
ގަލްފްގައި ރަސްކަމެއްކުރާ ކުޑަކުޑަ ގައުމެއް ކަމަށްވާ ބަހްރެއިންގެ ޕާލަމެންޓަށް އިންތިޚާބުވެވަޑައި ގެންނެވި އަންހެން މެމްބަރުންގެ އަދަދު ދެގުނަ އިތުރުވެއްޖެއެވެ.
ސާޅީސް ގޮނޑިހިމެނޭ ބަހްރެއިންގެ ޕާލަމެންޓް ނުވަތަ ކައުންސިލް އޮފް ރެޕްރެޒެންޓޭޓިވްސްގައި ކުރިން ތިއްބަވަނީ އެންމެ ތިން އަންހެން މެމްބަރުންނެވެ.
ނަމަވެސް، އެގައުމުގައި އާދީއްތަދުވަހު ބޭއްވި އިންތިޚާބުގެ ދެވަނަ އަދި ފަހުބުރުގައި ޕާލަމެންޓްގެ ގޮނޑި ހަ އަންހެން ބޭފުޅަކަށް ވަނީ ކަށަވަރުވެފައެވެ. މިއީ ކުރިން ތިއްބެވި މެމްބަރުންނާ އަޅާބަލާއިރު ދެގުނަ އިތުރު އަދަދެކެވެ.
މިއީ، ވަރަށް ތާރީޚީ ކަމެއް ކަމަށް އެގައުމުގެ މީޑިއާއިން ސިފަކުރަމުން އެބަގެންދެއެވެ.
ސިޓިޒަންސް ފޮރ ބަހްރެއިންގެ ތަރުޖަމާނު މުހަންމަދު އަލް ސައީދު ވިދާޅުވީ، ސިޔާސީ މައިދާނުގައާއި، މުޖުތަމައުގައި އަންހެނުންނަކީ ހަމަހަމަ އަދި މުހިންމު ބައެއްކަމަށް ބަހްރެއިންގެ ރައްޔިތުން ގަބޫލުކުރާ ހިނދު، ޕާލަމެންޓަށް އިންތިޚާބުވެވަޑައި ގެންނެވި އަންހެން މެމްބަރުންގެ އަދަދު ދެގުނަ އިތުރުވުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
ނޮވެމްބަރު 24 ވަނަ ދުވަހު ބޭއްވި ޕާލަމެންޓް އިންތިޚާބުގެ ފުރަތަމަ ބުރުގައި ފައުޒިއާ ޔޫސުފް އަބްދުﷲ ޒައިނަލްއާއި، ފާތިމާ އައްބާސް ގާސިމް މުހަންމަދު ގޮނޑި ކާމިޔާބު ކުރައްވާފައި ވާއިރު، މިއަދު ބޭއްވި ދެވަނަ ބުރުން ސައުސަން މުހަންމަދު އަބްދުއްރަހީމް ކަމާލްއާއި، ޒައިނަބު އަބްދުލްއަމީރު ޚަލީލް އިބްރާހިމް، މައުސޫމާ ހަސަން އަބްދުލްހުސައިން އަބްދުއްރަހީމް އަދި ކަލްތަމް އަބްދުލްކަރީމް އަލް ޖާސިމްވަނީ ގޮނޑި ކަށަވަރު ކުރައްވާފައެވެ.
ބަހްރެއިންގައި 2002 ވަނަ އަހަރު އެންމެ ފުރަތަމަ ޕާލަމެންޓް އިންތިޚާބު ބޭއްވިއިރު 31 އަންހެން ބޭފުޅުން ވާދަކުރެއްވި ނަމަވެސް، އެއްވެސް އަންހެން ބޭފުޅަކަށް ގޮނޑި ކާމިޔާބެއް ނުކުރެއްވުނެވެ.
2006 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި ގޮނޑި ކާމިޔާބު ކުރެއްވުނީ އެންމެ އަންހެން ބޭފުޅަކަށެވެ. އެއީ ލަތީފާ އަލްގައޫދު ނަމަކަށްކިޔާ ބޭފުޅެކެވެ. 2010 ވަނަ އަހަރު ލަތީފާ ވަނީ ދެވަނަ ފަހަރަށްވެސް ގޮނޑި ކާމިޔާބު ކުރައްވާފައެވެ.
ބަހްރެއިންގެ ޕާލަމެންޓަށް އަންހެން ތިން ބޭފުޅުން އިންތިޚާބުވެވަޑައި ގެންނެވީ 2014 ވަނަ އަހަރު ބޭއްވި އިންތިޚާބުގައެވެ.
ބަހްރެއިންގެ ޕާލަމެންޓްގައި އަންހެން މެމްބަރުން ހިމެނުމާމެދު ވަކި ކޯޓާ ނިޒާމެއް ކަނޑައެޅިފައެއް ނޯވެއެވެ. ބަހްރެއިންގެ ގާނޫނުއަސާސީގައި ދެޖިންސަށް ހަމަހަމަ ހައްގުތައް ކަށަވަރުކޮށް ދީފައިވާއިރު، ޕާލަމެންޓްގެ ނިޒާމު ގާނޫނުއަސާސީއާ ޚިލާފްކަމަށް ބަހްރެއިންގެ ގިނަ އާންމުން ގަބޫލުކުރެއެވެ.
ކިޔުންތެރިންގެ ހިޔާލު