
ފަލަސްތީނު މީހަކު ބަޑިޖަހައި އިސްރާއީލު ދެމީހުން މަރާލައިފިއެވެ.
ފަލަސްތީނުމީހާ އިސްރާއީލު ބައެއްގެ ގަޔަށް ބަޑިޖަހާފައިވަނީ އިސްރާއީލުން ގަދަބާރުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ބިމެއްގައި ގާއިމްކޮށްފައިވާ އިންޑަސްޓްރިއަލް ޒޯނެއްގައެވެ.
ފަލަސްތީނުމީހާ ދިން ހަމަލާގައި އިސްރާއީލުގެ އިތުރު އެކަކު ޒަޚަމްވެފައިވާ ކަމަށް، އިސްރާއީލު ސިފައިން ބުނެފައި ވެއެވެ.
އިސްރާއީލު ސިފައިންގެ ތަރުޖަމާނު ޖޮނަތަން ކޮނރިކަސް ބުނެފައިވަނީ، އިސްރާއީލު މީހުންގެ ގަޔަށް ބަޑިޖެހީ އުމުރުން 23 އަހަރުގެ ފަލަސްތީނު މީހެއް ކަމަށާއި، އޭނާއަކީ ބަރްކަން އިންޑަސްޓްރިއަލް ޒޯންގައި ކުރިން މަސައްކަތްކުރި މީހެއް ކަމަށެވެ.
އިސްރާއީލު މީހުންގެ ގަޔަށް ބަޑިޖެހުމަށްފަހު ފަލަސްތީނު ޒުވާނާވަނީ ފިލާފައެވެ. އޭނާ ހޯދުމުގެ މަސައްކަތް އިސްރާއީލުގެ ސަލާމަތީ ބާރުތަކުން މިހާރު ކުރަމުން އެބަގެންދެއެވެ.
ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން އިސްރާއީލުގެ ސަލާމަތީ ބާރުތަކުން މިހާރުވަނީ ބަރްކަން އިންޑަސްޓްރިއަލް ޒޯން ސަރަހައްދު އެއްކޮށް ބަންދުކޮށްފައެވެ.
ފަލަސްތީނު ރައްޔިތުން އެމީހުންނަށް ލިބިފައިވާ ބިންކޮޅުގައި ދިރިއުޅޭއިރުވެސް އުޅޭން ޖެހިފައިވަނީ އިސްރާއީލުގެ އަނިޔާވެރިކަމާއި، ދުއްތުރާތަކާއި ފުރައްސާރަކުރުންތަކުގެ ދަށުގައެވެ. ކޮންމެ ދުވަހަކު ފަލަސްތީނު އެތައްބަޔަކު ގެންދަނީ ޝަހީދު ކުރަމުންނެވެ.
އިސްރާއީލުގެ އަނިޔާވެރިކަން ހައްދުފަހަނައަޅާފައިވުމުން، ފަލަސްތީނު މީހުންނަށް ދިރިތިބުމުގެ އުންމީދުގެއްލި، ކުޑަކުއްޖެއް، ބޮޑުމީހެއް، އަންހެނެއް، އުމުރުން ދުވަސްވީމީހެއް ނުބަލައި ބިރުފަހަނައަޅައި އެމީހުންނަށް ދެވުނުގޮތަކުން އިސްރާއީލު މީހުންނަށް ހަމަލާތައް ދެމުން ގެންދެއެވެ.
އަނެއްކޮޅުން، އިސްރާއީލާ އިންވެގެން އޮންނަ ޣައްޒާގައި އިސްރާއީލާ ދެކޮޅަށް މިއަހަރުގެ މާޗްމަހުގެ 30 ވަނަދުވަހު ފަލަސްތީނު މީހުން ފެށި މުޒާހަރާގެ ތެރެއަށް އިސްރާއީލުގެ އުދުވާނީ ސިފައިން ބަޑިޖަހައި މިހާތަނަށް 148 މީހުން ޝަހީދު ކޮށްލާފައި ވެއެވެ. އިސްރާއީލުން ޝަހީދުކޮށްލާފައިވާ މީހުންގެ ތެރެއިން 33 މީހުންނަކީ އުމުރުން 18 އަހަރުން ދަށުގެ ކުދިންނެވެ.
މިދިޔަ ހުކުރުދުވަހުވެސް، ޣައްޒާ-އިސްރާއީލު ވަކިކުރާ އިމުގައި މުޒާހަރާ ކުރަމުންދިޔަ ފަލަސްތީނު މީހުންގެ ގަޔަށް އިސްރާއީލު ސިފައިން ބަޑިޖަހައި ފަލަސްތީނު ތިންމީހުން ޝަހީދުކޮށްލާފައި ވެއެވެ. އޭގެ ތެރޭގައިވެސް އުމުރުން 13 އަހަރުގެ ކުއްޖަކުވެސް ހިމެނެއެވެ.
ކިޔުންތެރިންގެ ހިޔާލު