން ޖެހޭ އަހަންމިއްޔަތުކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ދިނުމަށް ކަމަށް ގަވަރުނަރު އެންޑްރޫ ކުއޯމޯ ވިދާޅުވިއެވެ.
ގަވަރުނަރު އެންޑްރޫ ކުއޯމޯ ސޮއި ކުރެއްވި އެ ބިލުގައި ވަނީ ނިއުޔޯކް ސިޓީގެ މުހިންމު އާސާރީ ބިނާތަކުގައިވާ ޒަމާންވީ މައްސަލަތައް ހައްލުކުރުމަށާއި އާ ނިޝާންތައް ހަރުކުރަންޖެހޭ ތަންތަނުގައި އެފަދަ ނިޝާންތައް ހަރުކުރުންފަދަ ކުރިން ނުކުރެވި، އަޅާނުލެވި ހުރި މިފަދަ ކަންކަން ކުރުމަށް މެޓްރޮޕޮލިޓަން ޓްރާންސްޕޮޓޭޝަން އޮތޯރިޓީއަށް ހުއްދަދީފައެވެ.
50 އަހަރަށްވުރެ ގިނަ ދުވަސްވަންދެން ހައްލުނުކޮށް އޮތް މައްސަލައެއްކަމުގައިވާ ނިއުޔޯކް ސިޓީގެ މި ބްރިޖްގެ ނަން އިސްލާހް ކުރުމަަށް ނިންމި ނިމުމުމާއި އެކު އެ ބިލްގައިވާ ގޮތުން އެސިޓީގެ އެކި ތަންތަނުގައިވާ 96 ނިޝާނެއްގައިވާ ކުށްތައް އިސްލާހު ކުރަން ޖެހޭނެއެވެ.
އެހެންނަމަވެސް މި ކުށްތައް އިސްލާހުކުރުމަށް ޓެކްސްޕޭޔަރުންގެ އަތުން އިތުރަށް ފައިސާ ނުނަގާނެ ކަމަށާއި އާންމު ރައްޔިތުންނަށް މިކަމުން ބުރައެއް އުފުލަން ނުޖެހޭނެ ކަމަށް ނިއުޔޯކްގެ ސިޔާސީ ވެރިން ވަނީ ވިދާޅުވެފައެވެ.
މި ބިލާއެކު ވެރަޒާނޯ ބްރިޖުގެ ސަރަހައްދުގައި ހުންނަ ވެރަޒާނޯ ސްޓެޗޫގެ ނަންވެސް މިހާރު ވަނީ އިސްލާހުކޮށްފައެވެ. އަދި ބްރިޖުގައިވާ ހުރިހާ ނަންބޯޑެއްގައިވެސް މި ނަން ވަނީ އިސްލާހުކޮށް މަދުވާ 'ޒެޑް' އަކުރު އިތުރުކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު