
މޯލްޑިވްސް ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެމްބީއޭ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ 13 ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގުގެ ފިރިހެން އެއްވަނަ ޑިވިޝަނުގައި އިއްޔެ ކުޅުނު މެޗުތަކުން ޓީރެކްސް ބާސްކެޓްބޯލް ކްލަބާއި ކިންގްސް ބާސްކެޓްބޯލް ކްލަބު މޮޅުވެއްޖެ އެވެ.
އިއްޔެ ހަވީރު ކުޅުނު މެޗުން ޓީރެކްސް މޮޅުވީ ސްޓިންގާސް ބާސްކެޓްބޯލް ކްލަބާ ވާދަކޮށް 95-65 ޕޮއިންޓުނެވެ.
މި މެޗުގައި ޓީރެކްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ކުއާޓަރުތައް ދިޔައީ 27-14، 26-16، 24-18 އަދި 18-17 ޕޮއިންޓުންނެވެ.
ލީގުގައި ރޭ ކުޅުނު މެޗުން ކިންގްސް މޮޅުވީ ރެޕްޓާސް ބާސްކެޓްބޯލް ކްލަބާ ވާދަކޮށް 71-69 ޕޮއިންޓުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ކުއާޓަރު 21-19 ޕޮއިންޓުން ކިންގްސް ލީޑު ކުރިއިރު، ދެވަނަ ކުއާޓަރު ނިމުނީ 15-15 ޕޮއިންޓުން ދެ ޓީމު އެއްވަރުވެގެންނެވެ. ތިންވަނަ ކުއާޓަރުގައި ރެޕްޓާސްއިން ކިންގްސްގެ މައްޗަށް ދެ ޕޮއިންޓުގެ ލީޑެއް ނެގި ނަމަވެސް، ފަހު ކުއާޓަރު ނިމުނީ 19-17 ޕޮއިންޓުން ކިންގްސް ކުރީގައި އޮވެގެންނެވެ.
ފިރިހެން އެއްވަނަ ޑިވިޝަނުގައި 4 ޓީމު ވާދަކުރާއިރު ދެން މިޑިވިޝަނުގެ މެޗެއް ކުޅޭނީ އަންނަ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހު ހަވީރު ކިންގްސް އާއި ސްޓިންގާސް ބައްދަލުކުރާއިރު، އެރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީރެކްސް އާއި ރެޕްޓާސް އެވެ.
ކިޔުންތެރިންގެ ހިޔާލު