
ޑެންގީ ހުން ރިޕޯޓްކުރި މިންވަރު 2015 ވަނަ އަހަރަށް އަށް ވުރެ މިދިޔަ އަހަރު އިތުރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭއިން ބުނީ 2015 ވަނަ އަހަރު ޑެންގީ ހުން ޖެހިގެން 1890 މައްސަލަ ރިޕޯޓު ކޮށްފައިވާއިރު މިދިޔަ އަހަރު ރިޕޯޓުކޮށްފައިވަނީ 1942 މައްސަލަ ކަމަށެވެ.
އެޗްޕީއޭއިން ބުނީ 2015 ވަނަ އަހަރު ފުރަތަމަ ހަމަސް ދުވަހު ރިޕޯޓުކޮށްފައިވަނީ 452 މައްސަލަ ކަމަށާއި، މިދިޔަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހު ރިޕޯޓު ކޮށްފައިވަނީ 1164 މައްސަލަ ކަމަށެވެ. އަދި މިއަހަރު މިހާތަނަށް 22 މައްސަލަ އެއް ރިޕޯޓުކޮށްފައިވާ ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭއިން ބުނީ 2015 ވަނަ އަހަރު ޑެންގީ ހުން އެންމެ ގިނައިން ރިޕޯޓް ކޮށްފައިވަނީ ލ. އަތޮޅުން ކަމަށާއި މިދިޔަ އަހަރު ޑެންގީ ހުން އެންމެ ގިނައިން ރިޕޯޓް ކޮށްފައިވަނީ އދ. އަތޮޅުން ކަމަށެވެ.
އެޗްޕީއޭއިން ބުނީ 2015 ވަނަ އަހަރަށް ވުރެ 2016 ވަނަ އަހަރު ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރި މިންވަރު އިތުރުވުމާއި ގުޅިގެން މިއަހަރު މިއަދަދު ދަށް ކުރުމަށް ހާއްސަ ސަމާލުކަމެއްދީގެން އިތުރަށް މަސައްކަތްކުރާނެ ކަމަށެވެ. ހުން ކޮންޓްރޯލް ކުރުމަށް އާންމުންނާއި ގުޅިގެން ވަރަށް ގިނަ މަސައްކަތްތަކެއް މާލެއާއި އަތޮޅުތެރޭގައި މިހާރު ވެސް ކުރިއަށްދާ ކަމަށާއި ދާދި އަވަހަށް ބޮޑު ކެމްޕޭނެ ފަށާނެ ކަމަށްވެސް ބުންޏެވެ.
އެޗްޕީއޭއިން ބުނީ ޑެންގީ ހުން ކޮންޓުރޯލް ކުރުމުގައި އާންމުންގެ ހިއްސާވެސް ވަރަށް ބޮޑު ކަމަށާއި، އާންމުން ވެސް މިކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ނޫނީ ޑެންގީހުން ކޮންޓްރޯލް ނުވާނެ ކަމަށެވެ. މަދިރި އާލާވާ ތަންތަން ނައްލުމާއި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ ފަރުދީ ޒިންމާއެއް ކަމަށްވެސް އެޗްޕީއޭ އިން ބުނެ އެވެ.
ޑެންގީ ހުން ފެތުރޭ މިންވަރު ކޮންމެ ހަތަރު އަހަރަކުން ނުވަތަ ފަސް އަހަރަކުން އިތުރުވެގެންދާއިރު، މިދިޔަ ދެއަހަރަކީ ޑެންގީ ހުން ފެތުރޭ މިންވަރު އިތުރުވެދާނެ އަހަރެއްގެ ގޮތުގައި އެޗްޕީއޭ އިން ވަނީ ކުރިންވެސް ލަފާކޮށްފަ އެވެ.
ޑެންގީ ހުން ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މަދިރި އާލާވާ ގޮތަށް ގެއާއި ގޯތިތެރޭގައި އެއްވެސް ކަމެއް ނުކުރަން ކަމާއި ބެހޭ މުއައްސަސާތަކުން ގެންދަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު