
ސްޕެނިޝް ލަލީގާގައި ފަހުވަގުތު މަނޫ ގާސިއާ ކާމިޔާބުކުރި ލަނޑާއެކު ޑިޕޯޓިވޯ އަލަވޭސް އަތުން ރެއާލް މެޑްރިޑް ބަލިވެއްޖެއެވެ.
ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ރެއާލް ބަލިވީ އަލަވޭސްއާ ބައްދަލުކޮށް 0-1 ގެ ނަތީޖާއަކުންނެވެ.
އަލަވޭސްގެ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅުނީ މެޑްރިޑުންނެވެ. އެގޮތުން އެޓީމުން ވަނީ އަލަވޭސްގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
ފުރަތަމަ ހާފްގައި އަލަވޭސް އިން ވަނީ މޮޅު ޑިފެންސެއްކޮށް، ރެއާލްގެ ހަމަލާތައް ހުށިއާރުކަމާއެކީ ދިފާއުކޮށްފައެވެ. ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ރެއާލް އިން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނު ނަމަވެސް ރަނގަޅު ހަމަލާއެއް އެޓީމަށް އަލަވޭސްގެ ގޯލަށް ފޮނުވާލެވިފައެއް ނުވެއެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އިތުރުވަގުތުގެ ތެރޭގައި އަލަވޭސް އަށް ކާމިޔާބުކޮށްދިނީ މަނޫ ގާސިއާއެވެ. ރެއާލްގެ ފަރާތުން ލަނޑެއް ފެނިގެން ނުގޮސް މެޗު ނިމުނުއިރު، މިއީ މި ސީޒަނުގައި ޖެހި ޖެހިގެން ލަނޑެއް ނުޖެހި އެޓީމު ނިންމާލި ތިންވަނަ ލީގު މެޗެވެ.
ރެއާލްއާ ދެކޮޅަށް އަލަވޭސް އެންމެ ފަހުން ކުޅުނު ނުވަ މެޗުން ބަލިވެފައިވާއިރު، 10 ވަނަ މެޗުން އެޓީމުން ވަނީ ރެއާލްގެ މައްޗަށް ކުރިހޯދާފައެވެ.
މި ނަތީޖާއާއެކު ރެއާލް އޮތީ ކުޅުނު 8 މެޗުން ލިބުނު 14 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގައެވެ. މެޗުން މޮޅުވި އަލަވޭސްވެސް މި އަދަދަށް ޕޮއިންޓް ހޯދާފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމަށް ލިބެނީ ތިންވަނައެވެ.
ކިޔުންތެރިންގެ ހިޔާލު