
ފުރިހަމަ ނަމުގެ ފަހު ބައިގައި 'ޓްރަމްޕް' އިނުމުން ސްކޫލުގައި ހަނގާކުރުމުގެ ޝިކާރައަކަށް ވެފައިވާ އުމުރުން 11 އަހަރުގެ ޖޯޝުއާ ޓްރަމްޕަށް، އެމެރިކާގެ ކޮންގްރެސްގައި ރައީސް ޑޮނަލްޑް ޓްރަމްޕް ސްޓޭޓް އޮފް ދަ ޔޫނިއަން ތަގްރީރު ދެއްވާ ޖަލްސާގައި ބައިވެރިވުމަށް ދައުވަތު ލިބިއްޖެއެވެ.
އެމެރިކާގެ ރައީސްގެ ދެކަނބަލުންގެ ދައުވަތު ލިބުނު ޖޯޝުއާއަކީ ޑެލަވެއަރގެ ވިލްމިންޓަންގެ ސްކޫލެއްގެ ގްރޭޑް 6 ގައި ކިޔަވަމުންދާ ދަރިވަރެކެވެ.
ވައިޓް ހައުސް ނެރުނު ކުރު ބަޔާނެއްގައި ވާގޮތުން ޖޯޝުއާ ޓްރަމްޕްއަކީ ރައީސް ޓްރަމްޕްގެ އާއިލީ ކުއްޖެއް ނޫނެވެ. ނަމަވެސް އޭނާއަށް މިދައުވަތު ދެވުނީ އޭނާގެ ފަހު ނަމެއްގެ ގޮތުގައި ޓްރަމްޕް އިނުމުން ސްކޫލުގައި ކުދިން ދިމާކޮށްހަދާތީ ކަމުގައި ބަޔާނުގައިވެއެވެ.
ދައުވަތު ލިބުމާއެކު ޖޯޝުއާވަނީ ރައީސް ޓްރަމްޕަށާއި ފަސްޓްލޭޑީ މެލާނިއާއަށް ޝުކުރު އަދާކޮށްފައެވެ.
ޖޯޝުއާ ބުނާގޮތުން އޭނާގެ 'ހީރޯ' އަކީ އަދި އެންމެ ގާތް އެކުވެރިޔަކީ އެމެރިކާގެ ވައިގެ ސިފައިންގެ ތެރޭގައި އުޅޭ އޭނާގެ ބޮޑުބޭބެ ކޯޑީއެވެ. އަދި އޭނާ އެންމެ ޝައުގުވެރިކަން ހުންނަނީ ޖަނަވާރާއި ސައިންސްގެ ދާއިރާއިންނެވެ. އަދި މުސްތަގްބަލުގައި އޭނާ ކުރިއަށްދާން ބޭނުންވަނީވެސް މިދާއިރާއިންކަމުގައި ބުނެފައިވެއެވެ.
.
ސްޓޭޓް އޮފް ދަ ޔޫނިއަން ތަގްރީރު ދެއްވާއިރު އެމެރިކާގެ ރައީސަށާއި ރައީސްގެ އަނބިކަނބަލުން އަދި ކޮންގްރެސްގެ 535 މެމްބަރުންނަށް އެބޭފުޅަކު ބޭނުންފުޅު ބޭފުޅުންނަށް ދައުވަތު ދެއްވުމުގެ ފުރުސަތު އޮވެއެވެ.
ޖޯޝުއާ ޓްރަމްޕްގެ އިތުރުން ޓްރަމްޕްގެ ދެކަނބަލުން މިފަހަރު ދައުވަތު ދެއްވި އެހެނިހެން ފަރާތްތަކުގެ ތެރޭގައި އެމެރިކާއަށް ގަވާއިދާޚިލާފަށް ވަދެގެން އުޅުނު މީހަކު މަރާލި އުމުރުން ދުވަސްވީ ދެމަފިރިންކަމުގައިވާ ޖެރަލްޑްއާއި ޝެރަޓަންގެ އާއިލާ މެމްބަރުން ހިމެނެއެވެ. އަދި ކުރިން މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކޮށް އުމުރު ދުވަހުގެ ޖަލުހުކުމެއް ތަންފީޒްކުރުމުން ދަނިކޮށް މިދިޔަ ޑިސެމްބަރުމަހު އެމެރިކާގެ ކްރިމިނަލް ޖަސްޓިސްއަށް ގެނައި އިސްލާހް ފާސްވުމާ ގުޅިގެން އެންމެ ފުރަތަމަ މިނިވަންވި މެތިއު ޗާލްސްވެސް ހިމެނެއެވެ.
ކިޔުންތެރިންގެ ހިޔާލު