
މިދިޔަ އާދިއްތަ ދުވަހަކީ ތ ވިލުފުށީ އަސުރުމާގެ އާއިލާއާއި މުޅި ވިލުފުށީގެ އިތުރަށް ރާއްޖެއަށްވެސް ވަރަށް ހިތާމަވެރި ދުވަހެކެވެ. މާފަންނު ލައިޓް ސިގްނަލްގޭގެ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ތ ވިލުފުށީ އަސުރުމާގޭ އުމުރުން 47 އަހަރުގެ ޤާސިމް ޝާހިދު އާއި އޭނާގެ އަންހެނުން، ތ ވިލުފުށީ ފޭރުގޭ އުމުރުން 42 އަހަރުގެ ރަޒީނާ އިބުރާހިމް ފެނުމަކީ މުޅި އާއިލާއާއި ދިވެހި ކޮންމެ ރައްޔިތަކަށްވެސް ސިހުން ގެނުވި ހިތާމަވެރި ހާދިސާއެކެވެ. މި ހާދިސާއާއި ގުޅިގެން މިވަގުތާއި ހަމައަށްވެސް ތަފާތު ސުވާލްތައް ދަނީ ކުރަމުންނެވެ. އެދެމަފިރިންގެ ކުއްލި ވަކިވެދިއުމުގެ ފަހަތުގައި ފޮރުވިފައިވަނީ ކޮން ކަމެއްތޯ އެތަށް ބަޔަކު ދަނީ ސުވާލު ކުރަމުންނެވެ. މިއީ ގުދުރަތީ މަރެއްތޯ ނުވަތަ އެހެންކަމަކާއި ގުޅިގެން ހިނގާދިޔަ ހާދިސާއެއްތޯ ސުވާލު ކުރާ މީހުން ގިނައެވެ. އެމަރުގެ ތަހްގީގު ފުލުހުން ކުރަމުން ގެންދާއިރު، ފުލުހުންވެސް ބުނެފައިވަނީ ބޮޑަށް ބެލެވެނީ މިއީ ގުދުރަތީ މަރެއްކަމަށެވެ. ބޭރު ފުށުން އެދެމީހުންގެ ގައިންވެސް އެއްވެސް ކަހަލަ އަނިޔާއެއް، ޒަހަމެއްގެ އަސަރެއް ފެންނަން ނެތްކަމަށެވެ. މީގެ އިތުރަށް އެދެމަފިރިން މަރުވެފައި ތިއްބާ ފެނުނީ އެކަކު އަނެއްކަކާއި ދާދި ގާތުގައި އޮށޯވެލައިގެން ތިއްބައެވެ.
މި ހާދިސާއާއި ގުޅިގެން އެދެމަފިރިންގެ ޕޯސްޓްމޯޓަމްއެއް ހެދުމަށް ފުލުހުން އާއިލާއަށް ހުށައެޅިނަމަވެސް އެކަމާއި، އާއިލާއިން އެއްބަސްވެފައިނުވާކަމަށް މައުލޫމާތު ލިބެއެވެ. ސަބަބަކީ ގާސިމްއާއި ރަޒީނާގެ މަރަކީ ގުދުރަތީ މަރެއްކަމުގައި އެދެމަފިރިންގެ ދޮށީ ދަރިފުޅަށް ގަބޫލްކުރެވޭތީކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިއަދު މެންދުރު ނަމާދަށްފަހު ގާސިމްއާއި ރަޒީނާގެ ދެމަފިރިން އެއްވަޅެއްގައި ވަނީ ވަޅުލާފައެވެ. އެދެމަފިރިންގެ ކުއްލި ވަކިވެދިއުމުގައި ކިތަންމެ ސުވާލެއް އުފެދުނު ނަމަވެސް އެދެމަފިރިން ދުނިޔެ ދޫކޮށް އެދިޔައީ ފަނޑުވުމެއްނެތް އެތަށް ހަނދާންތަކެއް ދުނިޔެއަށް ދޫކޮށްފައެވެ. ގާސިމްއާއި ރަޒީނާ ދަންނަ ހުރިހާ އެންމެވެސް ދައްކާ އެއް ވާހަކައެއް އޮވެއެވެ. އެއީ ލޯބީގައި ނަމޫނާ ދެމަފިރިންކަމެވެ. ވަރަށް އަހުލާގު ރަނގަޅު ދެމަފިރިންކަމެވެ. އެކަކު އަނެކަކަށް އަޅާލާ އިހްތިރާމްކޮށްގެން އުފާވެރި ދިރިއުޅުމެއް ބިނާކުރަމުންދިޔަ ދެމަފިރިންކަމެވެ.
ދީނަށް ލޯބިކުރާ ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތު ކުރަމުންދިޔަ ދެމަފިރިންކަމެވެ. ފެށުނު އައު އަހަރާއިއެކު އެދެމަފިރިންގެ އެންމެ ބޮޑު އުންމީދަކަށްވީ މިއަހަރު ހައްޖު ކޯޕަރޭޝަންގެ ހަވާލްގައި ހައްޖަށްދިއުމެވެ. އެކަމަށް ބޭނުންވާ ފައިސާގެ ތެރެއިން ބޮޑު ބައެއް މީހާރު ވަނީ ދައްކާވެސް ނިންމާފައެވެ. ނިޔާވުމުގެ ކުރިންވެސް އެންމެ ފަހުން އެދެމަފިރިން ދެއްކީ ހައްޖަށްދިއުމުގެ ވާހަކައެވެ. މިއީ ގާސިމްއާއި ރަޒީނާގެ ވަކިވެދިއުމުގެ ހަނދާންތައް އައުކުރާއިރު، ހިތަށް ގެނެވޭ އެދެމަފިރިންގެ އެންމެ ފާހަގަކޮށްލެވޭ ސިފަތަކެވެ.

ގާސިމްއާއި ރަޒީނާގެ ވަކިވެދިއުން ކޮންމެ ދިވެއްސަކަށް ހިތްދަތިކަންދީފައިވާއިރު، އެ ހިތާމާގައި ގުޅިގެން އެތަށް ބަޔަކު ދަނީ އެމީހުންގެ ޝުއޫރުތައް ފާޅުކުރަމުންނެވެ. މިއީ ފަހުގެ ތާރީހެއްވެސް މިފަދަ ގޮތަކަށް ދެމަފިރިއަކު ވަކިވެދިޔަ ފުރަތަމަ ފަހަރުކަމުން މިއީ ގިނަ ބަޔަކަށް ވަރަށް ބޮޑު ޝޮކެއް ލިބިގެންދިޔަ ކަމެކެވެ. މިކަމާއި ގުޅިގެން އެކިއެކި ޝުއޫރުތައް ފާޅުކުރަމުން ގެންދާ ފަރާތްތަކުން މިކަމުގައި ދީނީ އިލްމުވެރިން ދެކެވަޑައިގަންނަވަނީ ކިހިނެންތޯ ވަރަށް ގިނައިން ވަނީ ސުވާލްކޮށްފައެވެ. އަދި ބައެއް ދީނީ އިލްމުވެރިންވެސް ވަނީ މި ހާދިސާއާއި ގުޅިގެން އެބޭފުޅުންގެ ޝުއޫރުތައް ފާޅުކޮށްފައެވެ.
ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އުފަލުގައި އުޅެފައި، އެކުގައި ނިދާފައި، އެކުގައި ނަމާދުކޮށްފައި، އެކުގައި ހައްޖަށްދިއުމަށް ފައިސާދައްކާފައި، އެކުގައި މަރުވެފައި، އެކުގައި ވަޅުލެވިފައި، މާތްﷲގެ ހަސްރަތަށް އެކުގައި މަހުޝަރު ކުރެއްވުމުގެ ނަސިބަކީ ކޮންފަދަ ނަސީބެއްތޯއެވެ.
"ސުބުޙާނަﷲ. މިއީ ކޮންފަދަ އިހްލާސްތެރި ލޯތްބެއްތޯ؟ އާދަޔާ ހިލާފު ހާދިސާއެއް. އެކުގައި މަރުވި ދެމަފިރިންނަށް މާތްﷲ ހެޔޮރަހުމަތް ލައްވާށި." ޑރ ޝަހީމް ވިދާޅުވެފައިވެއެވެ.

މީގެ އިތުރަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޙް އާދަމް ޝަހީމް ވިދާޅުވެފައިވަނީ މިފަދައިންނެވެ.
"ތެދުވެރި، ދީންވެރި، ސާލިހު ލޯބިވެރިންނަކީ މާތްﷲގެ ހަސްރަތުގައިވެސް ލޮބުވެތި ބައެއްކަމުގައި ގާސިމްއާއި ރަޒީނާގެ މަރު ހެކި ނުދޭބާއެވެ. މާތްﷲ އެދެ ލޯބިވެރިން ރީތި މިސާލެއްކަމުގައި ލެއްވުމުގެ މާނައަކީ އެއީ ނޫންބާއެވެ. ޔާﷲ އެދެމަފިރިންނަށް އަފޫ ކުރައްވާ އިބަ އިލާހުގެ ޖަންނަތުގައި ލައްވާށިއެވެ." ޝައިހް އާދަމް ޝަމީމް ވިދާޅުވެފައިވެއެވެ.

މިފަދަ އެތައް ޝުއޫރުތަކެއް ގާސިމްއާއި ރަޒީނާގެ ވަކިވެދިއުމާއި ގުޅިގެން ދަނީ ފާޅުކުރަމުންނެވެ. ގަބޫލްކުރަންޖެހޭ ހަގީގަތަކީ އަޅުގަނޑުމެން ކޮންމެ މީހަކީވެސް މަރާއި ބައްދަލުކުރަންޖެހޭ މީހެއްކަމެވެ. އަޅުގަނޑުމެންނަށް ނޭންގޭ ކަމަކީ މަރާއި ބައްދަލުކުރާނީ ކޮން ވަގުތަކު ކޮން ގޮތަކަށްކަމެވެ. އެކި މީހުންނާއި މަރު ބައްދަލުކުރާނީ އެކި ވަގުތުތަކުގައި އެކި ހާދިސާތަކާއި ގުޅިގެންނެވެ. އިންސާނުންގެ މައްޗަށް އޮތީ ކެތްތެރިވުމާއިއެކު ވަކިވެދާ ފަރާތްތަކަށް ހެޔޮ ދުއާ ކުރުމެވެ.
ކިޔުންތެރިންގެ ހިޔާލު