
ދިވެހިންނަކީ ތަފާތު ބައެކެވެ. އަބަދުވެސް އެކިކަންކަމުގައި އެކިގޮތްގޮތުން ތަފާތުކަމާއި ހުނަރު ދައްކައެވެ. ފަހަކަށްއައިސް ދިވެހިންގެ ހުނަރުވެރިކަމާއި ތަފާތުކަން އެންމެ ބޮޑަށް ފެންނަމުންދަނީ މަޝްހޫރު ޓިކްޓޮކް އެޕްލިކޭޝަނުންނެވެ.
ފެށިގެން އައީ މިއުޒިކަލީގެ ނަމުގައެވެ. ދެން އިވުނީ ޓިކްޓޮކޭ ކިޔަންފެށި އަޑެވެ. އަލަށް އެ އެއްޗެއްގެ ވާހަކަ އަޑު އިވުމުން އެއީ ކޮންއެއްޗެއްކަން ނޭނގި ކޮން ޓިކްޓޮކެއްހޭ ނާހާ މީހުން ވަރަށް މަދެވެ. އަޅުގަޑުވެސް އެހީމެވެ. އެކަމަކު މަދު ދުވަސްކޮޅެއްގެ ތެރޭގައި އެންމެންގެ މަގުބޫލުކަން ހޯދައި މަޝްހޫރުވެގެން ދިޔައިރު އެންމެ ތުއްތު ކުއްޖާއިން ފެށިގެން އެންމެ ދޮށީ އުމުރުގެ މީހާއަށްވެސް އެއީ ކޮންއެއްޗެއްކަން މިހާރު އެނގެއެވެ. ދިވެހިންގެ ތެރޭގައި ޓިކްޓޮކް ފުރަތަމަ އާންމުވެގެން ދިޔައީ ފޫހިވާ ކޮންމެ ވަގުތެއްގައި މަޖާ ވީޑިއޯތައް ބަލާލަން ހެއްވާ އެޕްލިކޭޝަނެއްގެ ގޮތުގައެވެ.
ދިވެހިންގެ ތެރޭގައި އެކްޓުކުރުމާއި ލަވަކިޔުމާއި ނެށުން ފަދަ ކަންކަމުގައި މޮޅުމީހުން މަދެއްނޫނެވެ. އެހެންނަމަވެސް އޭގެ ތެރޭގައި ގިނައީ ހުނަރުވެރިކަމަަށް އެއްވެސް ކަހަލަ ސަމާލުކަމެއް ނުލިބި ފަރުދާގެ ފުރަގަހުގައި ނިވާވެގެން ތިބި މީހުންނެވެ. މިފަދަ މީހުންނަށް ޓިކްޓޮކް ވެގެންދިޔައީ ހީ މަޖާކޮށްލުމަށް މޮޅު ވީޑިއޯތަކެއް ބަލާލާނެ އެޕަކަށް ނޫނެވެ. އެމީހުންނަށް ޓިކްޓޮކް ވެގެންދިޔައީ ފަރުދާގެ ފުރަގަހުގައި ފޮރުވިފައިވާ ހުނަރު ދައްކާލަދޭނެ މައިދާނަކަށެވެ.
އެހެންނަމަވެސް ހިތާމައަކީ ހުނަރުވެރިކަން ދެއްކުމުގައި ދިވެހިންގެ ތެރެއިން ބަޔަކު ހައްދުފަހަނަޅައި ދިޔުމެވެ. ޒަމާނުއްސުރެއް ދިވެހިންގެ ތެރޭގައި އޮތް ރީތި ގޮތްތަކާއި ލަދުވެތިކަން ގެއްލިގެންގޮސް ކުޑައެއް ބޮޑެއް ނެތި އެބަޔަކަށް ޖެއްސުނުހާ ވައްތަރެއް ޖެއްސުމެވެ. ލަދެއް ތަދެއް ނެތެވެ. ބަޔަކު ކިޔާފާނެ އެއްޗަކާމެދު ކަންބޮޑުވުމެއްވެސް ނެތެވެ. ކޮންމެ މީހަކުވެސް ބަލަނީ މޮޅު ކަމެއް ކޮށްލައި މަޝްހޫރުވެވޭތޯއެވެ.
