
ބ. ދޮންފަނުގައި ކުރިއަށްގެންދާ ފުޓްބޯޅަ މުބާރާތް، ދޮންފަނު އިންވިޓޭޝަން ކަޕްގައި މިއަދު ކުޅުނު މެޗު ފަސޭހަ ކަމާއެކު ގޮއިދޫ ކާމިޔާބުކޮށް އެޓީމުން މުބާރާތުގައި ކުރިޔަށްދިޔުމުގެ އުންމީދު ބޮޑުކޮށްފިއެވެ.
ގްރޫޕް ބީގައި ހިމެނޭ މި ދެޓީމުގެ ކުރިމަތިލުން 3-1 ގެ ނަތީޖާއަކުން ކުޑަރިކިލު އަތުން ގޮއިދޫ މޮޅުވިއިރު މެޗުގެ ނަތީޖާ އެނބުރިގެންދިޔައީ ދެވަނަ ހާފްގެ ކުޅުމުގެ ތެރޭގައެވެ.
ދެވަނަ ހާފްގެ ވަރަށް ކުރީކޮޅު ގޮއިދޫގެ އަޙްމަދު ބައްސާމް އެޓީމަށް ފުރަތަމަ ލަނޑު ޖަހައިދިނުމާއިއެކު ޓީމަށް ލިބުނު ހިތްވަރުން 71 ވަނަ މިނެޓްގައި އެޓީމުން ލީޑު ނެގިއެވެ. މި ލަނޑު ޖަހައިދިނީ އަލީ ޖަޒްލާން އެވެ. ގޮއިދޫއަށް ނަތީޖާގެ ފަރަގު ބޮޑުކޮށްދިނީ 78 ވަނަ މިނެޓްގައު ދެވަނަ ލަނޑު ވެސް ޖަހައިދީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަލީ ޖަޒްލާނެ އެވެ. ކުޑަރިކިލުގެ ހަމައެކަނި ލަނޑު މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ޖަހައިދިނީ ރިފާއު އަބްދުﷲ އެވެ. މިއަދުގެ މެޗު ބެލުމަށް ޓަކައި ދެ ރަށުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ދޮންފަނަށް ގޮސްފައެވެ.

މިއަދުގެ ނަތީޖާއާއެކު އެއްޕޮއިންޓްފެ ފަރަގަކާއި އެކު 4 ޕޮއިންޓް ހޯދައިގެން ގޮއިދޫ އެއްވަނަ މަގާމުގައި އޮތް އިރު ދެވަނަ މަގާމުގައި 3 ޕޮއިންޓާއެކު އޮތީ ކުޑަރިކިލެވެ. ކިހާދޫއަށް އެއްޕޮއިންޓް ލިބޭއިރު ފުލުގައި އޮތް ދަރަވަންދޫއަށް އަދި ޕޮއިންޓެއް ނުލިބެއެވެ.
ގޮއިދޫ އާއި ކިހާދޫ މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވިއިރު ދަރަވަންދޫ އަތުން ކުޑަރިކިލު މޮޅުވީ 3-2 ގެ ނަތީޖާ އަކުންނެވެ.
ބ. އަތޮޅުގެ 23 އަހަރުން ދަށުގެ ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ މިމުބާރާތުގައި މާދަމާ ކުޅުމަށް ހަމަޖެހިފައިވަނީ ގްރޫޕް ބީގެ މެޗެކެވެ. މި މެޗުގައި ބައްދަލުކުރާނީ ކިހާދޫ އާއި ދަރަވަންދޫ އެވެ. ގްރޫޕްގައި އިތުރަށް ކުރިޔަށްދިޔުމަށް މި މެޗަކީ ދެޓީމަށް ވެސް ވަރަށް މުހިންމު މެޗެކެވެ.
ކިޔުންތެރިންގެ ހިޔާލު