
ޕީޕީއެމް އޮފީހުން ގެއްލުނު ކަމަށް ބުނާ ހާޑް ޑިސްކާ ގުޅޭ ގޮތުން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ފުލުހުން މިއަދު ސުވާލުކޮށްފި އެވެ.
ރައީސް މައުމޫން ވިދާޅުވީ ފުލުހުން އެމަނިކުފާނާ ސުވާލުކުރައްވާފައިވަނީ ފުލުހުންގެ ޓީމެއް ރައީސް މައުމޫންގެ އޮފީހަށް ވަޑައިގެން ކަމަށެވެ. އެގޮތުން ޕީޕީއެމް އޮފީހުން ގެއްލުނު ހާޑް ޑިސްކުތަކާ ގުޅޭގޮތުން ފުލުހުން ބޭނުންވާ ސުވާލުތައް ކުރެއްވި ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް މި ސުވާލުތަކަށް މައުމޫން ދެއްވެވީ ކޮން ޖަވާބެއް ކަމެއް އެމަނިކުފާނު ވިދާޅުވެފައެއް ނުވެ އެވެ.
ޕީޕީއެމްގެ އެތެރޭގެ ކޯޅުން ބޮޑުވެ ދެ ފެކްޝަނަކަށް ޕީޕީއެމް ބެހިގެން ދިއުމާއެކު ޕީޕީއެމްގެ މައި އޮފީހުން ހާޑް ޑިސްކްތަކެއް ގެއްލުނު ކަމަށް ބުނެ ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ފެކްޝަނުން މިދިޔަ އަހަރު ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފަ އެވެ.
ފުލުހުން މައުމޫނާ މިއަދު ސުވާލުކުރައްވާފައިވާއިރު މިމައްސަލާގައި އިއްޔެ ވަނީ އެމަނިކުފާނުގެ ދަރިކަނބަލުން އަދި އެޑިޔުކޭޝަން މިނިސްޓްރީގެ ނައިބު ޔުމްނާ މައުމޫނާ ވެސް ސުވާލު ކޮށްފަ އެވެ.
މީގެ ކުރިން މިމައްސަލާގައި ވަނީ ރައީސް މައުމޫން ފެކްޝަނަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ވައްޑޭ) އާއި އެޕާޓީގެ ނައިބު ރައީސްކަމަށް އައްޔަންކޮށްފައިވާ އައިމިނަތު ނާދިރާ ވެސް ޕޮލިހަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އަދި ރައީސް މައުމޫން ފެކްޝަނުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް ކަމަށް އައްޔަންކޮށްފައިވާ އަބްދުލް އަލީމް ވެސް މިމައްސަލާގައި ފުލުސް އޮފީހަށް ހާޒިރުކޮށްފައިވެ އެވެ.
ކިޔުންތެރިންގެ ހިޔާލު