ރާއްޖޭގައި އެމީހުންގެ ވާހަކަ ނުދައްކާ މީހަކު ނެތެވެ. ފޭސްބުކަށް ވަދެލިޔަސް އިންސްޓަގްރާމް ހުޅުވާލިޔަސް ފެންނަނީ އެއްކަލަ ޓިކްޓޮކް ވީޑިއޯތަކެވެ. އެއީ ވަރަށް ސަޅި ކަމެއް ކަމަށް ބަލައި ތައުރީފުކުރާ މީހުންނާއި ހުތުރުކަމެއް ކަމަށް ދެކި މަލާމާތްކުރާ މީހުންވެސް ތިބެއެވެ. ކޮންމެކަހަލަ ޚިޔާލެއް އޮތަސް ވީޑިއޯ ބަލައެވެ. ކޮންމެ ގޮތަކަށް ދެއްކިޔަސް އޭގެ ވާހަކަ ދައްކައެވެ. އެހެންވީމާ ވިޑިއޯތައް ކުޅޭ މީހުންގެ މަގްސަދު މިދަނީ ހާސިލްވަމުންނެވެ. މަޝްހޫރުވުމުގެ ހުވަފެން ދަނީ ހަގީގަތަކަށް ވަމުންނެވެ.
މިޒާތަކުން މަޝްހޫރުކަން ހޯދަމުން އަންނަ ދިވެހިންގެ ކިބައިން ފެންނަ ތަފާތު އެހެން ކަމަކަށް ނަޒަރު ހުއްޓުނީމާ ހިނި އަންނަ ގޮތްވެސް ވެއެވެ. މޮޅެތި ވީޑިއޯތައް ކުޅެ އެތަންމިތަނުގައި އަޕްލޯޑު ކުރަމުންދާ ހުނަރުވެރި ދިވެހިންނަށް ކެމެރާ ކުރިމަތީ ބަހެއް ދެބަހެއްވެސް ބުނާކަށް ނުކެރެއެވެ. ލެންސް ކެޕް ނަގާފައި ހުރި ކެމެރާއެއްގެ ކުރިމައްޗަށް އަރަން ނުވެސް ކެރެނީއެވެ. މާބޮޑަށް ލަދުގަންނާތީއެވެ. ޓީވީ ޗެނަލަކުން ފެނިދާނެތީއެވެ. ތިމާގެ ވާހަކަ އެންމެ ދައްކާނެތީއެވެ.
މިހާބޮޑު ލަދެއް ގަންނައިރު ޓިިކްޓޮކް ވީޑިއޯތައް ކުޅެ ރިކޯޑު ކުރަމުންދަނީ ކެމެރާ ނޫން ދެން އެހެން ކޮންއެއްޗަކުންބާވައެވެ. ފޭސްބުކާއި އިންސްޓަގްރާމް ފަދަ މުޅި ދުނިޔޭގައި އެންމެން ބޭނުން ކުރާ އެޕްލިކޭޝަނެއްގައި ތިމާގެ ވީޑިއޯތަކެއް ހުރުން މައްސަލައަކަށް ނުވެއެވެ. މައްސަލައަކަށް ވަނީ ޓީވީން ފެނުމެވެ. މިޒަމާނުގައި ޓީވީ ބަލާ މީހުންނަށް ވުރެ ފޯނުގައި ވަގުތު ހޭދަކޮށް ވީޑިއޯތައް ބަލާ މީހުން ގިނައެވެ. އެކަން ނޭނގިފައި މިއޮތީ ޓިކްޓޮކް ކުޅޭ ދިވެހިންނަށެވެ.
ކިޔުންތެރިންގެ ހިޔާލު