ލިޔުއްވީ: ޑރ. އައިޝަތު މުނީޒާ

އިސްލާމިކް ފައިނޭންސަކީ ދިވެހިރާއްޖެއަށް ފާއިތުވެދިޔަ ފަސްވަރަކަށް އަހަރުގެ ތެރޭގައި ތައާރަފުވެ މަގުބޫލުކަން ހޯދަމުން އަންނަ މާލީ ނިޒާމަކަށް ވީނަމަވެސް، 1960ގެ އަހަރުގެ ތެރޭގައި އިސްލާމިކް ފައިނޭންސް ވަނީ ދުނިޔެއަށް ތައާރަފުވެފަ އެވެ. އިސްލާމިކް ފައިނޭންސް ދުނިޔެއަށް ތައާރަފުކުރަން ޖެހުނު މައިގަނޑު ސަބަބަކީ ކޮންވެންޝަނަލް ފައިނޭންސް ނިޒާމުގެ ތެރެއިން ރިބާއާ ނުލައި މުސްލިމުންނަށް މާލީ މުއާމަލާތްތައް ކުރެވޭނެ ފަދަ ގޮތެއް ނެތުމެވެ. ރިބާ އަކީ މުސްލިމުން ކުރުން ޙަރާމްވެފައިވާ މުއާމަލާތެކެވެ.
ދިވެހިރާއްޖެއަށް އެންމެ ފުރަތަމަ އިސްލާމިކް ފައިނޭންސްގެ ނިޒާމުގެ ބާވަތްތަކުގެ ތެރެއިން ތައާރަފުވެފައިވަނީ ތަކާފުލެވެ. އެއީ 2003 ވަނަ އަހަރު އަމާނާ ތަކާފުލް މޯލްޑިވްސްގެ ހިދުމަތް ލިބެން ފެށުމުންނެވެ. އެއަށްފަހު، 2011 ވަނަ އަހަރު ދިވެހިރާޖޭގެ ފުރަތަމަ އިސްލާމިކް ބޭންކު ހުޅުވި ފުރަތަމަ ފަހަރަށް އިސްލާމިކް ކެޕިޓަލް މާކެޓުގެ ހިދުމަތްތައް ތަޢާރަފުކުރެވުނެވެ. މިގޮތުން އެ އަހަރު އަމާނާ ތަކާފުލް މޯލްޑިވްސް ވަނީ ދިވެހިރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގައި ޝަރީއާ ހުއްދަކުރާ ހިއްސާ ވިއްކާ ކުންފުންޏެއް ގޮތުގައި ލިސްޓުކުރެވިފަ އެވެ. އަދި ހިއްސާ ވިއްކާ ކުންފުނިތައް ސްކްރީން ކުރާ ޝަރީއާ ސްކްރީންކުރާނެ މިންގަޑުތައް ވަނީ އެކުލަވާލެވިފަ އެވެ. އެހެންކަމުން، 2011 ވަނަ އަހަރަކީ ދިވެހިރާއްޖެއަށް އިސްލާމިކް ފައިނޭންސް ތައާރަފުވުމުގައި ހިނގި މުހިއްމު ކަންކަން ނިމިގެން ދިޔަ އަހަރެކެވެ. 2012 ވަނަ އަހަރު އެޗްޑީއެފްސީ އަމްނާ ވަނީ ވުޖޫދަށް ގެނެވިފަ އެވެ. 2013 ވަނަ އަހަރު ފުރަތަމަ ފަހަރަށް ދިވެހި ސަރުކާރުން ޕްރައިވެޓް ޞުކޫކްގެ މުއާމަލާތެއް ކޮށް، ސައުތު އޭޝިޔާގެ ފުރަތަމަ އިސްލާމިކް ޓްރެޒަރީ އިންސްޓްރޫމަންޓު ތަޢާރަފުކުރި އެވެ. އެލިއާ ކުންފުނިން އިސްލާމިކް ހަޔާ ޕާޗޭސް އެއްވެސް ޖޫރިމަނާ އަކާ ނުލައި ޝަރީއާ ހުއްދަކުރާ ގޮތުގެ މަތިން ދޫކޮށް، އަދި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ވުޖޫދަށް ގެނެވި، ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓުގައި ކޯޕަރޭޓް ޞުކޫކް އެއް ލިސްޓުކުރެވުނެވެ.
މިފަދައިން އިސްލާމިކް ފައިނޭންސްގެ މުއާމަލާތްތައް ދިވެހިރާއްޖޭގައި ފެށި، މިއަދާ ހަމައަށް އައިއިރު ދިވެހިރާއްޖޭގައި އިސްލާމިކް ފައިނޭންސް ކުރިއަރަމުންދާ ހަލުވިމިނަކީ މިއަދު ދުނިޔެ އެކަން ބަލިގެންފައިވާ ހަލުވިމިނެކެވެ. އެލައިޑް އިންޝުއަރެންސް ކުންފުނިންނާއި ބޭންކް އޮފް މޯލްޑިވްސް ފަދަ ދިވެހި ކުންފުނިތަކުންވެސް މިވަނީ އިސްލާމިކް ފައިނޭންސްގެ ހިދުމަތްތައް ދޭން ދިވެހިރާއްޖޭގައި ފަށާފަ އެވެ.
މިދިޔަ އަހަރު އިސްލާމިކް ފައިނޭންސްގެ ކަންކަން ދިވެހިރާއްޖޭގައި ކުރިއަރައިގެން ގޮސްފައިވާ ގޮތަށް ބަލާއިރު އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ މި އަހަރުވެސް އައު ޕްރޮޑަކްޓުތަކެއް މާކެޓަށް ތަޢާރަފުވެގެން ދިޔަ ކަމެވެ. މިގޮތުން ހައުސިންގް ޑިވެލޮޕްމަންޓު ކޯޕަރޭޝަނުން ވަނީ ކޮމްޕައުންޑު އިންޓަރެސްޓު ނާރާ ގޮތަށް، ޝަރީޢާގެ ހަމަތަކުގެ މަތިން ގެދޮރު މިލްކު ކުރެވޭނެ ނިޒާމު ތަޢާރަފުކޮށްފަ އެވެ. އަދި ލިޓަސް އޮޓޯ މޯބައިލްސް ކުންފުނިން ވަނީ އިސްލާމިކް ހަޔާ ޕާޗޭސް މަރކެޓަށް ތައާރަފުކޮށްފައެވެ. އަޔާދީ ތަކާފުލް އިން ވަނީ ފެމިލީ ތަކާފުލް ފުރަތަމަ ފަހަރަށް ރާއްޖެއަށް ތައާރަފުކޮށްފަ އެވެ.
މިދިޔަ އަހަރު އެންމެ ފާހަގަކޮށްލެވޭ އަނެއް ކަމަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދިވެހިރާއްޖެ އިސްލާމިކް ފައިނޭންސްގެ ހަބެއްގެ ގޮތުގައި ދެކުނު އޭޝިޔާގެ ސަރަހަދުގައި ރާއްޖެ ހެދުމަށްޓަކައި މޯލްޑިވްސް ސެންޓާ ފޯ އިސްލާމިކް ފައިނޭންސް އުފައްދަވައި، އެކަން ކުރުމުގެ އަމަލީ މަސައްކަތް ފެށުމެވެ. އަދި މި ކުންފުނީގެ ބެލުމުގެ ދަށުން އިސްލާމިކް ޓޫރިޒަމް ރާއްޖެއަށް ތައާރަފުކޮށް، ސޮވްރިން ވެލްތު ފަންޑެއް ޤާއިމުކޮށް، ފުރަތަމަ ފަހަރަށް ޙަލާލު އިންޑަސްޓްރީ އެއް އުފެއްދުމުގެ މަސައްކަތް މިވަނީ ފަށާފަ އެވެ. ހަޒާނާ މޯލްޑިވްސް ލިމިޓެޑް ވަނީ އިސްލާމިކް ސެކިޔުރިޓީޒް އިޝޫ ކުރުމަށް އުފައްދާފަ އެވެ. ދާރުލް އީމާންގެ ނަމުގައި ސަރުކާރުން މިސްކިތް ވަޤްފު ފަންޑަށް ފައިސާ ހޯދުމަށް އެޅި އިމާރާތް ހަދައި ނިމި މިއަހަރު ތެރޭގައި ވަނީ އެ އިމާރާތް ކުއްޔަށް ދެވިފަ އެވެ. މުޝާރަކާ މުތަނާޤިސާ އޮނިގަނޑުގެ މައްޗަށް އިސްލާމިކް ޓްރެޒަރީ ބިލެއް އެކުލަވާލެވި، އެ އޮނިގަނޑު މިވަނީ ބޭނުންކުރެވިފަ އެވެ. ބޭންކް އޮފް މޯލްޑިވްސް އިން ވަނީ އިސްލާމިކް ބޭންކިންގް އަށް ޚާއްސަ ބްރާންޗެއް ހުޅުވައި، އިސްލާމިކް ފައިނޭންސިން ފެސިލިޓީޒް ދިނުން ވަރަށް އަވަހަށް ފަށާނެ ކަމަށް އިޢުލާނުކޮށްފައެވެ.
