
ސީޒަން އުފައްދާ ފިލްމު "ސޯލް"ގެ އޮފިޝަލް ޕޯސްޓަރު ދައްކާލައިފި އެވެ.
މިފިލްމާ ގުޅޭގޮތުން ވީނިއުސް އަށް މައުލޫމާތު ދެމުން ފިލްމުގެ ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ އަލީ ސީޒަން ބުނީ މިފިލްމުގެ ލީޑްރޯލުން ފެނިގެންދާނީ ލަންކާގެ ދެތަރިން ކަމަށެވެ. އަދި ދިވެހި ތަރިންގެ ތެރެއިން ނުޒުހަތު ޝުއައިބްއާއި ޖުމާހު މުހިއްމު ރޯލަކުން ފެނިގެންދާނެ ކަމަށްވެސް ބުންޏެވެ.
މިފިލްމްގެ ފުރަތަމަ ޕޯސްޓަރ ރިލީޒްކޮށްފައިވަނީ ބައިސްކޯޕް އެޕް މެދުވެރިކޮށެވެ. އަދި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ވެސް އެ އެޕް ބޭނުންކޮށްގެން ކަމަށް ސީޒަން ބުނެ އެވެ.
ސީޒަން ބުނީ ފިލްމުގެ މަސައްކަތް ކުރަމުންދަނީ އަންނަ މާޗް މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ފިލްމު ރިލީޒްކުރުމަށް އަމާޒުކޮށްގެން ކަމަށެވެ.
ސީޒަން ފާހަގަކުރި ގޮތުގައި މިފިލްމުގެ ސްކްރީނިން ހަދާފައި ނުވެ އެވެ. އަދި ބައިސްކޯޕް މެދުވެރިކޮށް ފިލްމު ރިލީޒްކުރުމުން ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް މިފިލްމު ބަލާލެވޭނެ ކަމަށްވެސް އޭނާ ވަނީ ފާހަގަކޮށްފަ އެވެ. އަދި ބައިސްކޯޕް މެދުވެރިކޮށް ފިލްމެއް ރިލީޒްކުރާ މިއީ ފުރަތަމަ ފަހަރު ކަމަަށްވެސް ސީޒަން ބުނެ އެވެ.
މިފިލްމުގެ ގިނަ މަންޒަރުތައް ޝޫޓްކޮށްފައިވަނީ ކ. ތުލުސްދޫގައި އާއި އއ. މަތިވެރީގެ އިތުރުން އއ. ރަސްދޫ ކައިރީގައިވާ ފަޅުރަށެއްގައި ކަމަށް ސީޒަން ވަނީ މައުލޫމާތު ދީފަ އެވެ. އަދި މިފިލްމު ބޮޑަށް ޚާއްސަކޮށްފައިވަނީ ލޯކަލް ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ކަމަށްވެސް ސީޒަން ވަނީ ބުނެފަ އެވެ.
ކިޔުންތެރިންގެ ހިޔާލު