
ސިޔާސީ ޕާޓީއެއް އުވާލުމުން ޕާޓީގެ މުދަލާއި ދަރަންޏާމެދު ޒިންމާވާނީ އެ މުއާމަލާތެއް ހިނގިއިރު ޕާޓީގެ މަސްއޫލިއްޔަތާ ހަވާލުވެގެން ތިބި ފަރާތުންކަމަށް ކަނޑައެޅުމަށް ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް މި ބިލް ހުށަހަޅުއްވާފައިވަނީ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު އެވެ.
ސިޔާސީ ޕާޓީގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ރ) އަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ ޕާޓީ އުވާލާއިރު އަދާކުރަންޖެހޭ ދަރަނި އަދާކުރުމަށް އެއްވެސް މިންވަރަކަށް ފައިސާ މަދުވާނަމަ، އެ މަދުވާ އަދަދެއްގެ ފައިސާ ދެއްކުމުގެ ޒިންމާ އުފުލަންޖެހޭނީ އެދަރަނީގެ މުއާމަލާތް ހިންގުނުއިރު ޕާޓީގެ މަސްއޫލިއްޔަތު ތަކާއި ހަވާލުވެ ތިބި ފަރާތުން ކަމަށެވެ. އަދި 32 ވަނަ މާއްދާއަށް ވަނީ ޕާޓީ އުވާލި ކަމުގައިވީ ނަމަވެސް ޕާޓީގެ ނަމުގައި މިލްކުކޮށްފައިވާ ތަކެތި ވިއްކާލައިގެން ލިބޭ ފައިސާއަކީ އެޕާޓީގެ ނަމުގައި އޮތް ދަރަނި އަދާކުރެވޭ ވަރުގެ ދަރަންޏެއް ކަމުގައި ނުވާނަމަ އެދަރަންޏެއް އަދާކޮށް ހަލާސްކުރުމުގެ އެންމެހާ ޒިންމާ އެދަރަނީގެ މުއާމަލާތް ހިންގުނުއިރު ޕާޓީގެ މަސްއޫލިއްޔަތުތަކާއި ހަވާލުވެގެން ތިބި ފަރާތުން އުފުލަންވާނެ ކަމަށް ބަޔާންކޮށް މާއްދާއެއް އިތުރުކޮށްފަ އެވެ.
މީގެއިތުރުން ގާނޫނުގެ 48 ވަނަ މާއްދާގައި ވަނީ ސިޔާސީ ޕާޓީއެއްގެ ނަމުގައި ސާބިތު ދަރަންޏެއް އޮވެ، ހުކުމާއި އެއްގޮތަށް އެ ދަރަންޏެއް ނުދައްކާނަމަ އެޕާޓީއަކަށް ދައުލަތުގެ ބަޖެޓުންދޭ ފައިސާއިން އެދަރަންޏެއް ދެއްކުމުގެ ފައިސާ އުނިކުރުމުގެ ބާރު ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ލިބިގެންވާ ކަމަށްވެސް ބަދަލު ކުރަން ހުށަހަޅާފަ އެވެ.
ސިޔާސީ ޕާޓީގެ ގާނޫނަށް ހުށަހަޅާފައި މިވާ އިސްލާހުގައިވާ ގޮތުން ޕާޓީއަކަށް މާލީ އަދި ޖިނާއީ ކަމެއް މެދުވެރިވެއްޖެނަމަ އެކަމުގެ ޒިންމާ އުފުލަން ޖެހޭނީވެސް އެފަދަ ކަމެއް އުފަންވިއިރު ޕާޓީގެ މަސްއޫލުވެރިކަމާ ހަވާލުވެ ތިބި ފަރާތަކުންނެވެ.
ސިޔާސީ ޕާޓީގެ ގާނޫނަށް މިފަދަ އިސްލާހުތަކެއް ގެނައުމަށް ހުށަހަޅާފައިވާއިރު ބައެއް ސިޔާސީ ޕާޓީތަކުން ދައްކަންޖެހޭ ދަރަނި އަދާނުކޮށް ހުރުމުގެ ސަބަބުން ފަހުން އެފަދަ ޕާޓީތަކާ ހަވާލުވާ ބޭފުޅުންނަށް އެ ޕާޓީތަކުގެ ދަރަނި ދައްކަންޖެހިފައިވެ އެވެ. އެގޮތުން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް ޑީއާރްޕީން ކޮށްފައިވާ ހަރަދުތައް ނުދައްކާހުރެ ފަހުން ޑީއާރުޕީގެ ލީޑަޝިޕާ ހަވާލުވި ފަރާތަށް ވަނީ އެ ފައިސާ ދައްކަންޖެހިފަ އެވެ. އެގޮތުން ޑީއާރްޕީގެ ލީޑަރޝިޕްގައި ޖެހުނު މައްސަލަތަކާ ހެދި ޕާޓީ އުފެއްދެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ އެޕާޓީ ދޫކޮށްލައްވާ އާ ޕާޓީއެއް ހައްދަވާފަ އެވެ. ނަމަވެސް ފަހުން ޑީއާރްޕީގެ ލީޑަޝިޕާ ހަވާލުވެވަޑައިގެންނެވި ބޭފުޅުންނަށް ވަނީ އެދަރަނި ތައް އަދާކުރަން ޖެހިފަ އެވެ. މިގޮތުން އެޕާޓީން އެމްޓީސީސީއަށް 1.1 މިިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ވަނީ 2014 ވަނަ އަހަރު ހުކުމްކޮށްފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރުގެ ސްޓޫޑިއޯއަކުން ޑީއާރްޕީން ހޯދި ހިދުމަތްތަކަކަށް ވެސް 19 މިލިއަން ރުފިޔާ ދައްކަން އެ ޕާޓީ އަށް ވަނީ ޖެހިފަ އެވެ.
ޕީޕީއެމްގެ މިލްކުވެރި ފަރާތެއް ހޯދުމަށް މިހާރު އެމައްސަލަ ކޯޓުގައި ހިނގަމުންދާއިރު މިދިޔަ ރިޔާސީ އިންތިހާބާއި ދިމާކޮށް ޕީޕީއެމުން ސަރުކާރަށް ދައްކަންޖެހޭ ފައިސާތަކެއް ނުދައްކާހުރި މައްސަލަތަކެއްވެސް ވަނީ ފެންމަތިވެފަ އެވެ.
ކިޔުންތެރިންގެ ހިޔާލު