
ބައެއް ފަހަރު ނޫސްތަކުގައި ހުންނަ ލިޔުންތައް ފެނި އެވާހަކަތައް ގަބޫލުކުރަން ވެސް ދަތިވެއެވެ. ނަމަވެސް މިއީ ހަމަ ހަގީގީ ވާހަކައެކެވެ. އެގޮތުން އަވައްޓެރި އިންޑިއާގެ ކެރެލާ ސްޓޭޓްގެ އަވަށެއް ކަމަށްވާ ކޮޑިންހި އަވަށުގެ ދެހާސް އާއިލާއަށް 220 ޖޯޑު އެއްމާބަނޑު ކުދިން ލިބިފައިވާ ވާހަކައަކީ ވަރަށް ހައިރާން ކުރަނިވި ވާހަކައެކެވެ. އެއީ ކިހިނެއް ހިނގާ ކަމެއްތޯ ބެލުމަށް ޑޮކްޓަރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، އަދި މިހާހިސާބަށް ސަބަބު ހޯދިފައި ނުވެއެވެ. އެއް އަވަށެއްގައި 220 ޖޯޑު އެއްމާބަނޑު ކުދިން ތިބުމަކީ އާންމުކޮށް ދިމާވާ ކަމެއް ނޫނެވެ. އެއީ ދުނިޔޭގެ ނިސްބަތުން ބަލާއިރު ހަގުނަ އިތުރު އަަދަދެކެވެ.
2008 ވަނަ އަހަރު އެވަށުގެ ތިންސަތޭކަ އަންހެނުން ސިއްހަތު ރަނގަޅު ކުދިން ވިހާފައިވާއިރު، އޭގެ ތެރޭގައި އެއްމާބަނޑު ކުދިންގެ 15 ޖޯޑު ހިމެނެއެވެ. ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި އެއްމާބަނޑު ކުދިންގެ 60 ޖޯޑު އުފަންވެފައިވާއިރު، އަހަރުން އަހަރަށް އެނިސްބަތް އަންނަނީ އިތުރުވަމުންނެވެ. ދެހާސް ސަތާރަ ވަނަ އަހަރު އެއަދަދު ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެއަވަށުގައި އެއްމާބަނޑު ކުދިން އެހާ ގިނައިން އުފަންވާ ސަބަބު ހޯދުމަށް މަސައްކަތް ކުރާ ކެރެލާ ޑޮކްޓަރެއް ކަމަށްވާ ކްރިޝްނަން ސްރިބިޖޫ ބުނެފައިވަނީ އެއަވަށުގައި އެއްމާބަނޑު ކުދިން އިތުރުވާ ސަބަބު ހޯދުމަށް އޭނާ ރިސާޗް ކުރާތާ ދެއަހަރު ވެފައިވާ ކަމަށެވެ. އަދި އޭނާގެ ހޯދުންތަކަށް މާބޮޑު ކުރިއެރުމެއް ލިބިފައި ނުވިނަމަވެސް އޭނާގެ ހޯދުންތަކުން އެނގުނު ގޮތުގައި ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ އަދަދަށްވުރެ ގިނަ ކަމަށެވެ. އެ އަވަށުގައި 300 އާއި 350 އާއި ގާތްކުރާ އަދަދަކަށް އެއްމާބަނޑު ކުދިން ތިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް ޑރ ކްރިޝްނަން ބުނެފައިވެއެވެ.
އޭނާ ބުނެފައިވަނީ މީގެ ތިން ޖީލު ކުރިން ފެށިގެން އެ އަވަށުގައި އެއްމާބަނޑު ކުދިން އިތުރުވާން ފަށާފައިވާ ކަމަށެވެ. އަދި އަހަރުން އަހަރަށް އެ އަދަދު އިތުރުވަމުން އަންނަ ކަމަށްވެސް ޑޮކްޓަރު ބުނެފައިވެއެވެ.
ޑރ. ކްރިޝްނަން ބުނެފައިވަނީ އޭނައަށް ލަފާކުރެވޭ ގޮތުގައި އެ އަވަށުގައި އެއްމާބަނޑު ކުދިން އެހާ ގިނައީ އެއަވަށުގެ މީހުންގެ ކެއުން ގެންގުޅޭ ގޮތުން ކަމަށެވެ. އާންމުގޮތެއްގައި އެއްމާބަނޑު ކުދިން ލިބިފައިވަނީ ދިގުމިން ފަސްފޫޓް ތިން އިންޗިއަށްވުރެ ދިގު ނޫން އަންހެނުންނަށް ކަމަށްވެސް އެޑޮކްޓަރު ބުނެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު