
އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަމުގައި އިސްލާމީ އަގީދާ ވަރުގަދަކުރައްވާނެކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.
ޝައިޚް އިލްޔާސް ވިދާޅުވީ އިބްރާހިމް މުހައްމަދު ސާލިހް ވެރިކަމުގައި ކްރިސްޓިއަން މިޝަނަރީތަކުން ދިވެހި ރާއްޖެގައި ކްރިސްޓިއަން ދީން ފަތުރަން ފަސޭހަވާނެކަމަށް ބުނާ ޚަބަރުތައް ކިތަންމެ ވަރަކަށް ބަޔަކު މީހުން ފެތުރިނަމަވެސް ދިވެހި މުސްލިމް މުއާތިނުންގެ އިސްލާމީ އަގީދާ ގުޑުވައިނުލެވޭނެކަމަށެވެ. އަދި މާތްﷲގެ އިރާދަފުޅުން އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުގައި އިސްލާމީ އަގީދާ ވަރުގަދަވެގެންދާނެކަމަށް ވިދާޅުވިއެވެ.
ޝައިޚް އިލްޔާސް ހުސައިން ވިދާޅުވީ އިއްތިހާދުގެ ސަރުކާރުގައި އެކަމަށްޓަކައި އިލްމުވެރިން އިތުރު މަސައްކަތްތަކެއް ކުރާނެކަމަށެވެ. އަދި ހައްގާއި ބާތިލާއި ދެމެދު އަބަދުވެސް އަރައިރުން އޮންނާނެކަމަށާ މުސްލިމުން މުސްލިމުންގެ ވަރުގަދަ އަގީދާގެ މަތީގައި ސާބިތުވެ ތިއްބެވިހާ ހިނދަކު ލާދީނީ މިޝަނަރީތަކަށް ދިވެހި ފަސްގަނޑުން މާތްﷲގެ އިރާދަފުޅުން ޖާގައެއް ނުލިބޭނެކަމަށެވެ.
ލާދީނީ ފިކުރުމުގެ މީހުންނަށް ދިވެހި ބިމުން ފުރުސަތެއް ލިބިދާނެކަމަށް އުންމީދުވެސް ކުރުމަކީ މޮޔަކަމެއްކަމަށާ ދިވެހި މުސްލިމް ޒުވާނުންނާއި، އެންމެހާ މުވާތިނުން އެފަދަ ފުރުސަތެއް ދިވެހި ފަސްގަނޑުން ނުދޭނެކަން މާޒީގައި ވަނީ ސާބިތުކޮށްދީފައިކަމަށްވެސް ޝައިޚް އިލްޔާސް ވިދާޅުވިއެވެ. އެހެންކަމުން އެފަދަ ޚަބަރުތައް ނުފެތުރުމަށް ޝައިޚް އިލްޔާސް ވަނީ އިލްތިމާސްކުރައްވާފައެވެ.
އަދި ދިވެހި ބިން ހިމާޔަތްކޮށްދެއްވުން އެދި ދުއާކުރައްވާކަމަށް ޝައިޚް އިލްޔާސް ލިޔުއްވާފައިވެއެވެ.
މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ މުހައްމަދު އިޔާޒް އަބުދުލްލަތީފް ވިދާޅުވީ ދީނިއްޔާތު ފޮތުގެ ބޭރުގަނޑު ހިފައިން ނިކުމެ، ދީން ހިމާޔަތްކޮށްދޭނަމޭ ގޮވިނަމަވެސް އެއީ ހުސް ދޮގާއި، މަކަރުކަން ރައްޔިތުން އެވަނީ ބުނެފައިކަމަށެވެ.
އެހެންކަމުން ކޯޓަށް ދިޔަނަމަވެސް ރައްޔިތުންގެ ހިތް ބަދަލެއް ނުވާނެކަމަށް ޑރ އިޔާޒް ވިދާޅުވިއެވެ.
އިބްރާހިމް މުހައްމަދު ސާލިހް ވެރިކަމުގައި ކްރިސްޓިއަން މިޝަނަރީތަކުން ދިވެހި ރާއްޖެގައި ކްރިސްޓިއަން ދީން ފަތުރަން ފަސޭހަވާނެކަމަށް ބުނެ ބައެއް ނޫސްތަކުން ދަނީ ޚަބަރުފަތުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު