
މާލޭގައި އިއްޔެ ހަވީރާއި ރޭގެ ވަގުތެއްގައި ހިންގި ސިލްސިލާ މާރާމާރިގައި ޒަހަމްވި ދެމީހެއްގެ ހާލު ސީރިއަސްވެ އޭޑީކޭ ގައި ފަރުވާ ދޭން ފަށައިފި އެވެ.
ވީނިއުސައަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އިއްޔެ ހަވީރުގެ ވަގުތެއްގައި މާރާމާރީ ހިންގައި ޒަހަމް ކޮށްފައިވަނީ 29 އަހަރުގެ ޒުވާނެއް ކަމށާއި އޭނާ އަށް މިހާރު އޭޑީކޭގައި ފަރުވާ ދެމުންދާ ކަމަށެވެ. އަދި ރޭގެ ވަގުތެއްގައި މާރާމާރީ ހިންގައި ޒަހަމް ކޮށްފައިވަނީ 22 އަހަރުގެ ޒުވާނަކަށް ކަމަށާއި އޭނާއަށް ވެސް އޭޑީކޭ ގައި ފަރުވާ ދެމުންދާ ކަމަށެވެ.
ވީނިއުސްއަށް އެގިފައިވާ ގޮތުގައި މި ދެމީހުންގެ ހާލުވެސް ސީރިއަސް އެވެ. އަދި މި ދެމީހުންނަށް ފަރުވާ ދެމުންދަނީ އޭޑީކޭ އައިސީޔޫގައި ކަމަށްވެސް މައުލޫމާތު ލިބެ އެވެ.
އެނގިފައިވާ ގޮތުގައި އިއްޔެ ހަވީރު ޖަނަވަރީ މަގުގައި ހިންގި މާރާމާރީގައި ޒަހަމުވި ޒުވާނާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީފައިވުމުން ފުއްޕާމެއަށް ގެއްލުންތަކެއް ލިބި އޭނާގެ ހާލު ވަރަށް ސީރިއަސް އެވެ. އަދި ރޭގެ ވަގުތެއްގައި ޒަހަމްވި ޒުވާނާގެ ގައިގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށްވެސް މައުލޫމާތު ލިބެ އެވެ.
ފުލުހުންގެ އޮފިސަރު އިތުރަށް ވިދާޅުވީ މާރާމާރީތަކާއި ގުޅިގެން އެއްވެސް މީހަކު އަދި މިހާތަނަށް ހައްޔަރުކޮށްފައި ނުވާ ކަމަށާއި އެކަމަކު މައްސަލައިގެ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު