

2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިންތިހާބު ކުރި ވިކްޓަރީގެ ޗެއާމަން އަދި 2017 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި އިންތިހާބު ކުރި ވައިސް ޗެއާމަން އެ ކުލަބު ގޯހުން ގޯހަށް ދުއްވާލުމަށް ފަހު ކުލަބު އިން އިސްތިއުފާދީފިއެވެ.
ވިކްޓަރީގެ ޗެއާމަން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް އަދި ވައިސް ޗެއާމަން ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ކުލަބާއި ހަވާލުވެ، ގިނަ ވައުދުތަކެއްވެ ކުލަބަށް ގިނަ ބަދަލުތަކެއް ގެންނާނެ ކަމަށް ވިދާޅުވި ނަމަވެސް މި ދެ ބޭފުޅުންގެ ދައުރުގައި ކުލަބު ވަނީ މީގެ ކުރިން ނުދާހާ ދަށަށްގޮސްފައެވެ.
މިހާރު ކުރިޔަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ނުކުޅެވޭ ހާލަތަށް ކުލަބު ގޮސްފައިވާއިރު އެތައް މަހެއްގެ މުސާރަ ކުޅުންތެރިންނަށް ވަނީ ނުދެވިއެވެ. ކުލަބުގެ ޗެއާމަން އާއި ވައިސް ޗެއާމަން އިސްތިއުފާދީފައިވާއިރު ކުލަބުގެ ހާލަތު ރަނގަޅު ކުރުމަށް އެއްވެސް ކަމެއްކޮށްފައިނުވާ ކަމަށް ވިކްޓަރީގެ ސަޕޯޓަރުން ދަނީ ބުނަމުންނެވެ.
ކުޅުންތެރިންގެ މުސާރަ ނުދެވި މާލީ ގޮތުން ދަތި ހާލަތަކަށް ކުލަބު ގޮސްފައިވާއިރު ވިކްޓަރީ އަކީ ރާއްޖޭގެ އެންމެ ވަރުގަދަ އަދި އެންމެ ކާމިޔާބު އެއް ކުލަބެވެ.
ކުލަބުގެ ހާލަތު އޮތް ގޮތުން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސްއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ވެސް އެ ކުލަބު ދަނޑަށް ހާޒިރުވެފައެއްނުވެއެވެ. ވިކްޓަރީގެ ކުޅުންތެރިންނަށް މުސާރަ ނުދޭތީ ޕްރެކްޓިސްތައް ވެސް ގަވައިދުން ކުރިޔަށް ނުގެންދާއިރު މިއީ ވިކްޓަރީގެ ތާރީހުގައި ވެސް މިފަދަ ހާލަތަކަށް އެ ކުލަބު ވެއްޓީގެން ދިޔަ ފުރަތަމަ ފަހަރެވެ.
ވިކްޓަރީގެ މިހާރުގެ ޒައާމަތުގައި ވިކްޓަރީގެ ކޯޗު ލާސްލޯ ކިސް ފުރައިގެން ދިޔައީ މުސާރަ ނުލިބުމާއި އެކު ގިނަ ޝަކުވާތަކެއްކޮށް ކުލަބުގައި މަސައްކަތް ކުރަން އެކަށީގެންވާ މާހައުލެއް ނެތް ކަމަށް ބުނެ އެވެ. ވިކްޓަރީގައި ބިދޭސީ ކުޅުންތެރިންނަށް ބަލާއިރު މިދިޔަ ޖޫން މަހު ގެނައި ޑެންމާކުގެ ކިމް އެލްގާޑް އެނބުރި ގައުމަށް ގޮސްފައިވާއިރު ކުލަބުގައި މިހާރު ތިބި ބިދޭސީ ތިން ކުޅުންތެރިން ވެސް ތިބީ މުސާރަ ނުލިބިއެވެ.
ލީގުގައި މި ވަގުތު ވިކްޓަރީ އޮތީ ފަސް ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ.
2012 ވަނަ އަހަރު ވިކްޓަރީއަށް މައްސަލަތަކާއި ކުރިމަތިލާންފެށި ފަހުން އެޓީމަށް އެކަށީގެންވާ ކާމިޔާބެއް ނުހޯދެ އެވެ.
ކިޔުންތެރިންގެ ހިޔާލު