
ބޯންމަތް އަތުން 4-0 ގެ ހިތްދަތި ނަތީޖާއަކުން ބަލިވެ އިނގިރޭސި ޕްރިމިއަރ ލީގުގައި ޗެލްސީ ތާވަލުގެ ފަސްވަނައަށް ވެއްޓިއްޖެއެވެ.
ބޯންމަތްގެ ދަނޑުގައި ކުޅުނު މި މެޗުގައި ޗެލްސީއަށް ގޯލުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އެ ޓީމުގެ ފޯވާޑް ލައިން ފެނުނީ ވަރަށް ނިކަމެތިކޮށެވެ. ހާއްސަކޮށް އެ ޓީމާއި އަލަށް ގުޅުނު ގޮންޒާލޯ ހިގައިން ގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ.
މެޗުގައި ބޯންމަތް ގެ ފުރަތަމަ ގޯލު ދެވަނަ ހާފުގެ 47 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖޯޝުއާ ކިންގް އެވެ. އޭނާގެ ފަރާތުން މޮޅު ކުޅުމެއް މި މެޗުގައި ފެނިގެންދިޔަ އިރު އެ ޓީމުގެ ދެވަނަ ގޯލު ޖަހާފައިވަނީ މެޗުގެ 63 ވަނަ މިނެޓުގައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑޭވިޑް ބްރޫކްސް އެވެ. މެޗުގެ 74 ވަނަ މިނެޓްގައި ކިންގް ވަނީ އެޓީމުގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.
ބޯންމަތްގެ ހަތަރުވަނަ ގޯލު މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުކޮޅުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ޗާލީ ޑެނިއަލްސް އެވެ.
ރޭގެ ނަތީޖާއާއެކު ލީގުގެ ފަސްވަނައިގައި ޗެލްސީ އޮތީ 47 ޕޮއިންޓާއެކުއެވެ. ލީގުގެ ހަތަރުވަނައިގައި މިވަގުތު އޮތް އާސެނަލް އަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓު ލިބިފައިވާއިރު އެޓީމަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. މެޗުން މޮޅުވި ބޯންމަތް އޮތީ 33 ޕޮއިންޓާއެކު ލީގުގެ 10 ވަނައިގައެވެ.
މިއީ 1988 ވަނަ އަހަރަށްފަހު އަމިއްލަ ދަނޑުގައި ކުޅެ ވާދަވެރި މެޗަކުން ޗެލްސީގެ މައްޗަށް ބޯންމަތްއަށް ކުރި ހޯދުނު ފުރަތަމަ ފަހަރެވެ.
ކިޔުންތެރިންގެ ހިޔާލު