
ވިކްޓްރީ ސްޕޯޓްސް ކްލަބް ނަގާ ކޮޅަށް ޖެހުމަށް އެޓީމުގެ ކޯޗުކަމާ މުހައްމަދު ނަޒީހު ހަވާލުވެއްޖެއެވެ.
ވީ ސްޕޯޓްސް އަށް މައުލޫމާތު ދެމުން ނަޒީހު ބުނީ މިވަގުތު ކްލަބް އޮތް ހާލަތުން އިތުރު ހާލަތަކަށް ގެންދިޔުމަށް ޓީމާ ހަވާލުވާން ނިންމާފައިވާ ކަމަށާއި، މިއީ ކްލަބްދެކެ ވާ ލޯބީގެ ސަބަބުން އެއްވެސް އުޖޫރައަކާ ނުލާ ކުރާ ކަމެއް ކަމަށެވެ.
ނަޒީހު ބުނީ ޓީމުގެ ކުޅުންތެރިންނާ ރޭ ބައްދަލުވެފައިވާ ކަމަށާއި، މިއަދު ހަވީރު ޓީމާއެކު ފަރިތަކުރުންތައް ފަށާނެ ކަމަށެވެ. އޭނާ ބުނީ ޓީމު ފަރިތަނުކުރާތާ ދޮޅުމަސް ވެފައިވާއިރު، މިހާރު އޮތް ހާލަތު ނޭގޭ ކަމަށެވެ.
ރާއްޖޭގެ ކްލަބްތަށް މާލީ ގޮތުން ބޮޑެތި ދަތިތަކާ ކުރިމަތިލަމުން އަންނައިރު، ވިކްޓްރީ އަކީ އެންމެ ބޮޑަށް މިވަގުތު އަޑިއަޅާލާފައިވާ ކްލަބެވެ. މައުލޫމާތު ލިބޭ ގޮތުގައި އެ ކްލަބުގެ ކުޅުންތެރިންނަށް މުސާރަ ނުލިބޭތާ މިހާރު ހަތަރު މަސްވެއްޖެއެވެ. ވިކްޓްރީ މި ސީޒަނާ ކުރިމަތިލީ ހަންގޭރީގެ ކޯޗު ލާސްލޯ ކިސްގެ އިރުޝާދުގެ ދަށުންނެވެ. އެހެންނަމަވެސް އޭނާ ވަނީ މުސާރައިގެ މައްސަލައިގައި ބްރޭކް ތެރޭގައި ޓީމު ދޫކޮށް ގޮސްފައެވެ.
މިދިޔަ ބުދަ ދުވަހު ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ވިކްޓްރީ ކުޅެން އޮތް މެޗަށް އެޓީމު ހާޒިރުވެފައެއްވެސް ނުވެއެވެ. އެ މެޗު ކުޅެން ކުޅުންތެރިން ތައްޔާރަށް ތިބި ނަމަވެސް ނުކުޅެން ނިންމީ ޓީމުގެ ބޯޑުންނެވެ.
ވިކްޓްރީގެ ޗެއާމަން އަކީ ހޯރަފުށި ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލްއެވެ. ވައިސް ޗެއާމަން އަކީ ޕީޕީއެމްގެ ސްޕޯކްސްޕާސަން އަދި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފްއެވެ. މި ދެ ބޭފުޅުން މަގާމަށް އިންތިހާބުވީ މި އަހަރުގެ މާޗު މަހުއެވެ. އެހެންނަމަވެސް ޓީމަށް ފައިދާތަކެއް ހޯދައިނުދެވި ދެބޭފުޅުންވެސް ވަނީ މަގާމުން ދާދި ފަހުން އިސްތިއުފާ ދެއްވާފައެވެ.
ދިވެހި ޕްރިމިއާ ލީގުގައި ވިކްޓްރީ ދެން އެންމެ އަވަހަށް މެޗެއް ކުޅޭނީ މާދަމާއެވެ. އެޓީމު ނިކުންނާނީ ޗެމްޕިއަން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
ކިޔުންތެރިންގެ ހިޔާލު