
އޮސްޓްރޭލިއާގެ އިރުއުތުރުގެ ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ބޯވިއްސާރައިގައި ގިނަ ސަރަހައްދުތަކެއްގައި ވަނީ މުޅީން ފެން ބޮޑުވެފަ އެވެ. އެ ގައުމުގެ އިރުއުތުރުގެ ކުއީންސްލެންޑް ސްޓޭޓްގެ ރަށެއް ކަމަށްވާ ޓައުންސްވިލްގެ ބޮޑު ސަރަހައްދެއް މިހާރު ވަނީ ފެނު އަޑީގަ އެވެ. އެ ރަށުގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ފެންބޮޑުވުމަށްވުރެ ނުރައްކާތެރި ކަމެއް ވަނީ އެ މީހުންނަށް ކުރިމަތިވެފަ އެވެ.
ފެން ބޮޑުވުމާ ގުޅިގެން ޖަންގަލީގެ ސަރަހައްދުތަކާއި ކޯރުތަކުގައި ދިރިއުޅޭ ނުރައްކާތެރި ޖަނަވާރުތައް މިހާރު ވަނީ މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ދަތުރުކުރަން ފަށާފަ އެވެ. މިގޮތުން ބައެއް ސަރަހައްދުތަކުން މިހާރުވެސް ބޮޑެތި ކިނބުލާއި، ނުރައްކާތެރި ވިހަގަދަ ހަރުފަ ފަދަ ޖަނަވާރުތައް ވަނީ ފެނިފަ އެވެ. ބައެއް ސަރަހައްދުތަކުން "ފްރެޝް ވޯޓާ ކްރޮކޮޑައިލް" ނުވަތަ ރީތި ފެނުގައި ދިރިއުޅޭ ކިނބޫ ފެނިފައިވާއިރު އަނެއް ސަރަހައްދުތަކުން ހަރުފަ ފަދަ ނުރައްކާތެރި ޖަނަވާރުތައް ވަނީ ފެނިފަ އެވެ.

މިފަދަ އެއް ހާދިސާއެއް ހިނގާފައިވަނީ މަންޑިންބަރާ ކިޔާ ސަރަހައްދެއްގަ އެވެ. އެ ރަށުގެ މީހަކު ވަނީ އޭނާގެ ގެއިން ގާތްގަނޑަކަށް ހަތް ފޫޓުގެ ބޮޑު ކިނބުލެއް ފެނިފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ކޮށްފަ އެވެ.
މި ކިނބޫ ފެނިފައިވަނީ އޭނާ ދިރިއުޅޭ ގޭގެ ކުރިމަތިން ކަމަށް އޭނާ ރިޕޯޓްކުރި އެވެ. މިކަމާއި ގުޅިގެން އޮފިޝަލުން ވަނީ ކުއީންސްލެންޑުގެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ބާރުއަޅާފަ އެވެ. އަދި ފެންގަނޑުގެ ތެރެއަށް އެރި ނޫޅުމަށް ގޮވާލާފައިވެ އެވެ. އެކި ސަރަހައްދުތަކުން މިފަދަ ކިނބޫ ފަދަ ނުރައްކާތެރި ޖަނަވާރު ފެނިފައިވީ ނަމަވެސް އެއިން ޖަނަވާރަކާ ގުޅިގެން އެއްވެސް ނުރައްކާތެރި ހާދިސާއެއް ހިނގާފައިވާކަން އަދި ސާފެއް ނޫނެވެ.
ކުއީންސްލެންޑްގެ ސަރަހައްދުތަކަށް ކުރިއަށް އޮތް ދެތިން ދުވަހުވެސް ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުން ކުރިއަށް ލަފާ ކުރާ ފަރާތްތަކުން އަންދާޒާ ކުރެ އެވެ. ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ހާލުގައި ޖެހިފައިވާ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތުގައި އެ ގައުމުގެ އަސްކަރިއްޔާއިންވެސް މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.
ކުއީންސްލެންޑްގެ ގިނަ ސަރަހައްދުތަކަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ކުރިމަތިވެފައިވާއިރު، އޮސްޓްރޭލިއާގެ ބައެއް ސްޓޭޓްތަކުގައި އާދަޔާއި ޚިލާފަށް ހޫނު ގަދަކަން ވެސް ފާހަގަކުރެވެ އެެވެ.
ކިޔުންތެރިންގެ ހިޔާލު