އިސްލާމިކް ފައިނޭންސުން އިންސާނީ ވަސީލަތް ތަރައްގީކުރުމަށް އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް އިން ވަނީ މިއަހަރުގެ ތެރޭގައި އިންސެފް، ދަ ގްލޯބަލް ޔުނިވަސިޓީ އޮފް އިސްލާމިކް ފައިނޭންސާއެކު އެމްއޯޔޫއެއް ހަދައި މާސްޓާސް ފެންވަރުގެ ކޯސްތައް އޮފާކޮށް، އަންނަ އަހަރުގެ ޖަނަވަރީގައި އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސްގެ އަމިއްލަ އިސްލާމިކް ފައިނޭންސަށް ޚާއްސަ ޑިޕްލޮމާ އަދި ބެޗްލާސް ކޯސްތަކެއް ފަށާނެ ކަމަށް އިޢުލާނުކޮށް ބައިވެރިވުމަށް ހުޅުވާލާފަ އެވެ. އަދި މޯލްޑިވްސް އިސްލާމިކް ބޭންކާއި އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް އާ ގުޅިގެން އިސްލާމިކް ފައިނޭންސް ކިޔަވަން ބޭނުންވާ ކުދިންނަށް ފައިސާގެ އެހީ ހަމަޖެހޭނެ ގޮތް ވަނީ ހަދާފަ އެވެ.
މީގެއިތުރުން އިންސާނީ ވަސީލަތް މިދާއިރާއިން ތަރައްގީކުރުމަށްޓަކައި މޯލްޑިވްސް ސެންޓާ ފޯ އިސްލާމިކް ފައިނޭންސް އަދި އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް އިން ވަނީ ޕާކިސްތާނުގެ އަލްހުދާ ސެންޓާ އޮފް އިސްލާމިކް ބޭންކިން އެންޑް އިކޮނޮމިކްސްއާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ. މޯލްޑިވްސް ސެންޓާ ފޯ އިސްލާމިކް ފައިނޭންސުން ވަނީ މެލޭޝިޔާގެ ޔުނިވަސިޓީ ސައެންސް އިސްލާމް މެލޭޝިޔާ އާއި އެކުވެސް އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ. އަދި މިދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ވިމެން އޮން ބޯޑްސްއާ އެކު ވެސް މޯލްޑިވްސް ސެންޓާ ފޯ އިސްލާމިކް ފައިނޭންސުން ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ. ތިންވަނަ ފަހަރަށް މޯލްޑިވްސް އިސްލާމިކް ބޭންކިން އެންޑް ފައިނޭންސް އިންޑަސްޓްރީ ކޮންފަރެންސްވަނީ މިއަހަރުވެސް ބޭއްވިފަ އެވެ. އިސްލާމިކް ފައިނޭންސާއި ބެހޭ ފޮތެއް ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ވަނީ ދިވެހި ބަހަށް ތަރުޖަމާކުރައްވާ ނެރުއްވާފަ އެވެ. މޯލްޑިވްސް އިސްލާމިކް ބޭންކުން މިއަހަރު ތެރޭގައި ވަނީ އެ ބޭންކަށް ފަސް އަހަރު ފުރުން ފާހަގަކޮށް، ހުޅުމާލެ އަދި ގދ. ތިނަދޫގައި އެ ބޭންކުގެ ބްރާންޗު ހުޅުވާފަ އެވެ. އަދި ސައުތު އޭޝިއާ ސަރަހައްދަށް ހުޅުވައިގެން ބޭއްވި ފުރަތަމަ އިފްސާ އެވޯޑު ވަނީ ދިވެހިރާއްޖޭގެ އިސްލާމިކް ފައިނޭންސްގެ ހިދުމަތްދޭ ވަރަށް ގިނަ ކުންފުނިތަކަށް ލިބިފަ އެވެ. އަދި މޯލްޑިވްސް ޕެންޝަން ފަންޑުގެ ޝަރީޢާ ކޮމްޕްލަޔަންޓް ބައި މިވަނީ 1.0 އިންސައްތަ އިތުރުވެފަ އެވެ.
