

ފިއޮރެންޓީނާ 3-1އިން ބަލިކޮށް އިޓާލިއަން ކަޕް ފުޓްބޯޅަ މުބާރާތް ނަޕޯލީ ކާމިޔާބުކޮށްފި އެވެ.
ލިވަޕޫލާއި ޗެލްސީގެ ކުރީގެ ކޯޗު ރަފާ ބެނީޓޭޒް ކޯޗުކޮށްދިން ނަޕޯލީ މެޗުން މޮޅުކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ މެޗުގެ ވަރަށް ކުރީކޮޅު ދެ ލަނޑު ޖެހި ލޮރެންސޯ އިންސިގްނޭ އެވެ. މެޗުގެ ހަތް ވަނަ މިނިޓާއި 11 ވަނަ މިނިޓްގައި އޭނާ ޖެހި މި ދެ ގޯލަށް ފަހު ފިއޮރެންޓީނާގެ ހުއާން ވާގަސް ލަނޑު ޖެހި ނަމަވެސް މެޗުގެ ފަހު ވަގުތުގައި އިތުރު ލަނޑެއް ޖެހީ ވެސް ނަޕޯލީ އެވެ.
ރޯމުގެ އޮލިމްޕިކް ސްޓޭޑިއަމުގައި ކުޅުނު މެޗު ފެށީ މެޗު ފަށަން އޮތް ވަގުތަށްވުރެ 30 މިނިޓް ފަހުންނެވެ. އެއީ ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުން ހިނގުމުންނެވެ. މި ހަމަނުޖެހުމުގައި ނަޕޯލީގެ ތިން ސަޕޯޓަރަކަށް އަނިޔާވި އެވެ.
މެޗަށް ފަހު ކޯޗު ބެނީޓޭޒް ބުނީ ފައިނަލް މެޗު ކާމިޔާބުކުރަން ކުޅުންތެރިން ވަރަށް ބޮޑަށް ބޭނުންވި ކަމަށާއި ސަބަބަކީ އެ ޓީމުގެ މި ސީޒަނުގެ ކާމިޔާބީ އާއި ނާކާމިޔާބީ އިޓާލިއަންކަޕުގެ ތައްޓާ ގުޅިފައިވާތީ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު