
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރާއި ފިޝަރީސް މިނިސްޓަރު ޑރ މުހައްމަދު ޝައިނީއާއި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ޣައްސާން މައުމޫނު ހިމެނިވަޑައިގަންނަވާ ގޮތަށް 18 ބޭފުޅަކަށް އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޕީޕީއެމްއިން ޓިކެޓް ދީފިއެވެ.
ޕްރައިމަރީއަކާ ނުލާ މިދިޔަ ހަފްތާގައިވެސް ރައީސް ޔާމީން ވަނީ މިހާރުގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމްގެ ބައެއް ބޭފުޅުންނަށް ޓީކެޓު ދީފައެވެ.
އާޒިމާ ޝަކޫރަށް ޓިކެޓު ދީފައިވަނީ ނ. ހޮޅުދޫ ދާއިރާއަށެވެ. ޣައްސާން މައުމޫނަށް ޓިކެޓު ދީފައިވަނީ ތ. ގުރައިދޫ ދާއިރާއަށެވެ. އަދި ފިޝަރީޒް މިނިސްޓަރ މުހައްމަދު ޝައިނީއަށް ޓިކެޓު ދީފައިވަނީ ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރުމަށެވެ.
މިބޭފުުންގެ އިތުރުން ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) އަށްވެސް ވަނީ ޓިކެޓް ދީފައެވެ. ނަޝީދާސް ޓީކެޓު ދީފައިވަނީ ކ.ކާށީދޫ ދާއިރާއަށް ވާދަކުރެއްވުމަށެވެ.
ޓިކެޓް ހަވާލުކުރި ބޭފުޅުންނަކީ:
- ހޮޅުދޫ ދާއިރާއަށް އައިޝަތު އާޒިމާ ޝަކޫރު
- ހިންނަވަރު ދާއިރާއަށް އަބްދުﷲ ނާޒިމް
- މަތިވެރި ދާއިރާއަށް އައިމިނަތު ލަޔާލް މަނިކު
- ތޮއްޑު ދާއިރާއަށް މުހައްމަދު މަބުރޫކް
- ދަނގެތި ދާއިރާއަށް މައުމޫން އަބްދުއް ސަމަދު
- ބިލެއްދޫ ދާއިރާއަށް އަހުމަދު ޝަފީގު
- ތ. ގުރައިދޫ ދާއިރާއަށް ޣައްސާން މައުމޫން
- ތިމަރަފުށި ދާއިރާއަށް އިބްރާހީމް ސަމާހު
- ގދ ތިނަދޫ އުތުރު ދާއިރާއަށް އަހުމަދު ޒުހޫރު
- ފުވައްމުލަކު މެދު ދާއިރާއަށް ހަސަން ހާލިދު
- އައްޑޫ ހިތަދޫ މެދު ދާއިރާއަށް ޒާހިދު ރަމީޒް
- ހިތަދޫ ދެކުނު ދާއިރާއަށް މުހައްމަދު ލަތީފް
- މައްޗަންގޮޅި އުތުރު ދާއިރާއަށް ޖަމީލާ އަލީ ހާލިދު
- ހުޅުމާލެ ދާއިރާއަށް އިބްރާހީމް ފައިސަލް
- ހެންވޭރު އުތުރު ދާއިރާއަށް ޑރ މުހައްމަދު ޝައިނީ
- ކާށިދޫ ދާއިރާއަށް މުހައްމަދު ނަޝީދު (ކާނަލް)
- ހެންވޭރު ދެކުނު ދާއިރާއަށް ފިޝަވިން ސަލީމް
މިހާތަނަށް ޕީޕީއެމުން ޕްރައިމަރީއަކާއި ނުލާ ޓިކެޓު ދީފައިވަނީ ޖުމްލަ 41 ބޭފުޅަކަށެވެ.
މިހާރުވެސް މަޖިލީހުގައި ތިއްބެވި މެމްބަރުންނަށް ޓިކެޓު ދީފައިވާއިރު ދެ ބޭފުޅަކަށް ޓިކެޓު އަދި ދީފައެއް ނުވެއެވެ. އެއީ ޕީޕީއެމްގެ މަޖިލިސް މެންބަރުންގެ ތެރޭގައި ހިމެނޭ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދާއި، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކެވެ.
މޫސައާއި ނަޝީދު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމާމެދު ވަކިގޮތެއް ނިންމަވާ އަދި އިއުލާން ކުރައްވާފައެއްވެސް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު