
ސައުދީ އަރަބިއްޔާގެ ރަސްގެފާނު އޭޝިއާއަށް ކުރެއްވި ދަތުރުފުޅުގައި ދިވެހިރާއްޖެއަށް ޒިޔާރަތްކުރެއްވުމަށް ނިންމަވާފައިވީ ނަމަވެސް ރާއްޖެއަށް ވަޑައިނުގެންނެވީ ރަސްގެފާނަށް ކުރިމަތިވެދާނެ ނުރައްކަލަކުން ރައްކާތެރިވެވަޑައިގަތުމަށް ކަމަށް ބޭރުގެ އޮންލައިން ނޫހެއް ކަމަށްވާ ސިޔާސަތު ޑޮޓް ކޮމްގައި ބުނެފި އެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ ސިޔާސަތުގައި ދިވެހި ސަރުކާރާ ހަވާލާދީ ބުނެފައިވަނީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު އަލް ސައުދު މިމަހުގެ 18 ވަނަ ދުވަހު ރާއްޖެ ކުރެއްވުމަށް ހަމަޖައްސާފައި އޮތް ރަސްމީ ދަތުރުފުޅު ކެންސަލް ކުރެއްވީ މިހާރު ރާއްޖޭގައި ހަލުވި ކަމާއި އެކު ފެތުރެމުންދާ ސްވައިން ފުލޫއާއި ގުޅިގެން ކަމަށް ދިވެހި ސަރުކާރުން ބުނެފައިވާ ކަމަށެވެ.
ނަމަވެސް މަތީދަރަޖައިގެ ފަރާތެއް ކަމަށް ބުނާ މަސްދަރަކާ ހަވާލާދީ އެ ނޫހުގައި ބުނެފައިވަނީ ސަލްމާން ރަސްގެފާނު ރާއްޖެވަޑައިނުގެން ދަތުރުފުޅު ކުރުކޮށްލެއްވީ ސަލާމަތީ ސަބަބުތަކަކަށްޓަކައި ކަމަށެވެ. ރަސްގެފާނު ރާއްޖެއަށް ވަޑައިނުގެން އެނބުރި ގައުމަށް ވަޑައިގެންނެވީ ކުރިމަތިވެދާނެ ނުރައްކަލަކާއި ގުޅިގެން ކަމަށާއި އެއީ ހަގީގަތް ކަމަށްވެސް ބުނެފައިވެ އެވެ.
އެހެން ބައެއް މީޑިއާތަކާއި ހަވާލާދީ އެ ނޫހުގައި ބުނެފައިވަނީ ސަލްމާން ރަސްގެފާނުގެ ދަތުރުފުޅު ކުރުކޮށްލެއްވީ ރާއްޖޭގެ އަތޮޅެއް ސަލްމާން ރަސްގެފާނުގެ ދަރިކަލުން މުހައްމަދު ބިން ސަލްމާނަށް ވިއްކާލަން އުޅޭ ކަމަށް ބުނެ ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން ކުރަމުންދާ އިހުތިޖާޖުތަކާއި ގުޅިގެން ކަމަށެވެ. އަދި ރާއްޖޭގައި ދިރިއުޅޭ ޔަމަނުގެ މީހެއް ކަމަށްވާ ޔާސިރު ޔަހުޔާ ރާއްޖެއިން ހައްޔަރުކުރީ ސައުދީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަމަށް އެނގިފައިވާ ކަމަށްވެސް އެ ނޫހުގައި ވަނީ ރިޕޯޓްކޮށްފަ އެވެ.
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު ކެންސަލް ކުރެއްވީ ސަލަމާތީ ސަބަބުތަކަކަށްޓަކައި ކަމަށް ސިޔާސަތު ނޫހުން ބުނެފައިވާއިރު، ސައޫދީ ރަސްގެފާނު ރާއްޖެވަޑައިގެންނެވުމުގެ ހަފުތާއެއްހާ ދުވަސް ކުރިން، ރާއްޖޭގައި ދިރިއުޅެމުން ދިޔަ ޔަމަނުގެ ރައްޔިތަކު ހައްޔަރުކޮށް ޑީޕޯޓް ކުރަން އިމިގްރޭޝަނާ ހަވާލުކުރިކަން ރާއްޖޭގެ ބައެއް ނޫސްތަކުގައި ވެސް ރިޕޯޓްކޮށްފައިވެ އެވެ.
ދިވެއްސަކާ ކައިވެނިކޮށްގެން ޑިޕެންޑެންޓް ވިސާގައި އުޅެމުންދިޔަ އެމީހާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ ބޭރުގެ ހަނގުރާމަވެރި ޖަމާއަތްތަކާއި ގުޅުން އޮންނަ ކަމަށް ބުނެ ކޯޓް އަމުރެއްގެ ދަށުން ކަމަށްވެސް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.
ކިޔުންތެރިންގެ ހިޔާލު