
ޔޫތު މިނިސްޓްރީގެ މުވައްޒަފުން ވަޒީފަގައި އުޅޭ ވަގުތު އެމީހުންގެ ދަރިން އޮފީހަށް ގެންދެވޭ އުސޫލެއް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ހަމަޖައްސަވައިފިއެވެ.
މަހުލޫފް މިހެން ވިދާޅުވީ މިއަދު ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ، ޔޫތު މިނިސްޓްރީގައި މަސައްކަތްކުރައްވާ މުވައްޒަފުން އޮފީހުގައި މަސައްކަތް ކުރައްވާ ވަގުތު އެމީހުންގެ ތުއްތު ކުދިން އޮފީހަށް ޒިޔާރަތްކޮށް މައިންބަފައިންނާއެކު ވަގުތު ހޭދަ ކޮށްލުމުގެ ފުރުސަތު ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ހަމަޖައްސަވާފައިވާ ކަމަށެވެ.
އެހެންނަމަވެސް އެކަން އެގޮތަށް ކުރައްވާނެ އުސޫލު މަހުލޫފް ހާމަކުރައްވާފައެއް ނުވެއެވެ. މައިންބަފައިންނަށް ދަރިންނާއެކު އޮފީހުގައި ހޭދަކުރުމަށް ދީފައިވަނީ ކިހާ ވަގުތެއް ކަމެއްވެސް އަދި ސާފެއް ނުވެއެވެ.
މަހުލޫފް އެގޮތައް ޓްވީޓް ކުރައްވާފައިވާއިރު، ޔޫތު މިނިސްޓްރުގެ ނިންމެވުމަށް ގިނަ ބަޔަކުވަނީ މަރުހަބާ ކިޔާފައެވެ. އަދި އެނިންމުމަކީ މުވައްޒަފުންނަށް ގިނަ ވަގުތު އޮފީހުގައި ހިތްހަމަ ޖެހިލައިގެން ވަގުތު ހޭދަކުރެވޭނޭ ނިންމުމެއް ކަމަށް ގިނަބަޔަކު ވަނީ ބުނެފައެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޔޫތު މިނިސްޓަރު ކަމަށް އަހުމަދު މަހުލޫފް އައްޔަން ކުރައްވާފައިވަނީ އެމަނިކުފަނު ރައީސްކަމުގެ ހުވާ ކުރެއްވި ދުވަހުގެ ރޭގައެވެ.
ޔޫތު މިނިސްޓަރު ކަމަށް މަހުލޫފް އައްޔަން ކުރެއްވި ހިސާބުންފެށިގެން ޔޫތު މިނިސްޓްރީގެ ހުރިހާ މުވައްޒަފުންނާ ބައްދަލު ކުރައްވާ މުވައްޒަފުންގެ ކަންބޮޑުވުންތައް އަޑުއައްސަވާ މުވައްޒަފުންގެ ފަސޭހައަށް މަހުލޫފް ގެންދަވަނީ އެކި ކަންކަން ކުރައްވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު