
މިހާރު ކުރިއަށްދާ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިއަދު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް ޔުނައިޓެޑް ވިކްޓަރީން ފެށުން ރަނގަޅުކޮށްފިއެވެ.
ގްރޫޕް ދޭއްގައި މިއަދު ހަވީރު ކުޅުނު މެޗުން ޔޫވީ މޮޅުވީ 2-1 އިންނެވެ. ޔޫވީ ޓީމަކީ މިއަހަރުގެ މުބާރާތަށް ތައްޔާރުވި ނިއުރޭޑިއަންޓް ޓީމެވެ. އެކަމަކު އެފްއޭއެމުން ނިއުރޭޑިއަންޓް ސަސްޕެންޑް ކުރުމާއި ގުޅިގެން، ނިއުގެ ސްކޮޑު މުބާރާތުގައި ވާދަކުރަނީ ޔޫވީގެ ނަމުގައެވެ.
މިއަދުގެ މެޗުގައި ޔޫވީން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ފުރަތަމަ ހާފުގައިވެސް މާޒިޔާގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލިއެވެ. 31 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ގޯލަކީ ޔޫވީގެ މިޑްފީލްޑަރު އަހުމަދު ހާމީ ނަޖާހު އޭރިއާ ބޭރުން ކާމިޔާބުކުރި ރީތި ގޯލެކެވެ.
ޔޫވީން މެޗުގައި ލީޑު ފުޅާކުރީ މެޗު ނިމެން 7 މެނަޓަށް ވެފައިވަނިކޮށެވެ. މާޒިޔާގެ ޑިފެންޑަރު އަޝްފާގު ހެދި ގޯހެއްގެ ފައިދާ ނަގާ މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ޔޫސުފް ޖައިޝަމް ނާފިޒް އެވެ. މެޗުގައި މާޒިޔާއިން ޖެހި ހަމައެކަނި ގޯލް އިތުރު ވަގުތުގެ ތެރޭގައި އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ޔާމީން އަލީ އެވެ.
މެޗަށްފަހު ޔޫވީގެ ކޯޗު މުއާވިޔަތު އިލްހާމް ބުނީ ފުރަތަމަ މެޗުން މޮޅުވުމުން ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ފުރަތަމަ މެޗަށްވުމުން ދަތިތަކެއް ހުރި ކަމަށާއި، އެކަމަކު މެޗުން މޮޅުވީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ކަމަށްވެސް ބުންޏެވެ.
މާޒިޔާގެ ކޯޗު އަހުމަދު ސުޒެއިރު ބުނީ މިއަދުގެ މެޗު ފެއްޓިއިރު ކުޅުންތެރިންނަށް މާބޮޑަށް އިތުބާރު ބޮޑުވީ ކަމަށް ލަފާކުރެވޭ ކަމަށާއި، މެޗު ފެށުނީ ތަންކޮޅެއް މަޑުން ކަމަށެވެ. އެހެންކަމުން އޭގެ އަސަރު ޓީމަށް ކުރީކަމަށްވެސް ކޯޗު ބުންޏެވެ.
މިއަދުގެ މެޗުން ޔޫވީ މޮޅުވިއިރު، އެޓީމާއި މާޒިޔާގެ އިތުރުން ކްލަބު އީގަލްސްއަށް ވަނީ 3 ޕޮއިންޓު ލިބިފައެވެ.
ކިޔުންތެރިންގެ ހިޔާލު