
ނައިޓްމާކެޓް ބާއްވަން ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ހުއްދައެއް ހޯދަން ނުޖެހޭނެ ކަމަށާ ނައިޓް މާކެޓަކީ މިހާރު އެކުންފުނީގެ އަމިއްލަ ނަމެއް ކަމަށް ލިކަމެކް ކުންފުނިން ބުނެފި އެވެ.
ލިކަމެކް ކުންފުނީގެ ސީއީއޯ ހަސަން ނަބީލު މިއަދު ވީނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ނައިޓް މާކެޓަކީ މިހާރު ލިކަމެކް ކުންފުނީގެ ބްރޭންޑް ނަމެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ނަމެއް ކަމަށާ އެހެންކަމުން އެކުންފުނިން ނައިޓް މާކެޓް ބޭއްވުމަށް ވިޔަފާރިވެރިންގެ ޖަމިއްޔާގެ ހުއްދައެއް ހޯދަންޖެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާއަކީ ވިޔަފާރިވެރިންނަށް ދިމާވާ ދަތިތަކާ އުނދަގޫތައް ހައްލުކޮށްދިނުމަށް ވިޔަފާރިވެރިންތަކެއް ގުޅިގެން އުފައްދާފައިވާ އަމިއްލަ ޖަމިއްޔާ އެކެވެ.
މާލޭގައި ނައިޓް މާކެޓް ނުވަތަ އެފަދަ އިވެންޓެއް ބާއްވަން ބޭނުންނަމަ ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގެ ހުއްދަ ހޯދަންޖެހޭނެ އެޖަމިއްޔާ އިން މިދިޔަ ހަފްތާގެ ތެރޭގައި ބުނެފައިވާތީ ލިކަމެކްގެ ނަބީލް ވިދާޅުވީ އެފަދަ ހުއްދައެއް ހޯދަންޖެހޭ ސަބަބެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ.
ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޖަމިއްޔާގެ ހަޒާންދާރު މިސްރު އާދަމް ވިދާޅުވީ މާލޭގައި އެއްވެސް ފަރާތަކުން ނައިޓް މާކެޓެއް ބާއްވާނަމަ އެ ޖަމިއްޔާ އިން ހުއްދަ ހޯދަންޖެހޭނެ ކަމަށާއި މިފަދަ ހުއްދަތައް އެޖަމިއްޔާއިން ދޫކުރާ ގޮތަށް އިކޮނޮމިކް މިނިސްޓްރީން މީގެކުރިން ނިންމާ އެގޮތަށް އަމަލުވެސް ކުރަމުންދާ ކަމަށެވެ.
ލިކަމެކް ކުންފުނިން އަންނަ އަހަރު ބާއްވާ ނައިޓް މާކެޓަށް މޭޒު ދޫކުރުން އަންނަ އަންގާރަ ދުވަހު ފަށާނެ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ. މޭޒު ދޫކުރުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 4:00 އަށް ޝީބިލްޑިންގެ ތިންވަނަ ފަންގިފިލާގަ އެވެ. މޭޒު ދޫކުރުމަށް ހަމަޖެހިފައިވަނީ ޓޯކަން ނަންބަރު ނަގާ ތަރުތީބުން އެންމެ ފުރަތަމަ 100 ނަންބަރަށް ކަމަށް ނަބީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޭގެ ފަހުން މޭޒު ހޯދުމަށް ހުށާހަޅާ ފަރާތްތައް ވެއިޓް ލިސްޓުކޮށް ޖާގައިގެ ކަންކަމަށް ބެލުމަށްފަހު މޭޒު ލިބޭ ނަމަ އެކަން އަންގަމުންދާނެ ކަމަށެވެ. ދަރުބާރުގޭގައި ނައިޓް މާކެޓް ބޭއްވުމަށް ކޮންމެ ފަރާތަކަށްވެސް ހައަކަ މީޓަރުން ފެށިގެން 90 އަކަ މީޓަރުގެ ޖާގަ ދޫކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.
ލިކަމެކްގެ ނައިޓްމާކެޓް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ 27 ވަނަ ދުވަހަށެވެ. މިއީ ލިކަމެކުން ބާއްވާ މިފަދަ ފުރަތަމަ ނައިޓް މާކެޓެވެ.
މާލޭގައި އާންމުކޮށް ކޮންމެ އަހަރަކު ވެސް ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާއިން ނައިޓް މާކެޓް ބޭއްވި ނަމަވެސް ހައުސިން މިނިސްޓްރީގެ އެއްބާރުލުން ނުލިބުނު ކަމަށް ބުނެ މިއަހަރު ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާއިން ނައިޓް މާކެޓް ބާއްވާފައެއް ނުވެ އެވެ.
ކިޔުންތެރިންގެ ހިޔާލު