
ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ދޫކޮށްފައިވާ ހއ. ބެރިންމަދޫ ވިއްކާލުމަށް ނިންމާފައިވާތީ އެރަށާ ގުޅޭ އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްތޯ ބެލުމަށް ޓޫރިޒަމް މިނިސްޓްރީން އިއުލާން ކޮށްފި އެވެ.
ބެރިންމަދޫ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ހަވާލު ކޮށްފައިވަނީ އިޓަލީގެ ރައްޔިތެއް ކަމަށްވާ ފުރޯޗިން ޖިސެޕީއާ އެވެ. 2012 ވަނަ އަހަރު އޭނާ އާއި އެރަށް ހަވާލުކުރީ ބެރިންމަދޫ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ބީލަން ހުޅުވާލުމުން ކުރިމަތިލި ހަތަރު ފަރާތުގެ ތެރެއިން އެންމެ މަތީ އެކުއިޒިޝަން ފީއެއް ދައްކަން ހުށަހެޅީ އޭނާ ކަމަށްވާތީ އެވެ.
ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ބެރިންމަދޫ ލީސް އެގްރީމަންޓްގެ ދަށުން އެރަށް ކުއްޔަށް ހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހާ ހައްގުތައް އެހެން ފަރާތަކަށް ބަދަލު ކުރުމުގެ ހުއްދައަށް އެދި އެފަރާތުން ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން އިއުލާން ކުރާތާ 14 ދުވަސް ތެރޭގައި އެ ރަށާއި ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއް ވާނަމަ މިނިސްޓްރީއަށް ލިޔުމަކުން އެކަން އަންގައިދިނުމަށްވެސް ޓޫރިޒަމް މިނިސްޓްރީގެ އިއުލާނުގައި އެދިފައިވެ އެވެ.
ބެރިންމަދޫ އެހެން ފަރާތަކަށް ވިއްކާލަން އިއުލާން ކޮށްފައިވީނަމަވެސް އެރަށުގައި ރިސޯޓެއް ތަރައްގީކުރަން ކޮށްފައި ހުރި މަސައްކަތުގެ މާބޮޑު ތަފްސީލެއް ލިބިފައެއް ނުވެ އެވެ.
ބެރިންމަދޫ އަކީ މީގެ ކުރިން މީހުން ދިރިއުޅުނު ރަށެކެވެ. އަދި އެރަށަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ރަށްރަށަށް ދެވޭ އެވޯޑް ހާސިކޮށްފައިވާ ރަށެކެވެ. އެރަށު މީހުން މިހާރު ދިރިއުޅެނީ ހއ. ހޯރަފުށީގަ އެވެ.
ކިޔުންތެރިންގެ ހިޔާލު