
ހައްޖަށް ދާން އެއްކޮށް ފައިސާ ދެއްކި މީހުންގެ ފައިސާ ބޭނުންކޮށްފައިނުވާ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ހާލަތު ބެލުމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލި ކޮމިޓީން ބެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައްޖު ކޯޕަރޭޝަނަށް ވަރަށް ބޮޑަށް ފާޑު ކިޔާ ފައިސާތަށް ބޭނުންކޮށްފައިވާ ކަމަށް ބުނުމުން އެކަމަށް ރައްދުދީ އެ ކޯޕަރޭޝަނުން ބުނެފައި ވަނީ ހައްޖަށް ދިޔުމަށް އެކޯޕަރޭޝަނަށް އެއްްކޮށް ފައިސާ ދައްކާފައި ވަނީ 1،817 މީހުން ކަމަށާއި އެމީހުން ހައްޖަށް ގެންދާނެ ފައިސާ ހައްޖު ކޯޕަރޭޝަންގައި އެބަހުރި ކަމަށެވެ.
އެ ކޯޕަރޭޝަނުން ބުނެފައި ވަނީ ހައްޖަށް ދިޔުމަށް އެ ކޯޕަރޭޝަނަށް ދައްކާ ފައިސާ ބަހައްޓަނީ ވަކި އެކައުންޓެއްގައި ކަމަށާއި ފައިސާ ދެއްކި މީހުން ހައްޖަށް ފޮނުވުން ނޫން އެއްވެސް ކަމެއްގައި އެފައިސާ ބޭނުން ނުކުރާ ކަމަށެވެ. އެހެންވީމާ ހައްޖަށް ދިޔުމަށް އެކޯޕަރޭޝަނަށް ފައިސާ ދެއްކުމަށް ފަހު ހައްޖަށް ދެވޭނެ ކަން ޔަގީން ކުރުމާށާއި ނުދެވިދާނެ ކަމުގެ ބިރު ހީވެފައި ނުތިބުމަށް އެކޯޕަރޭޝަނުން ވަނީ އެދިފައެވެ.
އެކޯޕަރޭޝަނުން ބުނި ގޮތުގައި ހައްޖަށް މީހުންގެދިޔުމަށް ކުރަން ޖެހޭ ހަރަދުތަކުގެ އަގު ބޮޑުވެފައިވީ ނަމަވެސް ހައްޖު ކޯޕަރޭޝަނުން މީހުން އަތުން ނަގަމުން އަންނަ ފައިސާގެ އަދަދަކަށް އެއްވެސް ބަދަލެއް ގެނަސްފައެއް ނުވެއެވެ. އެހެންވީމާ މިހާރު މީހުން ގެންދަނީ ހަގީގަތުގައި އެކަން ކުރެވޭ އަގުގައި ނޫން ކަމަށާއި އެކަން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނަސްފައި ވާނެ ކަމަށް އެކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
ހައްޖު ކޯޕަރޭޝަނުން ބުނެފައި ވަނީ އެކޯޕަރޭޝަނުން ހައްޖަށް ގެންދިޔަ މީހުންގެ ތެރެއިން މިހާތަނަށް ފައިސާ ނުލިބިވަނީ މަލީޝާ ޖަމާއަތުގެ މަކަރުގައި ޖެހުނު މީހުންގެ ތެރެއިން ސަރުކާރުން އަންގައިގެން ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހައްޖަށް ގެންދިޔަ މީހުން ސަރުކާރަށް ދައްކަން ޖެހޭ ފައިސާއާއި ސަރުކާރުގެ ކުންފުނިތަކުން ފައިސާ ދައްކާ ގޮތަށް ހައްޖަށް ގެންދިޔަ މީހުންގެ ފައިސާ ކަމަށެވެ. އެހެންނަމަވެސް އެއީ ކިހާ ފައިސާއެއް ކަމެއް ހައްޖު ކޯޕަރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު