
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމަށް ޝައުގުވެރިވާ ފަރާތްކަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރު އިސްމާއިލް ހަބީބް ނަސޭހަތް ދެއްވައިފި އެވެ.
ހަބީބްގެ ފޭސްބުކް ޕޭޖުގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މަޖިލިސް އިންތިހާބު ވާދަކުރެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން އިންތިހާބުގައި ވާދަކުރައްވާއިރު އިންތިހާބް ކާމިޔާބް ކުރައްވާނީ އެންމެ ގިނަ ވޯޓު ލިބޭ ފަރާތް ކަމަށް ގަބޫލު ކުރެއްވުމަށް އެދިވަދައިގަންނަވާ ކަމަށެވެ.
ހަބީބް ވިދާޅުވީ ވޯޓުލާ މަރުކަޒުގައި ތިއްބަވާ އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންނަށް އިންތިހާބު އޮޅުވާލުމަށްޓަކައި މަކަރު ނުހެދޭނެ ކަމަށާއި އެއަށްވުރެ ރާއްޖޭގެ އިންތިހާބީ ނިޒާމު މާވަރުގަދަ ކަމަށެވެ.
އިންތިހާބުން މޮޅުވުމަށްޓަކައި ހޯދަންޖެހެނީ ވޯޓު ކަމަށާއި ކެންޑިޑޭޓަކަށް އިންތިހާބު ކާމިޔާބު ކޮށްދިނުމަށްޓަކައި އިލެކްޝަންސް ކޮމިޝަނަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށްވެސް ހަބީބް ވަނީ ވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އިލެކްޝަންސް ކޮމިޝަނުން ބާއްވަން ނިންމާފައިވަނީ އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. އެކޮމިޝަނުން ބުނީ 87 ދާއިރާއަށް މެންބަރުން ހޮވުމަށް އިންތިހާބު ބާއްވާނެ ސީދާ ތާރީހު ފަހުން އިއުލާންކުރައްވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި ޕީޕީއެމުން 24 ބޭފުޅަކަށް ޓިކެޓް ދީފައިވާއިރު އެމްޑީޕީން ޓިކެޓް ދޭނެ ބޭފުޅުން ކަނޑައެޅުމަށްޓަކައި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު ޕްރައިމަރީ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ޖޭޕީއާއި ރައީސް މައުމޫންގެ ރިފޯމް މޫވްމަންޓުގެ ފަރާތުން ބޭފުޅުން ކުރިމަތިލައްވާ ދާއިރާތައް އަދި އިއުލާންކޮށްފައި ނުވާއިރު އަދާލަތު ޕާޓީން ކުރިމަތިލާން ބޭނުންވާ 13 ދާއިރާގެ މައުލޫމާތު އެޕާޓީން ވަނީ ހާމަކޮށްފަ އެެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ކުރިމަތިލާނެ ކަމަށް މިހާތަނަށް އިއުލާންކޮށްފައިވަނީ އެމްޑީޕީއާއި އެމްޑީއޭ އިން އެކަންޏެވެ.
ކިޔުންތެރިންގެ ހިޔާލު