މިދިޔަ އަހަރު ނިމިގެން ދަނިކޮށް އެޗްޑީއެފްސީން އައު ޞުކޫކް އެއް އިޝޫކުރާނެ ވާހަކަވެސް ވަނީ އިޢުލާނުކޮށްފަ އެވެ. އަދި ތޮމްސަން ރޮއިޓާޒް އިން ދިވެހިރާއްޖެއަކީ އިސްލާމިކް ފައިނޭންސް އެންމެ ހަލުވި މިނެއްގައި ކުރިއަރާފައިވާ 15 ގައުމުގެ ތެރޭގައި ވަނީ ފާހަގަކޮށްފަ އެވެ. ތޮމްސަން އިން ފާހަގަކޮށްފައިވާ ގޮތުގައި 2015 ގައި ރާއްޖޭގެ އިސްލާމިކް ފައިނޭންސް އެސެޓު ހުރީ ޔޫއެސްޑީ 144.14 މިލިއަން ޑޮލަރުގަ އެވެ. ޖުމުލަ ގޮތެއްގައި ދަންނަވާނަމަ މިދިޔަ އަހަރަކީ އިސްލާމިކް ފައިނޭންސްގައި ދުނިޔޭގެ ފެންވަރުގައިވެސް އަދި ޤައުމީ ފެންވަރުގައިވެސް ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ ވަރަށް ކާމިޔާބު އަހަރެކެވެ.
އެޑިޓަރުގެ ނޯޓް:
ޑރ. އައިޝަތު މުނީޒާއަކީ ބޭންކިންގެ ދާއިރާ އިން މާސްޓާސް ހާސިލް ކުރައްވައި ގާނޫނީ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މުނީޒާ އަކީ އިސްލާމިކް ފައިނޭންސްގެ ކަންކަން ރާއްޖޭގައި ކުރިއެރުވުމަށް އިސް ނަންނަގަވައި މުހިއްމު މަސައްކަތްތައް ކުރައްވާ އަދި އެކަމާ ގުޅޭ މަސައްކަތްތަކުގައި ދެމިތިބި ބައެއް ކުންފުނި ތަކުގެ ބޯޑުތަކުގެ ރިޔާސަތު ބަލަހައްޓަވާ ބޭފުޅެކެވެ. ބައިނަލްއަގްވާމީ ބައެއް ފޯރަމްތަކުގައި ވާހަކަފުޅު ދައްކަވާ ޖާނަލް ތަކުގައި ލިޔުއްވާ ބައިނަލްއަގްވާމީ އެވޯޑް ވެސް ހާސިލްކުރައްވާފައިވާ ހުނަރުވެރި ބޭފުޅެވެ. މުނީޒާ އަކީ މިއަދު ފައިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ އިތުރުން މޯލްޑިވްސް ސެންޓަ ފޯ އިސްލާމިކް ފައިނޭންސް (އެމްސީއައިއެފް)ގެ ޗެއާޕާސަން އެވެ. ރާއްޖޭގެ އިގްތިސޯދާއި ވިޔަފާރި އާއި ބޭންކިންގެ ދާއިރާގައި މުނީޒާގެ ތަޖުރިބާ އާއި އިލްމު ވީއޮންލައިން މެދުވެރިކޮށް އާންމުންނާ ހިއްސާ ކުރަން އެކަމަނާ އަބަދުވެސް ބޭނުންފުޅުވެ އެވެ. މަތީގައި އެވަނީ އެކަމަނާ ވީ އޮންލައިނަށް ލިޔުއްވާ ސިލްސިލާ ލިޔުންވުންތަކުގެ ތެރޭގައި ހިމެނޭ ލިޔުއްވުމެވެ.
-------------------------------
ކިޔުންތެރިންގެ ހިޔާލު