
ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމް ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް މިއަދު ހެނދުނު ޒިޔާރަތް ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ނައިބް ރައީސްގެ މި ޒިޔާރަތަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ މީހުންގެ ހާލު ބައްލަވައިލެއްވުމަށާއި، އެ މުއައްސަސާގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވައިލައްވައި ދިމާވާ ދަތިތައް އޮޅުންފިލުއްވުމަށް ކުރެއްވި ޒިޔާރަތެއް ކަމަށެވެ.
ނައިބް ރައީސްގެ އަރިހުގައި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވެސް މިއަދު ވަނީ ގުރައިދޫއަށް ވަޑައިގެންފަ އެވެ.
ނައިބް ރައީސް ގުރައިދުއަށް ކުރެއްވި މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ އެ ރަށު ކައުންސިލަށް ޒިޔާރަތް ކުރައްވައި، ކައުންސިލް މެންބަރުންނާވެސް ބައްދަލުކުރައްވާފަ އެވެ.
ނައިބް ރައީސް ކަމާ ހަވާލުވެވަޑައިގަތުމަށްފަހު ފައިސަލް މީގެކުރިން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ދިރިއުޅޭ، މާލެއާއި ހުޅުމާލޭގެ ގޭގެއަށް ޒިޔާރަތްކުރައްވާ އެކުދިންގެ ހާލު ބައްލަވާލައްވާފަ އެވެ.
މީގެއިތުރުން އައިޖީއެމްއެޗާއި އޭޑީކޭ އަދި ވިލިމާލެ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވާ އެތަންތަނުގައި ތިބި ބަލި މީހުންގެ ހާލުވެސް ނައިބް ރައީސް ފައިސަލްް ނަސީމް ވަނީ ބައްލަވާލައްވާފަ އެވެ.
ކިޔުންތެރިންގެ ހިޔާލު