
އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ލީޑަރު އަބޫ ބަކުރު އަލް ބަޣުދާދީ މަރުވި ކަމެއްވެސް އަދި އޭނާ ދިރިހުރި ކަމެއްވެސް ޔަގީން ނުވާ ކަމަށް ރަޝިޔާއިން ބުނެފިއެވެ.
ރަޝިޔާއިން ބުނެފައިވަނީ، ބަޣުދާދީއަށް ވީގޮތެއް ކަށަވަރު ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އައިއެސްގެ ލީޑަރު މަރުވިކަމެއް ނުވަތަ ދިރިހުރި ކަމެއްވެސް ޔަގީން ނުވާކަމަށް ރަޝިޔާއިން މި ހާމަކުރީ، ބަޣުދާދީ މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށް ހާމަކުރެވުނުތާ އެއްމަސް ފަހުންނެވެ.
ސޫރިޔާގެ ރަށެއް ކަމަށްވާ ރަޤާއަށް ރަޝިޔާގެ މަތިންދާ ބޯޓްތަކުން ދިން ވައިގެ ހަމަލާތަކެއްގައި ބަޣުދާދީ މަރުވެއްޖެ ކަމަށް ލިބުނު މައުލޫމާތައި ގުޅިގެން އެކަން ކަށަވަރު ކުރަމުންދާ ކަމަށް ރަޝިޔާގެ އަސްކަރިއްޔާއިން ހާމަކޮށްފައިވަނީ މިދިޔަ ޖޫންމަހުގެ ތެރޭގައެވެ.
އެހެން ނަމަވެސް، އޭގެ މަސްދުވަން ފަހުން، ރަޝިޔާގެ ރިޔާސީ ކިއްލާ ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯފް މިއަދު ވިދާޅުވީ، ބަޣުދާދީއަށް ވީގޮތަކާބެހޭ ކަށަވަރު މައުލޫމާތެއް ރަޝިޔާއަށް އަދިވެސް ލިބިފައި ނުވާ ކަމަށެވެ.
"ލިބެމުންދާ މައުލޫމާތު ތަކުގައި ފުށުއެރުންތައް އެބަހުރި. ކަމާބެހޭ އޭޖެންސީތައް މެދުވެރިކޮށް އެ މައުލޫމާތުތައް ޗެކް ކުރަމުން މިދަނީ" ޕެސްކޯފް ވިދާޅުވިއެވެ.
އައިއެސްގެ ލީޑަރު އަބޫ ބަކުރު އަލް ބަޣުދާދީ ޒަޚަމްވެއްޖެ ކަމަށް ނުވަތަ މަރުވެއްޖެ ކަމަށް މީގެކުރިން އެތައް ފަހަރެއްގެ މަތިން ހާމަކޮށްފައި ވެއެވެ.
ސޫރިޔާގެ ހާލަތު ބަލަމުންދާ ސީރިއަން އޮބްޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސްއިން މިދިޔަ ހަފްތާގައި ބުނެފައިވަނީ، ބަޣުދާދީ މަރުވެއްޖެ ކަމަށް ސޫރިޔާގެ ދީރް އެޒޯރު ޕްރޮވިންސްގައި ހަރަކާތްތެރިވާ އައިއެސްގެ އިސް ލީޑަރަކު މިދިޔަ ހަފްތާގައި ބުނިއަޑު އެހި ކަމަށެވެ.
އެކަމަކު އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންގެ ވެރިޔާ ޖޭމްސް މެޓިސް މިދިޔަ ހުކުރު ދުވަހު ވިދާޅުވީ، ބަޣުދާދީ މަރުވެއްޖެކަމަށް ކަށަވަރުކޮށް ނުދެއްވޭނޭ ކަމަށެވެ. ހަމަ އެއާއެކު އެކަން ދޮގުވެސް ނުކުރެއްވޭނޭ ކަމަށެވެ. އެމެރިކާގެ ސިޔާސަތަކީ ބަޣުދާދީ މަރުވެއްޖެކަން މުޅީން ކަށަވަރުވަންދެން އޭނާ ދުނިޔޭގައި އެބަހުރި ކަމަށް ބެލުން ކަމަށްވެސް ދިފާއީ ވަޒީރު ވިދާޅުވިއެވެ.
ސޫރިޔާ އަދި އިރާގުގެ ބިމުން ބޮޑުބައެއް ހިފައި އިސްލާމިކް ސްޓޭޓް ނުވަތަ ދައީޝްގެ ނަމުގައި ބަޣުދާދީ އުފެއްދި ޚިލާފަތުގެ ހަނގުރާމަވެރިންދަނީ އިސްލާމް ދީނުގެ ނަމުގައި މީހުން ރަޖަމްކޮށް، ބޯބުރިކޮށް ގުނަވަންތައް ކަނޑަމުންނެވެ.
އިސްލާމިކް ސްޓޭޓް ބަލިކުރުމަށް އެމެރިކާއާއި، އެމެރިކާއާ ބައިވެރިވާ ގައުމުތަކުން އިރާގު އަދި ސޫރިޔާގައި ވަރުގަދަ ހަނގުރާމައެއް ކުރަމުންދާއިރު، 2015 ވަނަ އަހަރުން ފެށިގެން ރަޝިޔާއިން ގެންދަނީ ސޫރިޔާގައި އައިއެސްގެ ހަނގުރާމަވެރިންގެ ބޮލަށް ބޮމުގެ ވާރޭ އޮއްސަމުންނެވެ.
މިހަނގުރާމަގައި އައިއެސްއިން ކުރިން ވެރިވެގަނެގެން އޮތް އިރާގު އަދި ސޫރިޔާގެ ރަށްތަކުގެ ބޮޑު ބަޔަކުން މިހާރު އެމީހުންވަނީ ފައްސާލާފައެވެ.
ކިޔުންތެރިންގެ ހިޔާލު